ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަކިކުރާ މުވައްޒަފުންގެ ރިޕޯޓު ކޮންމެ ހަފްތާއަކު ހޯދާ، މިއީ ބިރުދެއްކުން: ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހު ވަކިކުރާ މީހުންގެ ރިޕޯޓު ހުށަހަޅަން އަންގާފައިވާ އެންގުމަކީ ރައްޔިތުންނަށް ބިރުދެއްކުންކަމަށާއި، ސަރުކާރުން ހިންގާ މި ”ދެކޮޅުނުޖެހޭ“ ސިޔާސަތުތަކާއި ދެކޮޅަށް އަޑުއުފުލަން ޖެހޭކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ކުންފުނިތަކުގެ ހަރަދުތައް ހަރުދަނާކުރުމުގެ ގޮތުން މުވައްޒަފުންގެ އަދަދު މަދުކުރަން އަންގާފައެވެ. އަދި އޭގެ ފަހުން (ޕީސީބީ ވަނީ މި މަސައްކަތް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ނިންމުމަށް ކުންފުނިތަކަށް ސާކިއުލާއެއް ފޮނުވާފައެވެ.

ރައްޔިތުންގެ މަޖިލީހަށް މި މައްސަލައިގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ހުށަހެޅި ގަރާރުގެ ބަހުސްގައި ޝަމްހީދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒު ކުރައްވާފަ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން 33 އިންސައްތަ މުވައްޒަފުން ވަކިކުރުމަށް ސަރުކާރުން ނިންމައި، އެކަން ތަންފީޒު ކުރަން ފެށުމަކީ، އެއީ ގައުމީ ފެންވަރުގެ ބޮޑު މައްސަލައެއްކަމަށް ދެކި އެކަމަށް އަޑުއުފުލަން ޖެހޭކަމަށް ޝަމްހީދު ވިދާޅުވި އެވެ.

ޝަމްހީދު ވިދާޅުވީ، ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން މަޖިލީހުގެ ތަޅުމުގައި މިއީ ކުރަން އުޅޭ ކަމެއް ނޫންކަމަށް ބުނެ ރައްޔިތުންނަށް އޮޅުވައިލަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް، ފިނޭންސް މިނިސްޓްރީއާއި ޕީސީބީން ނެރެފައިވާ ސާކިއުލާތަކަކީ ”ތޯތޯ“ ވާހަކަތަކެއްގެ ގޮތުގައި ބެލެވެން ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ފިނޭންސް އަކީ އިދާރާއެއްތޯ ނޫނީ މިނިސްޓްރީއެއްތޯ؟ އެތަނުން ނެރޭ ސާކިއުލާއާއި، ރައީސް އޮފީހުގައި ވަޒީރުން ދައްކަވާ ވާހަކަތަކަކީ އަޅުގަނޑުމެން ހަމަ ތޯތޯ ވާހަކަތަކެއްގެ ގޮތުގައި ބަލަންވީތޯ؟

ޝަމްހީދު ވިދާޅުވީ، މިދިޔަ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު އޭރުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މުވައްޒަފުން މަދުކުރުމުގެ އެންގުން އަންގާފައިވާނެކަމަށާއި، އެކަން ޕީސީބީން ތަންފީޒު ކުރަމުންދާނެކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހު ޕީސީބީން ނެރުނު ސާކިއުލާގައި، ”ރައިޓް ސައިޒް“ ކުރުމުގެ ނަމުގައި 33 އިންސައްތަ މުވައްޒަފުން މަދުކުރުމަށް ސީދާ އަމުރުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.

މި ނިންމުމުގެ ސަބަބުން ކުރިމަތިވާނެ އިޖުތިމާއީ މައްސަލަތައް ގިނަކަން ފާހަގަކުރައްވައި ޝަމްހީދު ވިދާޅުވީ، ރާއްޖޭގެ ކުންފުނިތަކުގައި މިހާރު 42،000 އާއި 44،000 އާ ދެމެދުގެ އަދަދަކަށް މުވައްޒަފުން އެބަތިބި ކަމަށެވެ. އެހެންކަމުން، 33 އިންސައްތަ މުވައްޒަފުން ވަކިކުރުމަކީ ގާތްގަނޑަކަށް 14،000 އާއިލާގެ އަތުން ކާންބޯން ކުރާ މަސައްކަތާއި ލިބޭ އާމްދަނީ އެއްކޮށް ހުއްޓުވުންކަމަށް ޝަމްހީދު ވިދާޅުވި އެވެ.

މިއީ ބޭކާރު ވަގުތުތަކެއް ހޭދަކުރަން ދައްކާ ވާހަކައެއް ކަމަށް ބުނުމަކީ މަޖިލީހުގެ މެންބަރުންގެ ޒިންމާ އަދާނުކުރުން. ސާދަ ހާސް އާއިލާގެ ވަޒީފާ ގެއްލޭ ވާހަކަ މި ދައްކަނީ. މިއަށްވުރެ ވަކިން ސީރިއަސް މައްސަލައެއް މިއަދު މި ގައުމަކު ނެތް

މީގެ އިތުރުން، މުވައްޒަފުން ވަކިކުރުމުގެ މަސައްކަތް މިހާރުވެސް ހިނގަމުންދާކަން ފާހަގަކޮށް ޝަމްހީދު ވިދާޅުވީ، ނާލާފުށިން އެކަނިވެސް 17 ޒުވާނަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޕީއެންސީއަށް ތާއީދުކުރާ ޒުވާނުން ވެސް ހިމެނޭއިރު، މިއީ ވަކި ފިކުރަކަށް ބެލުމެއް ނެތް ނުރައްކަލެއްކަމަށް އޭނާ ވިދާޅުވިއެވެ. ޕީސީބީން ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހު ވަކިކުރާ މީހުންގެ ރިޕޯޓު ހުށަހަޅަން އަންގާފައިވާ އެންގުމަކީ ރައްޔިތުންނަށް ބިރުދެއްކުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: