ޗާގޯސް އިނގިރޭސިވިލާތުގެ އިސްތިއުމާރުގެ ދަށުން އެހެން އެއްވެސް ގައުމަކާ ހަވާލުކުރާ ނަމަ، އެތަން ހަވާލުކުރަން އެންމެ އައުލާކަން ބޮޑީ ދިވެހިރާއްޖެއާ ކަމަށާއި، އެހެން ނޫންނަމަ މިހާރު އޮތް ގޮތަށް އެތަން އޮތުމަކީ މައްސަލައެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެނެސްދޭ ”ނޭޝަން ޗެޓް“ ޕޮޑްކާސްޓުގައި ރައީސް މުއިއްޒު ވިދާޅުވީ ފޯޅަވަހީގެ ވާހަކަ މިހާ ބޮޑަށް ދެކެވެން ފެށީ، ކުރީގެ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރެއިން ބައެއް އުނިވާގޮތަށް ނިންމި ނިންމުމާ ގުޅިގެން ކަމަށެވެ.
އެ ތަނަކީ އިނގިރޭސީންގެ ދަށުގައި އޮތް ތަނަކަށްވާއިރުގައި، އެތަން އެހެން ގައުމަކަށް ދޫކޮށްލާ ވާހަކަ ދެއްކެން ފެށީމާ، އަޅުގަނޑު މި ވާހަކަ މި ފާހަގަކުރީ. އެއްވެސް އެހެން ގައުމަކަށް އެތަން ދޫކޮށްލާނަމަ، އެތަން ދޫކޮށްލެވެންޖެހޭނީ ދިވެހި ރައްޔިތުންނަށް، ދިވެހިރާއްޖެއަށޭ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން
ފޯޅަވަހީގެ ތާރީހަށް އަލިއަޅުވާލައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެއީ ކުރީ ޒަމާނުގައި ދިވެހި ރައްޔިތުން ބޭނުންކުރަމުން އައި، ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހިމެނިފައި އޮތް ތަނެއްކަން ތާރީހީ ހެކިތަކުން ފެންނަން އޮތް ހަގީގަތެއް ކަމަށެވެ. އެހެންކަމުން، އެތަނުގެ ސިޔާދަތީ ބާރު އެހެން ބަޔަކަށް ބަދަލުކުރާ ނަމަ، އެންމެ ފުރަތަމަ އެ ހައްގު ލިބެންޖެހޭނީ ދިވެހި ދައުލަތަށްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ފޯޅަވަހި ރާއްޖެއަށް ނުލިބޭ ގޮތަށް އެހެން ގައުމަކާ ހަވާލުކުރުމުގެ ބަދަލުގައި، މިހާރުވެސް އެތަން އޮތްގޮތަށް އޮތުމަކީ ރާއްޖެއަށް މައްސަލައެއް އޮތް ކަމެއް ނޫން ކަމަށެވެ.
މީގެއިތުރުން ރައީސް ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީ ގައުމީ މަސްލަހަތާ ގުޅިފައިވާ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ.
ޗާގޮސްއަކީ އިނގިރޭސިވިލާތުގެ އިސްތިއުމާރީ ބާރުގެ ދަށުގައި އޮތް ތަނެއްގެ ގޮތުގައި ރާއްޖެއިން ޒަމާނުއްސުރެ ބަލަމުން އައީ، އެއީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބޮޑު ބައެއް އުނިވެދާނެތީއެވެ. ނަމަވެސް، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުއްލި ގޮތަކަށް، ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ގަބޫލުކުރާކަން ހާމަކޮށް މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީއެއް ފޮނުވައި ސްޓޭންޑު ބަދަލުކުރި އެވެއެވެ.
މި ސިޓީއާއި އެކު، ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލް (އިޓްލޮސް) ގައި ރާއްޖެއިން ވަކާލާތު ކުރަމުންދިޔަ ދިފާއީ ބާރު ކެނޑި، ކަނޑުގެ ސަރަހައްދުން ބައެއް މޮރިޝަސްއަށް ލިބޭގޮތަށް އެ ބަހާލެވުނެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ރުހުމެއް ނެތި، ގާނޫނުއަސާސީއާ ހިލާފަށް ނިންމި ނިންމުމެއް ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކާއި، ކުރީގެ ބަންޑާރަ ނައިބުން ހިމެނޭހެން ”ކަނޑު ވިއްކާލުމުގެ“ ތުހުމަތާއެކު ބޮޑެތި އިހުތިޖާޖުތަކެއް ކުރިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އައުމަށްވީ ބޮޑެތި ވައުދުތަކުގެ ތެރޭގައި ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުން ހިމެނެ އެވެ. އަދި ސަރުކާރުގެ އަމާޒަކީ ކުރީގެ ސަރުކާރުން ފޮނުވި ސިޓީއަކީ ބާތިލު އެއްޗެއްގެ ގޮތުގައި ކަނޑައަޅައި، އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރުމަށް ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް ކުރުމެވެ.

