ކޮރޯނާ ވައިރަހަށް ޕްޒިޓިވްވި ތިން މީހަކު މިހާތަނަށް ވެރިރަށް މާލެއިން ފެނިފައިވާތީ މާލެ އިތުރު24 ގަޑިއިރަށް ލޮކްޑައުން ކުރުމަށް އެޗްޕީއޭއިން ނިންމައިފިއެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިމާލޭގެ އިތުރުން ތިލަފުއްޓާއި ގުޅީފަޅު ވެސް ވަކި ގޮތެއް އަންގަން ބަންދުކޮށްފައިވާ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ ނެރުއްވި އަމުރުގައިވެއެވެ.
މި ފިޔަވަޅު އެޗްޕީއޭއިން އެޅީ މާލޭގައި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ އެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ދިވެހި އަންހެނެކެވެ. އޭނާ މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންގޮސްފަ އެވެ. އަދި އޭނާއި ޑައިރެކްޓް ކޮންޓެކްޓްވި ދެ މީހަކު ބަޔަށް ޕްޒިޓިވްވެ މާލެއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ތިނަކަށް އަރާފައެވެ.
މީގެއިތުރުން މިހާތަނަށް ރާއްޖެއިން23 މީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ރާއްޖޭން ކޮވިޑް-19 ފެނުމާއެކު މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރުނެވެ. މުޅި ރާއްޖެއަށް ޔެލޯ އެލާޓް ކަނޑައަޅި ނަމަވެސް، އެ ވައިރަސް އެންމެ ފުރަތަމަ ފެނުނު ކުރެއްދޫ އައިލަންޑް ރިސޯޓަށް ސަރުކާރުން ކަނޑައެޅީ އޮރެންޖު އެލާޓެވެ. ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ފެނިއްޖެނަމަ އާންމުކޮށް އަމަލު ކުރާ އުސޫލުގެ ތެރެއިން އެރަށެއް ނުނީ އެތަނެއް ލޮކް ޑައުންގެ ޙާލަތަކަށް ގެނެއެވެ.
ކޮވިޑަށް ޕޮޒިޓިވް މީހަކު މާލެއިން ފެނުނުއިރު، މުޖުތަމައުގެ ތެރެއިން މި ބައްޔަށް ޕޮޒިޓިވް އެންމެ މީހަކު ފެންނަ ހިސާބުން ވެސް މުޅި ރާއްޖޭގައި 98،500 މީހުނަށް ބަލި ޖެހިދާނެ ކަމަށް ލަފާކުރެވޭ ކަމަށް ޕްރޮޓެކްޝަން އޭޖެންސީ (އެޗުޕީއޭ) އިން ވަނީ ބުނެފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި އިނގިރޭސިވިލާތުގެ އިމްޕީރިއަލް ކޮލެޖުން ތައްޔާރުކޮށްފައިވާ މޮޑެލް ބޭނުންކޮށްގެން، ރާއްޖޭގައި ބަލި ފެތުރިދާނެ ކަމަށް ބެލެވޭ ހިސާބުތަކާއި ގުޅޭގޮތުން ހެދިފައިވާ ދިރާސާ އާ ހަވާލާދީ އެޗްޕީއޭ އިން ބުނެފައިވަނީ މާލެ ސަރަހައްދުން ޕޮޒިޓިވް ކޭސްއެއް ފެނިއްޖެ ނަމަ، ގާތްގަނޑަކަށް 46،000 މީހުންނަށް ބަލި ފެތުރިދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި އަންދާޒާ އިން ދައްކަނީ، މުޖުތަމައުގެ ތެރޭގައި އުޅޭ މީހަކަށް ބަލި ޖެހޭތާ 45 ވަނަ ދުވަހު އެކަނި ވެސް ގާތްގަނޑަކަށް 5،000 މީހުން އަލަށް މި ބައްޔަށް ޕޮޒިޓިވް ވާނެ ކަމަށެވެ. މި މައުލޫމާތު އާއްމުކުރީ، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ހުރި މީހަކު ނޭނގި މުޖުތަމައުގެ ތެރޭގައި ހުރެއްޖެ ނަމަ ރާއްޖޭގައި ބަލި ފެތުރިގެން ހިނގައިދާނެ މިންވަރުގެ މައްޗަށް ކަމާ ބެހޭ އިދާރާތަކުން ލަފާކޮށްފައިވާ ހިސާބުތަކަށް ބަލަ އެވެ.

