މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވިޔަސް، ޚާއްސަ ފިޔަވަޅުތަކާ އެކު ކުނި އުކުމުގެ ޚިދުމަތް މިއަދު ފަށާއިރު ކުނި ކޮތަޅު ވީހާވެސް ރަނގަޅަށް ބަންދުކުރުމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން އެދިއްޖެއެވެ.
ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވާހަކަ ދައްކަވަމުން އޮޕަރޭޝަންސް މެނޭޖަރު މުހައްމަދު ޝާން ވިދާޅުވީ، ކޮރޯނާ ވައިރަސްގެ އަސަރު ހުރި ތިން މީހަކު މާލެއިން ފެނުމާއި ގުޅިގެން ކުޑަ ވަގުތުކޮޅަކަށް ކުނި ނެގުން މަޑުޖައްސާލި ކަމަށެވެ. އެހެން ނަމަވެސް ކުންފުނީގެ ޕްލޭނާއި އެއްގޮތަށް ކޮންމެ ދުވަހެއްގެ ވެސް މެންދުރު 12:00 އިން ފެށިގެން 14:00 ޖެހުމާއި ހަމައަށް ކުނި ނެގުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.
ކުނިތައް ނެގުމުގައި އަމަލު ކުރާނެ އުސޫލުތައް ފާހަގަކުރައްމުން ޝާން ވިދާޅުވީ، ކުނި ބަލާ ދާ ގަޑިއަށް ކޮންމެ ގެއަކުންވެސް އެ ގެއަކުން ނެރޭ ކުނި ކޮތަޅު ގްރައުންޑު ފްލޯގައި ބެހެއްޓުމަށް އެދޭ ކަމަށެވެ. މަސައްކަތް ކުރަމުންދަނީ ވީހާވެސް ގާތުން ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަން ފާހަގަކުރައްވަމުން ޝާން ވިދާޅުވީ ކޮންމެ ގެއަކުންވެސް ކުނިތައް ނެރޭއިރު ރަނގަޅަށް ބަންދު ކުރުމަށް އެދޭ ކަމަށެވެ. ކުންފުނީގެ ފަރާތުން މަސައްކަތް ކުރަމުންދަނީ ވީހާވެސް ކޮންޓެކްޓުވުން މަދުކޮށް ކުނި ނެގުމަށް ކަމަށް ވެސް ޝާން ވިދާޅުވިއެވެ.
ކުނި ކޮތަޅު ބޭރަށް ނެރޭއިރު، އެ ވީހާވެސް ބޮޑަށް ބަންދުކުރުމަށް ޝާން އެދިވަޑައިގަތެވެ. އަދި ކޮތަޅަށް ކުނި އަޅާއިރު ތޫނު އެއްޗެއް ނުވަތަ ބިއްލޫރިގަނޑެއް އޮތް ނަމަ ކަރުދާސްގަނޑެއް ވަށާ ލުމަށްވެސް އެދުނެވެ. ޝާން އެދުނީ އެފަދަ ތޫނު އެއްޗެއްގެ ސަބަބުން ވެމްކޯގެ ވެށިފާރަވެރިންނަށް ނުވަތަ އާއްމުންގެ މީހަކަށް ވެސް ގެއްލުން ނުވާ ގޮތަށް ކޮތަޅު ބަންދު ކުރުމެވެ.
މާލޭގެ ބައެއް ގެތަކުގައި އައިސޮލޭޓުކޮށްފައިވާ މީހުންނާއި، އަދި ލޮކްޑައުން ގެތަކެއް ހުރިއިރު އެ ގެތަކުގެ ކުނިތައް ގެންދާނީ ވަކި ހާއްސަ ޓީމަކުންނެވެ. އެއީ އެ ކުނިތައް ގެންދިއުމަށް ޓްރެއިންޑް ޓީމުތަކެކެވެ.
”….ރަނގަޅަށް ގޮށް ޖަހާފައި އޭގެން އެއްޗެއް ލީކުނުވާނެހެން ބަންދުކުރައްވާ،މާލެ ގޮނޑުވިޔަ ދޭކަށް ބަލަހައްޓައިގެން އަޅުގަނޑުމެންނަކަށް ނުތިބެވޭނެ. ކުނި ޕެކް ކުރާއިރުވެސް ވިސްނަވާށޭ ކުނި ކޮތަޅު އުފުލާ މީހާއަށް މީގެ ސަބަބުން ވާނީ ކޮން ގެއްލުމެއްތޯ،“
ރައްކާތެރި ނޫން ގޮތްގޮތަށް ކުނިއާއި މެދު އަަމަލު ކުރުމަށް ސޯޝަލް މީޑިއާގައި ވާހަކަ ދެކެވެމުންދާއިރު އެކަމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ޝާން ވިދާޅުވީ މި ދަނޑިވަޅަކީ އެފަދަ ގޮތްގޮތަށް ކުނި ނައްތާލަން އެންމެ ރައްކާތެރި ވަގުތެއް ނޫން ކަމަށެވެ. ބައެއް މީހުން ކުނިވާ ޒާތުގެ އެއްޗެހި މިކްޗަރަށް އެޅުމަށްފަހު އެ ސިންކަށް އެޅުމަށް ވާހަކަ ދައްކަމުން ދާތަން ސޯޝަލް މީޑިއާއިން ފެނެއެވެ.
ޝާން ވިދާޅުވީ ގޮތުން މާލެ ހުޅުމާލެ އަދި ވިލިމާލޭގައި 10،000 އަށް ވުރެ ގިނަ ވިޔަފާރިތައް ރަޖިސްޓްރީ ކޮށްފައިވާއިރު ކުނީގެ ހިދުމަތަށް ރެޖިސްޓްރީ ކޮށްފައިވަނީ 1200 ފަރާތުންނެވެ. އެހެން ކަމުން މިފަދަ ހާލަތެއްގައި ވީހާވެސް ގިނަ ފަރާތްތަކުން ރެޖިސްޓްރީ ކުރުމަށް އެދިވަޑައިގަތެވެ.
ވެމްކޯގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި، އަދި ވައިރަހާއި ގުޅިގެން މަސައްކަތްތަކަށް ގެނެވުނު ބަދަލުތަކާއި ގުޅޭގޮތުން ”ސަންގު“ އާއި ވާހަކަ ދައްކަވަމުން ކުންފުނީގެ އެމްޑީ އާދަމް މުހައްމަދު ވިދާޅުވީ ކުންފުނިން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން ޓާސްކް ފޯސްެއެއް އެކުލަވާލެވުނު ކަމަށެވެ. އަދި އެލާޓަށް އެއްވެސް ބަދަލެއް އައިސްފި ހާލަތެއްގައި ވެސް އަމަލު ކުރާނެ އުސޫލާއި ގުޅޭގޮތުން ޕްލޭންތަކެއް ކަނޑައެޅިފައިވާ ކަމަށެވެ.

