ސީދާ ޓެރަރިޒަމްގެ ނުރައްކަލެއް ރާއްޖެ އަށް އޮތް ކަމަކަށް ދެންނެވޭކަށް ނެތް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން ބުދަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަަވަމުން ހަމީދު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން މި ހާލަތުގެ ނާޖާއިޒް ފައިދާ ނަގައިގެން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކުށްތަކަށް އަރައިގަތުން އިތުރުވެފައިވާ ކަމަށެވެ.
ހަމީދު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައިވެސް ބަދަލުވަމުންދާ ހާލަތުގެ ފައިދާ ނަގައިގެން، ކުށްތަކަށް އަރައިގަންނަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ނަމަވެސް ސީދާ ޓެރަރިޒަމްގެ ނުރައްކަލެއް ރާއްޖެ އަށް އޮތް ކަމަކަށް ދެންނެވޭކަށް ނެތް ކަމަށް ވިދާޅުވި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް މަސައްކަތްކުރަމުން އަންނަ މި ނާޒުކު ވަގުތުގެ ފައިދާ ނަގަން ބައެއް މީހުން މަސައްކަތްކުރަމުންދާ ކަމަށާއި އެފަދަ ފުރުސަތެއް ނުދެއްވާނެ ކަމަށް ހަމީދު ވިދާޅުވިއެވެ.
މި ދަނޑިވަޅުގެ ނާޖާއިޒް ފައިދާ ނަގައި، ދުނިޔޭގެ އެކި ގައުމުތަކުގައި އެކި ނެޓްވޯކުތައް ގުޅިގެން ކުށްތައް ހިންގަމުންދާތީ އެކަމާ މަޝްވަރާކުރެއްވިފައިވާ ކަމަށާއި ރާއްޖޭގައި އެފަދަ ކަމެއްކުރުމަށް ފުރުސަތެއް ނުދޭނެ ކަމަށް ހަމީދު ވިދާޅުވިއެވެ.
ހަމީދު ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ކަމާބެހޭ އިދާރާތަކުން އަންނަނީ ހަރުކަށި ފިކުރުގެ މީހުންނާ ކުރިމަތިލައި އެ ފިކުރު ނައްތާލަން ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެފަދަ މަސައްކަތެއް ކުރަމުން އަންނައިރު، ސަލާމަތީ ހިދުމަތްދޭ ފަރާތްތައް ބަލިކޮށްލެވޭނެ ކަމަށް ބައެއް ފަރާތްތަކަށް ހީކުރެވުނަސް އެކަން އެހެން ނުވާނެ ކަމުގެ ޔަގީންކަން، ދެއްވާ ކަމަށް ހަމީދު ވިދާޅުވިއެވެ.
މިފަދަ ނާޒުކު ދަނޑިވަޅެއްގެ ފައިދާ ނައިގެން، އެހެން މީހުންއަތުން އޮޅުވާލައިގެން ފައިސާ އަތުލުމުގެ މައްސަލަތަކެއް ވެސް ފާހަގަވެފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ.
އެގޮތުން ފާއިތުވި 10 ދުވަހުގެ ތެރޭގައި އެކި ނަން ނަމުގައި މީހުންނަށް ގުޅައި ފައިސާ ހޯދަމުން ދިޔަ 35 ސިމް ކާޑެއް މާފުށީ ޖަލުން ހޯދާފައިވާ ކަމަށާއި އެ ޖަލުގައި މީގެ ކުރިން ހިންގި އޮޕަރޭޝަންތަކުގައި، އޮޅުވާލައިގެން ފައިސާ ހޯދާކަމުގެ ތުހުމަތުގައި 150 ސިމް އަތުލާފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ.
”މި ހުރިހާ ފިޔަވަޅަކީ ވެސް ރައްޔިތުންގެ ރައްކާތެރިކަމަށް އަޅުގަނޑުމެން އަޅާ ފިޔަވަޅުތަކެއް. މި ދަނޑިވަޅުގައި ވެސް އަޅުގަނޑުމެން ދޭން ބޭނުންވާ ޔަގީންކަމަކީ، އަޅުގަނޑުމެންގެ ވަރަށް ގިނަ ވަސީލަތްތަކެއް ހަގީގަތުގައި މި ހުރީ ކޮވިޑް-19 އަށް މި ލެވޭ އެފޮޓްގައި، މާލޭގައި ވެސް އަތޮޅުތެރޭގައި ވެސް ކަރަންޓީން ފެސިލިޓީތަކުގައި، އައިސޮލޭޝަން ފެސިލިޓީތަކުގައި އަދި އެހެން ވިއަސް އަޅުގަނޑުމެން ދެން ހުރި މަސައްކަތްތަކަށް ރިޑައިރެކްޓް ކުރާނަން އިތުރު އެފަޓާ އެކީގައި“ ހަމީދު ވިދާޅުވިއެވެ.
މީގެ އިތުރުން ހަމީދު ވިދާޅުވީ ކޮވިޑް-19 ގެ މިދަނޑިވަޅުގައި ރޭވިގެން ހިންގާ ކުށްތައް ގިނަވެފައިވާ ކަމަށާއި އެންމެ ބޮޑަށް ހިންގަނީ ރައްޔިތުންނާ ގުޅުން ހުރި މާލީ ކަންކަމާއި ގުޅޭ ކުށްތައް ކަމަށެވެ.

