މިހާރު ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ދިވެހިރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ”ރައްކާތެރި ފަތުރުވެރިކަން“ ފެށުމަށް ހާއްސަ ދިރާސާއެއް ކުރަމުންދާ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަލީ ވަހީދު މިފަދައިން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމާއި ބެހޭ އދ މައި ޖަމްއީއްޔާއިން އެކުލަވާލި ގުލޯބަލް ޓުއަރިޒަމް ކްރައިސިސް ކޮމެޓީގެ ތިން ވަނަ ބައްދަލުވުމުގައި ސައުތު އޭޝިޔާ އަދި ދިވެހިރާއްޖެ ތަމްސީލްކޮށް ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ދިވެހި ސަރުކާރުގެ އެންމެ މުހިންމު އަދި އެންމެ އިސް ވާޖިބަކީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށްވަރުކރުން ކަމަށެވެ. އަދި ކޮވިޑް19 ހުއްޓުވިގެން ނޫން ގޮތަކަށް ރާއްޖޭގެ ފަތުރުވެރިކަން ވެސް ނުފެށޭނެ ކަން މިނިސްޓަރ އަލީ ވަހީދު ފާހަގަ ކުރެއްވިއެވެ.
މިނިސްޓަ ވިދާޅުވީ ކޮރޯނާ ވައިރަހުގެ ހާލަތުގައި ވެސް ޑަބްލިޔުއެޗްއޯގެ ގައިޑްލައިންތަކާއި އެއްގޮތަށް ރައްކާތެރި ފަތުރުވެރިކަން ފެށޭނެ ދިރާސާއެއް ކުރަމުންދާ ކަމަށާއި އަދި ވަރަށް އަވަހަށް އެ ދިރށާ ނިމިގެންދާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

