ދުނިޔެ އެނބުރެމުން ސެނބުރެމުންދާއިރު، ބަދަލުނުވާ އެއްޗެއް ނޯވެއެވެ. ކޮންމެ އެއްޗަކަށް ވެސް، އޭގެ ޒާތުގައި ބަދަލުއާދެއެވެ. މި ގޮތުން ބަލާއިރު، އަޅުގަނޑުމެންގެ މާދަރީ ބަހަށް މިއަދު މިވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ހަމައެކަނި މިއަދަކު ނޫން އިނގޭތޯއެވެ. ޒަމާން އޭގެ އޮޅިތަށް ގިރާކުރަމުން މިއަދާއި ހަމައަށްއައިރު، އެކި ޒަމާންތަކުގައި އެކި ބަދަލުއައިސްފައިވާކަން ފާހަގަކުރެވެއެވެ.
އެއީ ކަން އޮންނާނޭ ގޮތް ވެސް މެއެވެ. އަޅުގަނޑު އިސްވެ މި ދެންނެވި ބަދަލުއަންނަނީ، ހަމައެކަނި ދިވެހިބަހަކަށް ވެސް ނޫން އިނގޭތޯއެވެ. ބަވަނަވެފައިވާ މި ދުނިޔޭގައިވާ ހުރިހައި ބަހަކަށް ވެސް މި ބަދަލު އަންނަމުންދެއެވެ. އެކި ފަހަރު އެކި ގޮތްގޮތަށެވެ. އެކި ފަހަރު އެކި މިންވަރަށެވެ.
ތިޔައިގެތެރެއިން ބޭފުޅަކުގެ ހިތުގައި ސުވާލުއުފެދުން އެކަށީގެންވެއެވެ. ދިވެހިބަހަކީ، އެ ބުނާހައި މުއްސަނދި ބަހަކަށްވާއިރު، ދިވެހިބަހުގެތެރޭގައި އެހެނިހެން ބަސްބަހުގެ ލަފުޒުތައް، ދިވެހިބަހުގެތެރެއަށްވަދެ ދިވެހި ލަފުޒުތަކަށް ވާންޖެހޭ ސަބަބެއް އެބައޮތްހެއްޔެވެ؟
އެއްވެސް ޝައްކެއްނެތެވެ. ދުނިޔޭގެ ކޮންމެ ބަހެއް ވެސް، އުފެދިފައިވަނީ އެހެނިހެން ބަސްތައް މެދުވެރިއަކަށްވެގެންނެވެ. އެއްބަހުގެތެރެއިން އަނެއްބަހެވެ. މި ދުނިޔޭގެ އެންމެ އިސްސަފުގައި ފައިތިލަ ސާބިތުކޮށްލާފައިވާ ބަސްތައް ވެސް، އުފެދިފައިވަނީ އެހެނިހެން ބަސްބަހުގެ އެހީތެރިކަމާއެކުއެވެ. މިއީ އިޤްރާރުގެ ދޫތައް، އިންކާާރުނުކުރާނެ ޙަޤީޤަތެކެވެ. އިންސާފުގެ ލޯތައް، ބޭއިންސާފުގެ ނަޒަރަކުން، ނުދެކޭނެކަމެކެވެ.
ވަހުމެއްނެތް ފަދައިން، ދުނިޔޭގެ އެންމެ ނުފޫޒުގަދަ އިނގިރޭސިބަހަށް ބަލައިލިޔަސް، އަޅުގަނޑު އިސްވެ ދެންނެވި ވާހަކައިގެ ހެކިތަައްް އެހުރީ ދިމާއަށް ފެންނާށެވެ.
އިނގިރޭސިބަހުގައިވާ ”ޕްރޮޖްނީ“(progeny) އަށް ނަޒަރެއް ދެއްވުން ކީއްތޯއެވެ. އިނގިރޭސިބަހުގެ ތެރެއަށް މި ލަފުޒު ވަދެފައިވަނީ، ފަރަންސޭސިބަހުގެ ލަފުޒެއްކަމުގައިވާ ”projenie“ އިންނެވެ. ހަމަ އެހެންމެ ފަރަންސޭސިބަހުގެ ތެރެއަށް، މި ލަފުޒު ވަދެފައިވަނީ ލެޓިންބަހުގެ ”progenies“ އިންނެވެ. މީގެ އަސްލަކީ ލެޓިންބަހުގެ ލަފުޒެއްކަމަށްވާ ”progignere“ އެވެ.
މީގެ އިތުރުން، އިނގިރޭސިބަހުގައިވާ ”ޓްރައިބް“ (tribe) އަށް އަވަސް ކަޅިއެއް އެއްލެވުން ކީއްތޯއެވެ. އިނގިރޭސިބަހުގެ ތެރެއަށް، މި ލަފުޒު ވަދެފައިވަނީ، ފަރަންސޭސިބަހުގެ ލަފުޒެއްކަމުގައިވާ ”ޓްރިބިއު“ (tribu) ނުވަތަ ލެޓިންބަހުގެ ”ޓްރިބިއުސް“ (tribus) އިންނެވެ. ހަމަ މި މޭރުމުން ބަލާއިރު އިނގިރޭސިބަހުގައިވާ ”ލިނިއަޖް“ (lineage) އަކީ، ފަރަންސޭސިބަހުގެ ލަފުޒެއްކަމަށްވާ ”linage“ އިން އުފެދިފައިވާ ލަފުޒެކެވެ. ”linage“ އުފެދިފައިވަނީ ”ligne“ އިންނެވެ. ފަރަންސޭސިބަހުގެ ތެރެއަށް، މި ލަފުޒު ވަދެފައިވަނީ، ލެޓިންބަހުގެ ”linea“ އިންނެވެ.
މިހާ ހިސާބުން ދިވެހިބަހަށް ނަޒަރެއް ދެއްވަން ހިންގަވާށެވެ. އަޅުގަނޑު މި އަލިއަޅުވައިލަނީ، އެ ލަފުޒަކުން ދިވެހިބަސް މުއްސަނދިވެފައިވާ ވަރަށް ވެސް ރީތި، ވަރަށް މަޢުނަ ފުން ލަފުޒަކަށެވެ.
”ކުލަ“ މި ލަފުޒަކީ، ތިޔަބޭފުޅުންނަށް އައު ލަފުޒަކަށް ނުވާނޭކަން އަޅުގަނޑަށް ޔަޤީނެވެ. މި ލަފުޒަކީ، ވަރަށް ފުޅާކޮށް މާނަކުރެވިދާނެ ލަފުޒެކެވެ. ނަފުސާނީ ނަޒަރިއްޔާތުތަކުން ވެސް މި ލަފުޒު ބޭނުންކުރެވިދާނެއެވެ. ހަމަ އެހެންމެ މަޖާޒީ ގޮތުން ވެސް، މި ލަފުޒަކީ އެތައް މަޤާމެއްގައި ބޭނުންކުރެވިދާނެ ލަފުޒެކެވެ.
ދިވެހިބަސްފޮތް ބުނާގޮތުން، މި ލަފުޒުގެ ނުވަ މާނައެއް އެބައޮތެވެ. އޭގެތެރެއިން ބައެއްމާނަތަކުގައި، މި ލަފުޒު ބޭނުންކޮށްފައިވަނީ އެވޭލާ ޒަމާންތަކުގައެވެ. އޭރު މި ލަފުޒު ބޭނުންކޮށްއުޅުނު މާނަތަކުގެތެރޭގައި، ދަރިކޮޅު ނުވަތަ ޢާއިލާ ނުވަތަ ވަންހަ ހިމެނެއެވެ. މީގެއިތުރުން، ދިވެހި ބަހުގައި މި މާނަދޭހަވާ ލަފުޒުތަކުގެތެރޭގައި،
1. ވަންގަ[ބޯދާ]: ވަންހަ
2. ވަންސަ[ބޯދާ]: ވަންހަ
3. ނަސްލު: ދަރިކޮޅު
4. މަތިފުށް: ނަސަބު
5. ނަސަބު: ދަރިކޮޅު
6. މަތިކޮޅު: ދަރިކޮޅު
7. ޤަބީލާ: ދަރިކޮޅު
8. ބަންދަރީ: ދަރިކޮޅު
9. ހޮރު: ދަރިކޮޅު
10. އާލު: ދަރިކޮޅު
11. ފިލިވަތް[ބޯދާ]: ދަރިކޮޅު
12. ޚާންދާނު: ދަރިކޮޅު
13. މަތަނަ[ބޯދާ]: ދަރިކޮޅު
14. އައުލާދު: ދަރިކޮޅު
މި ލަފުޒުތައް ހިމެނެއެވެ.
”ކުލަ“ މި ލަފުޒުގެ އަސްލާއި ހަމައަށް ދަތުރުކުރާއިރު، މި ލަފުޒަކީ ވެސް ބޭރު ބަހެއްގެތެރެއިން ދިވެހިބަހުގެތެރެއަށް ވަދެފައިވާ ލަފުޒެކެވެ. ބޭރު ބަސްތަކުގެ ބަސްތަކަށް ނަޒަރު ހިންގައިލާއިރު، ސާންސްކުރިތު ބަހުގައި ދަރިކޮޅުގެ މާނަކުރެވޭ ލަފުޒުތަކުގެތެރޭގައި ”ކުލަ“ (kula) ހިމެނިފައިވެއެވެ. މަލަޔާޅަމް ބަހުގައި ”ކުލަމް“ (kulam) އޭ ކިޔައެވެ. ތަމަޅަ ބަހުގައި ”ކުލައްޓާއި“ (kulattai) އޭ ކިޔައެވެ. ގުޖްރާތީބަހުގައާއި، ޕާލީ ބަހުގައި ކުލަ(kula) އޭ ކިޔައެވެ. ނަމަވެސް މި ލަފުޒު ދިވެހިބަހުގެތެރެއަށް ވަދެފައިމިވަނީ، ސާންސްކުރިތުބަހުންނެވެ.
އަޅުގަނޑުމެންގެ ލޮބުވެތި ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން ވިދާޅުވެފައިވަނީ…. ”ސެންސިކިރްތާ، ޕާލިޔާ، ތަމަޅަ ސިންހަޅަ ފެނެޔޭ ނިކަން، ފެންނަހެން ޢަރަބީގެ ބަސްތައް ފާރިސީޔާ ޕުޝްތުވާ“ ފަދަ ބަސްބަހުގެތެރެއިން ދިވެހިބަހަށް ވަދެފައި ހުރި ލަފުޒުތައް ހުރިކަމަަށެެވެެ.
އިހުގެ ލިޔުންތަކަށް ބަލައިލާއިރު ”ކުލަ“ މި ލަފުޒު ބަޔާންވެފައިވާ ލިޔުންތަކުގެތެރޭގައި ލޯމާފާނު ހިމެނެއެވެ. މި ގޮތުން، ހިޖުރައިން ފަސްސަތޭކަ ތެޔާހިވަނަ (1196-1197) އަހަރުގައި ލިޔެވިފައިވާ ލޯމާފާނުގައި ”ކުލަ“ އިގެ ވާހަކަ އައިސްފައިވެއެވެ. މި ލޯމާފާނަކީ ޝޯމަވަންސަ ނުވަތަ ހަނދުވަންހަ ( Moon Dynasty) ދަރިކޮޅުގެ ޝްރީމަތަ ގަޑަނާދީއްތަ މާރަސުން (މަހާރަދުން) ގެ ރަސްކަމުގައި ލިޔެވުނު ލޯމާފާނެއްކަމަށް ތާރީޚު ހެކިދެއެވެ. ނަމަވެސް މި ރަސްގެފާނުގެ ނަންފުޅާމެދު ތާރީޚު ޢިލްމުވެރިންގެމެދުގައި ޚިޔާލު ތަފާތުވުންތަކެއް އެބަހުރިއެވެ. އެ ރަސްގެފާނަކީ، ދިވެހި ތާރީޚުގެ ބައްޕަ، އަލްޤާޟީ ޙަސަން ތާޖުއްދީން ބަޔާންކުރައްވައިފައިވާ ”دنی کلمنجا سری فنادیت مھاردن“ (ދިނެއި ކަލަމިންޖާ ސުރީ ފެންނާދީއްތަ މަހާރަދުން) ނެވެ. ސްރީލަންކާގެ ތާރީޚީ ޢިލްމުވެރިޔާ އެޗް.ސީ.ޕީ ބެލް ވިދާޅުވެފައިވާ ”S. Dinei Kalaminja‘ Sri Fana’ditta maha‘ r.“ ނެވެ. ސުއްމުވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ލިޔުއްވައިފައިވާ ބީދައިން، އައްސުލްޠާން ދިނެއި ކަލަމިންޖާ ސިރީ ފެންނާދީއްތަ މަހާރަދުންނެވެ. ރަސްކަމުގައެވެ.
އެޗް.ސީ.ޕީ ބެލް ”އެތެރެކޯލު ލޯމާފާނު“ ގެ ނަމުން ނަންދެއްވާފައިވާ، މި ލޯމާފާނުގެ ފަނަރަވަނަ ލޯފޮތީގެ ދެވަނަ ފުށުގައި ބަޔާންވެފައިވެއެވެ. ”…..މިމަސްދިދު ބިދެ ނާޝަނާ ކުރެމެވި އެހިންތާކުޅަ ކޮންމެ ކުލެ ރަހަކުން ދޭވަތާއި ނަށަ ދުރޮއިވަނީ ކޮށު….“ މާނައަކީ، ”މި މިސްކިތް ނައްތާލައި ސުންނާފަތިކުރަން ހީކުޅަ ކޮންމެ ޢާއިލާއެއްގެ ރަސްކަލެއް ނަމަވެސް، ކަލާނގެއަށް ދަރަނިވެރިވާ ހުއްޓެވެ.“ ( ދަނބިދޫ ލޯމާފާނުގެ ތަރުޖަމާ، އަލްމަރުޙޫމު ޢަލީ ނަޖީބު )
އިސްވެ މި ނަކަލުކުރި ޢިބާރާތުން ތިޔަ ފެނިވަޑައިގެންނެވި ”ކުލެ“ އަކީ، އަޅުގަނޑު މި ދަންނަވާ ”ކުލަ“ އެވެ.
ހަމައެހެންމެ އިހުގެބައެއް ރަސްރަސްކަލުންގެ ކޮލީނަންފުޅުތަކުގައި ވެސް، ”ކުލަ“ މި ލަފުޒު ހިމެނިފައިވެއެވެ. މި ގޮތުން އަޅުގަނޑުގެ ތަޙުލީލީ ދުރުމީ އަމާޒުކޮށްލާނީ، ހުކުރު މިސްކިތުގައިވާ މަހާނަފުޅަކަށެވެ. މި މަހާނަފުޅު ހުރީ ހުކުރު މިސްކިތުގައިހުރި ކަނބާ ގުއްބުގެ ތެރޭގައެވެ. މި މަހާނައިގެ ގަލުގައި ދިވެސްއަކުރުން ދިވެސްއަކުރުން ލިޔެވިފައިވާ ލިޔުމުން ތަންކޮޅެއް ނަކަލުކޮށްލާނަމެވެ.
”….ސިރީ ކުލަސުންދުރަ ކައްތިރި ބޮވަނަ މަހާރަދުންނަށަ މި ކަބާފާނު ރާދަކިހުނުފަން ސިރީ ކުލަ ރަންމީބަ ކައްތިރި ބޮވަނަ މަހާރަދުންގެ….“ މި ފަދައިން ލިޔެފައިވެއެވެ. މާނައަކީ ”…އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން( 1 ވަނަ ) ސިރީ ކުލަ ރަންމީބަކައްތިރި ބޮވަނަ މަހާރަދުންނާއި، މި ކަނބާފާނު (އެބަހީ: ކަނބާ ޢައިޝާ) ގެ ދަރިކަލުން އައްސުލްޠާން އިބްރާހިމް އިސްކަންދަރު ކުލަރަންމީބަ ކައްތިރި ބޮވަނަ މަހާރަދުންގެ…“ މިއެވެ. ( މި ލިޔުންކޮޅުނެގީ ”މާާލޭޭގެެ މިސްކިތްތަައްް“ މިި ފޮތުންނެވެ.)
ދިވެހި ބަސްފޮތް ބުނާގޮތުން، އިސްވެ އަޅުގަނޑު ބަޔާންކުރި ލިޔުންކޮޅުގައިވާ ”ކުލަސުންދުރަ“ އަކީ ރަސްރަސްކަލުންގެ ނަންފުޅުގެ ކުރިއަށް ގެންނަ ނަންއިތުރެކެވެ. އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި، މި ލަފުޒަކީ ”ކުލަ“ އާއި ”ސުންދުރަ“ މި ދެ ލަފުޒު ލާމެހިގެން އުފެދިފައިވާ ލަފުޒެކެވެ. އެގޮތީ ”ކުލަ“ މި ލަފުޒަކީ، އިސްވެ ބަޔާންކުރި ފަދައިން “ ދަރިކޮޅު“ މި މާނައިގައި ބޭނުންކުރާ ލަފުޒެކެވެ. ކުލަސުންދުރައިގެ މާނައަކީ، ”މާތް ދަރިކޮޅަކުން އައިސްފައިވާ ރީތި“ އެވެ. ނުވަތަ މާތް ދަރިކޮޅަކުންއައި ރީތިކަން ލިބިވަޑައިގެންފައިވާ މަހާރަދުންނެވެ.
ހަމަ އެހެންމެ، އެ ލިޔުންކޮޅުން ތިޔަ ފެނިވަޑައިގެންނެވި، ”ކުލަ ރަންމީބަ“ އަކީ ވެސް ނަންއިތުރެކެވެ. ދިވެހި ބަސްފޮތުގައި ”ރަންމީބަ“ އިގެ މާނައެއްކަމަށް ބުނަނީ ”ރަން ފަދަ“ އެވެ. އެހެންކަމުން ”ކުލަ ރަންމީބަ“ އިގެ މާނައެއްކަމުގައި ފެންނަނީ ”މާތް ދަރިކޮޅަކުންއައި ރަން ފަދަ“ އެވެ. ނުވަތަ މާތްދަރިކޮޅުންއައި ރަންފަދަ މަހާރަދުންނެވެ.
އިސްވެ ބަޔާންކުރި ވާހަތަކުން ވެސް ”ކުލަ“ އަކީ ރަސްރަސްކަލުންގެ ކޮލީ ނަންފުޅުތަކުގައި ހިމެނޭ ލަފުޒެއްކަން ސާބިތުވެއްޖެ ނޫންތޯއެވެ. އަދި ކީއްތޯއެވެ. އަޅުގަނޑު ބަޔާންކުރި ދެ ނަންފުޅުގެ އިތުރަށް ވެސް، މިފަދަ މިފަދަ ކިތަންމެ ނަންފުޅެއް ފެންނަން އެބަހުއްޓެވެ.
އިސްވެދިޔަ ނުކުތާތަކަށް ރިޢާޔަތްކޮށް، އަޅުގަނޑަށް ލަފާކުރެވޭގޮތުގައި، ”ކުލަ“ އަކީ، ރާއްޖޭގައި ރަސްކަންކުރި ޒަމާންތަކުގައި ބޭނުންކޮށްފައިވާ ލަފުޒެކެވެ. އަޅުގަނޑު މި ދަންނަވާނީ، މިހާރު ބޭނުންކުރާ މާނައިގެ ވާހަކައެއްނޫން އިނގޭތޯއެވެ. ދަރިކޮޅުގެ މާނައިގާ އިނގޭތޯއެވެ. މީގެ އިތުރުން އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި، ”ކުލަ“ އަކީ މާތް ދަރިކޮޅުތަކުގެ ބޭބޭފުޅުންނަށް ބޭނުންކުރި ލަފުޒެކެވެ. އެހެނީ، މި ލަފުޒުގެ އަސްލުކަމަށްވާ ސާންސްކުރިތުބަހުގެ ބަސްފޮތެއްކަމަށްވާ
މެކްޑޮނަލްގެ ފޮތް، ”A Sanskrit-English Dictionary,1982“ ގެ ހަތްތަރިވަނަ ސަފުހާގައި ”ކުލަ“ (kula) މި ލަފުޒު ގެ މާނަތަކުގެތެރޭގައި ”Noble family“ އޮތުމަކީ، މި ކަމަށްލިބޭ އިތުރު ތާއީދެކެވެ.
އާދެ، އަޅުގަނޑު އިސްވެ ދެންނެވި ފަދައިން، ބަސް މުއްސަނދިވަނީ، އެހެނިހެން ބަސްބަސް ވެސް މެދުވެރިވެގެންނެވެ. މިއީ ހަމަ ކޮންމެ ބަހަކަށް ވެސް އޮތް ގޮތެވެ. މި ގޮތުން ބަލާއިރު ”ކުލަ“ މިވަނީ ދިވެހިބަސް މުއްސަނދިކޮށްދީފައެވެ. އެވޭލާ ޒަމާނުގައި ބޭނުންކުރި މާނައާއި ތަފާތު މާނައެއްގައި، މި ޒަމާނުގައި މި ބަސް ބޭނުންކުރެވޭކަމީ މީގެ ހެއްކެއްނޫންތޯއެވެ.

