މިހާރު މުޅި ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ދިވެހިރާއްޖޭގެ ވެރިރަށް މާލެއިން ތިން ވަނަ މީހަކު ޕޮޒިޓިވް ވެފައިވާކަން ހެލްތް ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭ އިން މިރޭ ބުނީ މި މީހާއަކީ މިއަދު ހެނދުނު މާލެއިން ޕޮޒޮޓިވްވި މީހާއާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހެއް ކަމަށެވެ. އެމީހާ މިހާރު އައިސޮލޭޝަން ފެސިލިޓީ އަށް ބަދަލުކުރެވިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މާލެއިން އެންމެ ފުރަތަމަ ކޮރޯނާ ވައިރަހަށް ޕްޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްޓްވި މީހުންގެ ތެރެއިން ދެ ވަނަ އަށް ކޮރޯޏާ ވައިރަހަށް ޕޮޒިޓިވް ވެފައި ވަނީ އެ އަންހެން މީހާގެ ތުއްތު ދަރުފުޅު ކަމަށް ވަނީ އެނގިފައެވެ.
އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި އެންމެ ފުރަތަމަ މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އަންހެން މީހާއަކީ ޓެރެވެލް ހިސްޓްރީއެއް އޮތް މީހެއް ނޫނެވެ. އޭނާއަށް ބަލި ޖެހުނު ގޮތް މިހާތަނަށް ހޯދިފައެއް ނުވެ އެވެ. ނަމަވެސް އޭނާއާ އެކި ގޮތްގޮތުން ކޮންޓެކްޓްވި މީހުން ހޯދައި ޓެސްޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން10 މީހެއްގެ ސާންޕަލް ނަގައި ޓސްޓްކުރިއިރު އެ10 މީހުން ވެސް ވަނީ ކޮރޯނާ ވައިރަހަށް ނެގެޓިވްވެފައެވެ.
މާލޭގައި މިހާރު ކޮވިޑް-19 ބަލި ފެތުރެނީ ކަމަށް ބަލައި ރެޑް އެލާޓަށް ވަނީ މާލެ ގެނެސްފަ އެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު މާލެއަށް އަރާ ފޭބުމާއި މާލޭގައި މީހުން ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖެއިން މިހާތަނަށް ކޮރޯނާ ވައިރަހަށް 23 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި މީގެތެރެއިން މިހާރު 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

