ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ލޮކްޑައުންއެއް ނުވޭ! ޢާންމު ދިރިއުޅުމުގައި ދިވެހިން މަގުމަތީގައި!

މީގެ ކުރިން މާލޭގައި ހިންގި ކާފިއުގެ ވަގުތުގައި ފުލުހުން ޕެޓްރޯލްކުރަނީ. ފޮޓޯ: ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ މީހެއްގެ ވެސް ޒަރޫރީ ބޭނުންތަކެއް ހުންނާނެއެވެ. ދުނިޔަވީ މި ޙަޔާތުގައި އިންސާނާ ކިތަންމެ ކިތަންމެކަމެއް ބޭނުންވާނެއެވެ. މި ގޮތުން ބަލާއިރު، ދިރިއުޅުމުގައި އަނބިދަރީންނާއި، ޢާއިލާގެ މަސްއޫލިއްޔަތު ކޮނޑުގައި އަޅައިގެން ތިބި މީހުން އެބައިމީހުންގެ އަހުލުންގެ ކެއިންބުއިމުގެ ކަންތައް ބަލަހައްޓަން ވެސް ޖެހެއެވެ. މިނޫނަސް ދެންހުރި ބޭނުންތައް ވެސް ފުއްދަންޖެހެއެވެ.

އެހެންނަމަވެސް ހާލަތު ނިޔާކުރާގޮތުން ބައެއް ކަންކަން ދޫކޮށްލަން ޖެހެއެވެ. ޤުދުރަތުގެ ނިޔާ ކަނޑައެޅުމުން އެއަށް ތަބާވާން ޖެހެއެވެ. ނަފުސުގެ އެދުންތައް ދޫކޮށްލައި، ސަބަބުތަކުގައި ހިފަން ވެސް ޖެހެއެވެ.

މި ގޮތުގެ މަތިން ބަލާއިރު، މިއަދު މި ކުޑަކުޑަ ޤައުމަށް ވެސް ދިމާވެފައިމިވަނީ މިފަދަ ހާލަތެކެވެ. ކޯވިޑް- 19 އިގެ ސަބަބުން، އެތައް ސަބަބުތަކެއްގައި ހިފަންޖެހޭފަދަ ހާލަތެކެވެ. ކޮންމެއަކަސް ކަމަކުން ކުރިއެރޭނީ، ކަމަކުން އަރައިގަނެވޭނީ، ކަމަކުން ސަލާމަތްވެވޭނީ އެއާ ގުޅުންހުރި ސަބަބުތަކުގައި ވަރުގަދައަށް ހިފަހައްޓައިގެންނެވެ.

ޗައިނާގެ ވޫހާންއިން އުފަންވެގެން، މި ޤައުމަށް ކޯވިޑް- 19 އައިތާ އެތައް ދުވަހެކެވެ. މި ވާހަކަ ދައްކައި، މީހުންގެ ކަންފަތަށް މި ވާހަކަ އަޑުއިވުނުތާ އެތައް ދުވަހެކެވެ. މި ބަލި ޖެހުމުންވާ ގޮތްތައް އެނގި ފެނި ދިޔަތާ އެތައް ދުވަހެކެވެ. ކޮންމެ ދުވަހަކުވެސް ކަންފަތަށް މި އިވެނީ، ދުނިޔޭގެ ކޮންމެވެސް ހިސާބަކުން މި ބައްޔަށް އެވެނިމިވެނި ޢަދަދަކަށް މީހުން ޕޮޒިޓިވްވެފައިވާ ވާހަކައެވެ. އެވެނިމިވެނި ޢަދަދަކަށް މީހުން މި ދުނިޔެ ދޫކުރަމުންދާ ވާހަކައެވެ. އެވެނިމިވެނި ތަނެއްގައި ފިޔަވަޅުތައް ވަރުގަދަކޮށް ލޮކްޑައުންކުރާ ވާހަކައެވެ. ހަމަ އެހެންމެ އެ ތަންތަން ލޮކްޑައުންކުރުމާއި ގުޅިގެން، އެއަށް ކިޔަމަންވި މީހުންގެ ސަބަބުން، އޭގެ ހެޔޮބަދަލު އަންނަމުންދާ ވާހަކައެވެ. އަދި ކީއްހެއްޔެވެ. އެފަދަ ފިޔަވަޅުތަކަށް ތަބާނުވާ މީހުންގެ ސަބަބުން، ބައެއް ޤައުމުތަކުގައި މި ބަލި އިތުރުވެ ބިރުވެރިކަން އިތުރުވެފައިވާ ވާހަކައެވެ.

ބަލަބަލައި ތިއްބައި ދުވަހަކަށްފަހު ދުވަހަކު މިދަނީ ހާލަތު ގޯސްވަމުންނެވެ. މި ގޮތުން ކޯވިޑް-19 އަށް ރާއްޖެއިން މީހަކު ޕޮޒިޓިވްވީ މާޗްމަހުގެ 07 ވަނަ ދުވަހުގައެވެ. އެއީ ބިދޭސީއަކަށްވިޔަސް، އިސާހިތަކުވަނީ އިގިރޭސިވިލާތުންއައި ދިވެއްސެއް މި ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. އެހާ ހިސާބުން ދެންލިބުނު ޚަބަރަކީ، ބަލިޖެހުނު ދިވެހިންގެ ޢަދަދު 05 އަށް އިތުރުވީކަމެވެ. އެ ދުވަސްތަކުގައި، އެ ޚަބަރުތައް ލިބުނުގަޑީގައި ދިވެހިން ކަންބޮޑުވެގެން އުޅުނެވެ.

ނަމަވެސް އެ ދުވަސް ފަސްދީ ހިނގައްޖެއެވެ. އޭރު ދިވެހިންގެ ހުރި ކަންބޮޑުވުން މިއަދު ފިލައި ހިނގައްޖެއެވެ. އެކަން މަތިން ހަނދާންނެތިފައި ތިއްބާ، މުޅި ޤައުމު ސަމާލުކަމަށް ގެނުވީ، މާލެއިން ދިވެއްސަކު ޕޮޒިޓިވްވުމާއިގުޅިގެންނެވެ. އެކަމުގެ ސަބަބުން މުޅި މާލޭސިޓީ ލޮކްޑައުންކޮށް ފިޔަވަޅުތައް ވަރުގަދަކުރިއެވެ. ލޮކްޑައުންކުރިތާ 24 ގަޑިއިރުތެރޭ މިވަނީ އިތުރު ދެ މީހަކު ފެނިފައެވެ. އޭގެތެރޭގައި ތުއްތުތުއްތު ކުއްޖަކު ވެސް ހިމެނެއެވެ.

މާލެއިން ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެތެރެއިން މިވަނީ، 22 ގެއެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އޭގެތެރޭގައި، މާލޭގެ ގެތަކާއި، ހުޅުމާލޭގެ ބައެއް ފްލެޓްތަކާއި، އަތޮޅުތެރޭގެ ރަށްރަށް ވެސް ހިމެނެއެވެ. ޕޮޒިޓިވްވި އަންހެންމީހާއާއި، އޭނާގެ ތުއްތު ދަރިފުޅުގެ ކޮންޓެކްޓް ޓްރޭސިންގ ތެރެއިން މިހާތަނަށް 207 މީހުން މިހާރުވަނީ ހޯދާފައެވެ. މީގެ އިތުރުން، އެ ދެކޭސްއާއި ކޮންޓެކްޓްވި މީހުންގެތެރެއިން ހައިރިސްކު އޮތް 75 މީހުނާއި، މީޑިއަމް ރިސްކް އޮތް 43 މީހުނާއި، ލޯ ރިސްކް އޮތް 89 މީހުން މިހާރު ހޯދާފައިވެއެވެ. ހަމަ އެހެންމެ އެންމެ ފަހުން ޕޮޒިޓިވްވި މީހާއާއި ކޮންޓެކްޓްވި މީހުންގެތެރޭގައި، ހައި ރިސްކުގެ ހަތް މީހަކާއި، މީޑިއަމް ރިސްކުގެ 28 މީހުންވަނީ ފެނިފައެވެ.

ކަން މިހެން ހުރުމުގެ ސަބަބުން، ލޮކްޑައުންގެ މުއްދަތު މިހާރުވަނީ، އިތުރުކޮށްފައެވެ. މި މުއްދަތުގެތެރޭގައި، ގެއިން ބޭރަށް ނިކުތުމަކީ މަނާކަމެކެވެ. އަދި ކީއްތަ ނިކުމެ އުޅުމަކީ ރައްކާތެރި ގޮތެއް ވެސް ނޫންމެއެވެ.

