ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށް ލޮކްޑައުން ކުރިޔަސް، ޒިކުރުކުރުމުން ”ދޫ“ ލޮކްޑައުން ނުކުރާށެވެ.

ޝެއާރކޮށްލާ ކަހަލަދޯ؟

މުޅި ޤައުމު މިވަނީ، އެއްވާހަކައަކުން ފުރިފައެވެ. ފަހަކަށް އައިސް އެ ވާހަކަ ނުދައްކާ ދުވަހެއް ނުދެއެވެ. އެ ވާހަކަ ނުދައްކާ ހުރެވޭ ދުވަހެއް ވެސް ނުދެއެވެ. ވާނީ ވެސް އެހެންނެވެ. މުޅި ދުނިޔެ މިވަނީ ބިރުވެރިކަމެއްގެތެރޭގައެވެ. އެ ބިރުވެރިކަން ގާދޫކޮލުން ވަދެގެން އައިސް، މިއަދު މިވަނީ ޤައުމުގެ ހަތަރުފަރާތުން ބިރުވެރިކަން ވަށާލާފައެވެ. ދުވަހަކަށްފަހު ދުވަހަކު މި ބިރުވެރިކަން، މި ދަނީ ދިވެހިން ސިއްސުވައިލަމުންނެވެ.

ކަންމިހެން ހުރުމާއެކު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަދު މިވަނީ މާލޭސިޓީ ލޮކްޑައުންކޮށްފައެވެ. 24 ގަޑިއިރަށް ކުރި ލޮކްޑައުން ނުވަތަ ފުރަބަންދު، މިއަދު މިވަނީ އަނެއްކާ ވެސް އިތުރުކޮށްފައެވެ. މި އިތުރުކުރުން އިތުރުކޮށްފައިވާއިރު، މާދަމާގެ ހާލަތަކީ، ޤައުމު އޮންނާނެ ހާލަކީ އެކަކަށް ވެސް އެނގޭނެކަމެއްނޫނެވެ. އެހެނަސް، ދުނިޔެ އޮތް ހާލަތަށް ބަލައި، ޤައުމު އޮތް ހާލަށް ބަލައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ، ހަމަ ކޮންމެ މީހަކަށް ވެސް ވާނެކަމެކެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކޭތޯއެވެ. ރައްކާތެރިކަމުގެ ފިޔަވަޅަކީ، ލޮކްޑައުން ކުރުމުން ހަމައެކަނި ގޭގައި ތިބުމެއް ނޫނެވެ. ހަމައެކަނި ސެނިޓައިޒާއިން އަތް ފޯކޮށްގެން ހުރުމެއްވެސް ނޫނެވެ. ހަމައެކަނި، ފިހާރަތަކަށް ގޮސް ނުވަތަ ޑެލިވަރީކޮށްގެން ވިޔަސް ގެއަށް ނުތަކާވަރަށް މުދާ ވެއްދުމެއް ވެސް ނޫނެވެ. ކޯވިޑް-19 އެވެ ކިޔުނު ވައިރަހުން ސަލާމަތްވުމަށް އިރުޝާދުދޭ ޕޯސްޓުތައް ސޯޝަލްމީޑިއާގައި ފުނިޖެއްސުމެއް ވެސް ނޫނެވެ.

އެއްވެސް ހާލެއްގައި، ގޭގައި ތިބެން ނުޖެހޭނެއެކޭ، ސާފުތާހިރުކަމަށް ސަމާލުކަން ނުދޭށެކޭ، އެއްޗެހި ނުގަންނާށެކޭ، ނަސޭހަތް ނުދޭށެކޭ އަޅުގަނޑު ނުދަންނަވަމެވެ. އަދި ކީއްހެއްޔެވެ. ގޭގައި ތިބެން ވެސް މަޖުބޫރެވެ. ސާފުތާހިރުކަމަށް އިސްކަންދިނުން ވަރަށް ވެސް މުހިންމެވެ. އިސްރާފު ނުކުރުން އެހާމެ ހެޔޮވެގެންވެއެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް، އެހެނިހެން މުވާސަލާތީ ޚިދުމަތްތައް މެދުވެރިކޮށް އަނެކުންނަށް ނަސޭހަތްތެރިވުން ވެސް އެހާމެ މުހިންމެވެ.

ނަމަވެސް، އެއަށްވުރެ ކުރިން އިސްކަންދޭންޖެހޭ ކަމެއް އެބައޮތެވެ. ހެޔޮވެގެންވާ ކަމެއް އެބައޮތެވެ. އެއީތޯއެވެ. އެއްވެސް ވަހުމެއްނެތް ފަދައިން އެއީ، ތިބާގެ ވެރި ރައްބުގެ މަތިން ހަނދާންކުރުމެވެ. ތިބާގެ ދުލަކީ ތަޅުއެޅުވިފައިވާ އެއްޗަކަށް ނުހަދައި، އެ ދުލަކީ ޒިކުރުކުރުމުގައި ތެމިފޯވެފައިވާ ދުލަކަށް ހަދަންޖެހެއެވެ. އެ ދުލަކީ، މިންވަރަށް ޝުކުރުކުރާ ދުލެއްކަމުގައިވާން ޖެހެއެވެ. އެ ދުލަކީ، މި ނުރައްކާތެރި ވަބާއިން ސަލާމަތްވާން، އެކަލާނގެ ހަޟްރަތުގައި ދަންނަވަން ކެރޭ، ދުލަކަށްވާން ޖެހެއެވެ. އެ ދުލަކީ ހެޔޮބަސްބުނާ، ދުލަކަށް ހަދަން ޖެހެއެވެ.

އެހެނަސް މުސީބާތެއް ކުރިމަތިވުމުން، ގިނަ މީހުންގެ ދުލުގައި އޮންނަނީ ތަޅުއެޅުވިފައެވެ. ސިކުނޑިވަނީ ދުލުގެ މައްޗަށް ބާރު ފޯރުވާފައެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ، ގިނަ މީހުން ގެންގުޅެނީ ނުބައި ވިސްނުމެކެވެ. ސަލާމަތްވާން ހުރި މީހަކު ވާނެއޭ، ސަލާމަތްވާން ނެތް މީހަކު ސަލާމަތްނުވާނޭ، މިފަދަ ދޯހަޅި ވިސްނުމެކެވެ. ދުޢާކުރިޔަސް ވާކަމެއްނެތޭ، ވަރަށް ދުޢާކުރެވިއްޖޭ، ދެންކުރުމުގެ ބޭނުމެއްނެތޭ، މިފަދަ ޝައިޠާނީ ވިސްނުމެކެވެ. އަނެއްބައި މީހުންގެ ގޮތަކީ، މާޔޫސްވެ ކަންބޮޑުވުމެވެ. އަމިއްލަ އެދުން އިސްކޮށް ނިޢުމަތްތަކަށް ޝުކުރުނުކުރުމެވެ.

ތެދެކެވެ. ވާންހުރިކަމެއް ވާނެއެވެ. އެހެނަސް، އަބަދުވެސް މިއީ އެންމެ ފަހުވަގުތުކަމުގައި ހިތައިގެން ދުލުގައި ތަޅުނުލައި ޒިކުރުކުރުންމަތީ ދެމިހުރެވޭނެ ދޮގެއްތޯއެވެ. ރަށް ލޮކްޑައުންކުރިޔަސް، ދޫ ލޮކްޑައުން ނުކޮށް ބޭއްވޭނެ އެހެންނޫންތޯއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: