ކ. މާފުށީ ފަޅުބޭރުގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް ފްލޯޓިން ބާއެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަ ސަފާރީއެއްގެ ނަގިލި ކަހާލައިގެން ގޮސް، އެ ރަށު ފަރުމައްޗަށް ލައްވެ ފުނޑުފުނޑުވެވެއްޖެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، މާފުށީ ބޭރުގައި އަޅާފައި އޮތް ސަފާރީއެއްގެ ވާކަނޑައިގެން ގޮސް، އެ ރަށު ބަނދަރުގެ ބޭރު ތޮއްޓަށް ލައްވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 10:15 ހާއިރު ކަމަށެވެ. މޫސުން ގޯސްވެ، ވައިގަދަވުމުގެ ސަބަބުން ހިނގި މި ހާދިސާގައި، ނަގިލި ކަހާލައިގެން ދިޔަ ސަފާރީ ފަރުމައްޗަށް ބީހުމާއެކު، އޭގެ މަދު މިނެޓުކޮޅެއްގެ ތެރޭގައި އުޅަނދު ވަނީ މުޅިން ފުނޑުފުނޑުވެފައެވެ.
ހާދިސާ ހިނގި ވަގުތު އެ ސަފާރީގައި ހަ މީހަކު ތިއްބެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އުޅަނދު ފަރުމައްޗަށް ލައްވަން ފެށުމުން އޭގައި ތިބި ބައެއް މީހުން ވަނީ ސަލާމަތްވުމަށްޓަކައި މޫދަށް ފުއްމާލާފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
މާފުށީގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންނަށް ހިދުމަތްއް ދެމުން އައި މި އުޅަނދު ފުނޑުފުނޑުވެފައި ވަނީ، ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނިކޮށެވެ
މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި އާދީއްތަ ދުވަހާއި ހަމައަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެއެވެ.

