ލޮކްޑައުންގެ ހާލަތުގައި، ބޭސްސިޓީ ފޮނުވުމުން ކޮންމެހެން ބޭނުންވާ ބޭސްތައް، ގެއާ ހަމައަށް ފޯރުކޮށްދޭނެކަމަށް އެސްޓީއޯއިން ބުނެފިއެވެ.
އެސްޓީއޯއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، މި ޚިދުމަތް ބޭނުންވާ މީހުން، 7922035 މި ނަންބަރަށް، ބޭސްސިޓީއާއި، ބަލިމީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯއެއް ފޮނުވުމުން ބޭސް ލިބުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.
މީގެ އިތުރުން އެސްޓީއޯއިން ބުނީ، ޑެލިވަރީއަށް އެދޭއިރު ގޭގެ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ވެސް ފޮނުވަންވާނެކަމަށެވެ.
ރާއްޖޭގެ އޮންލައިން ނޫހަކަށް މަޢުލޫމާތު ދެއްވަމުން، އެސްޓީއޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބޭސްސިޓީއާއި ނުލައި ނެގޭ ޕެނެޑޯލްފަދަ ބޭސްތައް، އެސްޓީއޯގެ ފިހާރައަށް ދިއުމުން ލިބޭނެ ކަމަށާއި، އެފަދަ ބޭހަކީ ބޭސްސިޓީއާއި ނުލައި ނެގޭ ފަދަ ބޭސްބޭހަށްވުމުން، އެ ފަދަ ބޭސް ޑެލިވަރ ނުކުރާނެކަމަށެވެ.
ކޯވިޑް-19 އާާއި ގުޅިގެން އެސްޓީއޯއިން އަންނަނީ، ރައްޔިތުންނަށް ފަސޭހައިން ޚިދުމަތްތައް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. މި ގޮތުން، އެސްޓީއޯއިންވަނީ ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނަށް ބޭނުންވާ ބޭސް، ރާއްޖެއިން ލިބެންނެތްނަމަ، އެ ބޭހެއް އެސްޓީއޯގެ ހެންވޭރު ފާރމަސީ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައެވެ.