އެހެންނަމަވެސް، ލޮކްޑައުންކުރިޔަސް، ގިނަ ދިވެހީންގެ ޢަމަލުހުރީ ކޯވިޑް-19 އިގެ އަޑު ދުވަހަކު ވެސް އަހާފައިނުވާ ބައެއްގެ ގޮތުގައެވެ. ނުވަތަ އަޑު އިވުނުއިވުނުހެން، އެ އަޑަށް ހޭނި، ފަރުވާކުޑަވެފައިވާ ބައެއްގެ ގޮތުގައެވެ. ލޮކްޑައުންކުރުމުން ވެސް މި ފެންނަނީ މަގުތައް ފުރިފައިވާ ތަނެވެ. އެ މީހަކު ހިތަށްއެރި އިރަކު ނިކުމެ، ހިތަށްއެރި ތާކު އުޅެމުންދާ މަންޒަރެވެ. ޒަރޫރީ ބޭނުންތަކުގައޭ ކިޔަމުން ފިހާރަތަކަށް ދުވެހަދާ މަންޒަރެވެ. ސޯސަލް ޑިސްޓެންސިންއެއްނެތި މީހުން ޖަމާވެ އުޅޭ މަންޒަރެވެ.

އަޅުގަނޑު އިސްވެ ދެންނެވި ފަދައިން ޒަރޫރީ ބޭނުންތައް ކޮންމެ މީހެއްގެ ވެސް ހުންނާނެއެވެ. އެކަމަކު ވެސް، މިފަދަ ނާޒުކު ހާލަތެއްގައި، އެއްޗެއް ހޯދަން މަގުމައްޗަށް ނިކުތުމަށްވުރެ ގޭގައި މަޑުކޮށްގެން ތިބުން ކީއްތޯއެވެ. ތިބާ ފިހާރަތަކަށް ގޮސް ކިޔުގައި ޖެހިގެން ހުންނައިރު، ތިބާއާއި ޖެހިގެން ހުންނަ މީހާއަކީ، ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހެއްކަން ތިބާއަށް އެނގޭނެހެއްޔެވެ. ތިބާ މަގުމަތީގައި ނިކުމެ އުޅޭއިރު، ތިބާއާއި ބައްދަލުވާ މީހާގެ ހާލަތަކީ ކޮބައިކަން ތިބާއަށް އެނގޭނެ ހެއްޔެވެ.

މިއީ ނަފުސުގެ ޖިހާދުކުރަންވީ ވަގުތެވެ. އަމިއްލައެދުންތަކަށް ފައިންއަރައި، ރައްކާތެރިކަމުގެ އަތް އުފުލަންވީ ވަގުތެވެ. ތިބާގެ ދަރިއަކަށް ނުވަތަ ތިބާގެ އަނބިމީހާގެ އުފަލަށްޓަކައި މަގުމައްޗަށް ނިކުމެ އެއްޗެއް ގަންނަން ދިއުމަކީ، މުޅި ޢުމުރު ހިތާމަކުރަންޖެހޭ ކަމެއްކަމަށް ވެސް ވެދާނެއެވެ.

ޒަރޫރީބޭނުމެކޭ ބުނެ، އައިސްކުރީމާއި، ޗޮކްލެޓާއި، ސިނގިރޭޓާއި މިފަދަ ތަކެތި ގަންނަން ތިބާ ނިކުންނައިރު ވިސްނައިލާށެވެ. ތިބާގެ އެ ނިކުތުމަކީ، އެ އެއްޗެހިން ތިބާއަށް ނުވަތަ ތިބާގެ ދަރިންނަށް ލިބޭ އުފަލަށްވުރެ ބޮޑު ގެއްލުމެއް ކުރިމަތިވެދާނެކަމެކެވެ. އެ ނިކުތުމުގެ ސަބަބުން މި ދުނިޔެއާއި ޢަލްވަދާޢުކިޔަން ވެސް ޖެހިދާނެކަން ދަންނާށެވެ. ބަލި ޖެހެނީ ބުނެފައެއް ނޫންކަން އެނގޭނޫން ހެއްޔެވެ. އެހެންނޫންނަމަ، މިހާތަނަށް ބަލިޖެހުނު މީހުންނަށް ވެސް، ބަލިޖެހެން އުޅޭކަން އެނގި އެކަމަށް ތައްޔާރުވީސް ނޫންތޯއެވެ.

ޝައްކެއްނެތެވެ. ގިނަ ދިވެހީން މިއަދު ކަންބޮޑެއް ނުވެއެވެ. ދެރައެއް ނުވެއެވެ. ހިތާމައެއް ނުކުރެއެވެ. ފަރުވާލެއް ނުބަހައްޓައެވެ. ކޮންމެ މީހަކަށް ވެސް، ކޯވިޑް- 19 އަކީ، ކިހާވަރެއްގެ އެއްޗެއްކަން އެ ބައެއްގެ ޢާއިލާއަށް އަނބިދަރިންނަށް ޖެހުމުން ވިސްނޭނެއެވެ. ދިވެހީން މިތިބީ ކަންތައް އެހިސާބަށްދަންދެން ތޯއްޗެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: