ދުނިޔޭގެ އެކި ގައުމުތަކުގައި ބާރު ސްޕީޑެއްގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ކޮމިއުނިޓީ ސްޕްރެޑްއެއް ވެރިރަށް މާލެއިން ފެނި އިތުރު ދެ މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
ބައްޔަށް އަލަށް ޕޮޒިޓިވް ވެފައިވާ ދެ މީހުންނަކީ ވެސް ތިން ވަނަ މީހާގެ ހައި ރިސްކު ދެ ކޮންޓެކްޓުންނެވެ. އަދި ތިން ވަނަ ޕޭޝަންޓަކީ، އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތި ބަލީގެ އަސަރު އެންމެ ފުރަތަމަ މާލެއިން ފެނުނު މީހާގެ ހައި ރިސްކު ކޮންޓެކްޓެކެވެ. މީގެ ތެރޭގައި ހިމެނޭ ދެވަނަ ޕޭޝަންޓަކީ، ފުރަތަމަ ބަލީގެ އަސަރު ފެނުނު އަންހެން މީހާގެ ދެ އަހަރު ނުވާ ކުޑަ ދަރިފުޅެވެ.
އެޗްޕީއޭއިން ބުނެފައިވަނީ، ބައްޔަށް ޕޮޒިޓިވް ވީ ދެ މީހުންވެސް ކަރަންޓީން ފެސިލިޓީއަކަށް ގެންދެވިފައިވާ ކަމަށެވެ.މިއާއި އެކު މާލެއިން ފެނުނު ކޭސްގެ އަދަދު ފަހަކަށް އެރީ އެވެ.
https://twitter.com/HPA_MV/status/1250906444414595072
ފްލޫ ކްލިނިކްއަށް ދެއްކުމަށްފަހު، ޝައްކުވާ އަލާމާތްތަކެއް ހުރެގެން ބައްޔަށް ޓެސްޓު ކުރުމަށް ފަހު މާލެ ތެރޭގައި ބަލި އުޅޭކަން އެނގިފައި ވަނީ ބުދަ ދުވަހުއެވެ. އަދި އޭނާ އާ އެކި ގޮތް ގޮތުން ކޮންޓެކްޓު ވެގެން 207 މީހަކު ފާހަގަވެފައި ވާއިރު ކުރިޔަށް އޮތް ތަނުގައި އެ އަދަދު އިތުރު ވެގެން ދާނެ ކަމަށް ލަފާ ކުރެވެއެވެ.
އިންކިއުބޭޝަންގެ ފަސް ދުވަހުގެ މުއްދަތެއް ނެގިއިރު މިހާ ގިނަ އަދަދެއްގެ މީހުން ކޮންޓެކްޓު ޓްރޭސްވުމާއި ގުޅޭގޮތުން އެންއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ހީ ކުރި ވަރަށް ވުރެ މޫވްމެންޓުތައް ގިނަ ކަމަށެވެ. އެގޮތުން އާއިލީ ސައި ޕާޓީތައް ބޭއްވުމާއި މަސް ދަތުރު ދިއުން އަދި ހުޅުމާލެ އާއި މާލޭގައި ބޮޑެތި މޫވްމެންޓުތަކެއް ހިނގާފައިވާ ކަމަށެވެ.
ފަސް ދުވަހުގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ މީހުންނާއި ބައްދަލުވުމާއި ގުޅޭގޮތުން، ޕްރެސްގައި ބައިވެރިވެވަޑައިގެން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މާލެއަށް ދިމާވެފައިވާ މިހާލަތުން ރައްޔިތުން އިބުރަތެއް ލިބިގަންނަން ޖެހޭ ކަމަށެވެ. ސިއްހީ މާހިރުން ކެނޑިނޭޅި ދެމުންދިއަ އިރުޝާދުތަކަށް ބޯ ނުލެނބުމުގެ ނަތީޖާ، މިއަދު ސާފުވެފައިވާ ކަމަށް ޑޮކްޓަރު ވަނީ ވިދާޅުވެފައެވެ.
މިހާރު މާލޭ ސަރަހައްދު އިތުރު 24 ގަޑިއިރަށް ލޮކްޑައުންކޮށްފައި ވާއިރު، ޕޮޒިޓިވް ވީ މީހުންނާއި އެއްވެސް ގޮތަކުން ކިރިޔާވެސް ބައްދަލުވެފައިވާނަމަ އެކަން ރިޕޯޓު ކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. އެއީ އެއްވެސް ފެންނަން ނެތް ނަމަވެސް މެއެވެ.
ޕޮޒިޓިވްވި އަންހެން މީހާއާ އެކި ގޮތް ގޮތުން ކޮންޓެކްޓްވި މީހުން ތިބި ހއ. ވަށަފަރާއި ކ. ކާށިދޫ އަދި ތ. މަޑިފުށިން ތިން ގެއެއް ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި މާލެއާ ހުޅުމާލެއިންވެސް ގެތަކެއް ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި މާލެއާއި ހުޅުމާލެއިން އެކި މީހުންގެ ސާމްޕަލްތައް ނެގުމުގެ މަސައްކަތް އެޗްޕީއޭއިން ދަނީ ކުރަމުންނެވެ.

