މިއަދު މުޅި ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަހަކީ ޗައިނާގެ ވޫހާން އިން ފެނުނު ވައިރަހަކަށް ވީނަމަވެސް ހަގީގަތަކީ އެބަލި ދުނިޔެއަށް ފެންމަތިވި ގޮތް މިހާތަނަށް ވެސް ހޯދިފައި ނުވާކަމެވެ. ނަމަވެސް މިއަދު މިބަލި މުޅިދުޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާއިރު ދުނިޔޭގެ ބޮޑެތި ބާރުތައް ވަނީ ގޮތް ހުސްވެފައެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. ބައްޔަށް ފަރުވާއެއް ނުހޯދި ބަލި ފެތުރުން ކޮންޓްރޯލް ނުވެ އެތައް މިލިޔަން ބަޔަކު މަރުވެ ދާތީއެވެ. ބައެއް ގައުމުތަކުގައި މަރުވާ މީހުން ވަޅުލެވޭނެ ގޮތެއް ވެސް ނެތީއެވެ. ގަބުރުސްތާން ނުވަތަ ސަހަރާތައް ފުރެނީއެވެ. ވައިރަހަށް ޕޮޒިޓިވްވާ މީހުން އެޑްމިޓް ކުރާނެ އެނދު ނުލިބޭ ގައުމުތައް ވެސް މަދެއް ނޫނެނެވެ. ހީވަނީ 21 ވަނަ ގަރުނު އެތައް ޒަމާންތަކެއްގެ ފަހަތަށް ޖެހި މުޅި ދުނިޔެ ގޮތް ހުސްވެފައިވާހެންނެވެ.
ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ މިކުޑަކުޑަ ޖަޒީރާ ދިވެހިރާއްޖޭގެ ރައްޔިތުންގެ ހިތްތަކަށް ހަމަ އެއްވެސް އެއްޗެއް ނާރާތީއެވެ. ދައުލަތުގެ ކަމާއިބެހޭ އިދާރާތަކުން ބަލީގެ ނުރައްކާ ކިޔައި ނުދެނީއެއް ނޫނެވެ. ކޮރޯނާ ވައިރަސް ދުނިޔެއިން ފެނުނީއްސެރެ ދިވެހި ސަރުކާރުން އަންނަނީ ރާއްޖޭގެ ރައްޔިތުންނަށް ބަލީގެ ހުރި ނުރައްކާތެރިކަން ކިޔައި ދެމުންނެވެ. ބައްޔަށް ފަރުވާއެއް އަދި ނެތް ކަމަށާއި ހަމައެކަނި އޮތް ފަރުވާއަކީ ގޭގައި ތިބުން ކަމަށް ސަރުކާރުން ދިޔައީ މެދުނުކެނޑި ކިޔައި ދެމުންނެވެ. ނަމަވެސް މަދު ދިވެއްސެއްގެ ކަންފަތަށް ނޫނީ އެ ވާހަތައް އަޑުނީވޭކަން މިއަދު މިވަނީ ޔަގީންވެގެން ގޮސްފައެވެ. އޭގެ ހެއްކަކީ ރާއްޖެއިން ބޭރަށް ދަތުރުނުކުރާ އަދި ކޮރޯނާ ވައިރަހަށް މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި އެއްވެސް މީހަކާ ޑައިރެކްޓް ކޮންޓެކްޓް ނުވާ މީހަކު ރާއްޖޭގެ ވެރިރަށް މާލެއިން ޕޮޒިޓިވްވެ މުޅި ރާއްޖެ ލޮކްޑައުން ކުރާ ހާލަތަށް ދިއުމެވެ.
ކޮރޯނާ ވައިރަސް ވެރިރަށް މާލެއިން ފެނިއްޖެނަމަ އަދި ބަލި އަވަހަށް ފެތުރިގެން ހިނގައްޖެނަމަ ބައްޔަށް ފަރުވާ ދިނުމަކީ ރާއްޖޭގައި ވުމަށްވުރެ ނުވުން ގާތް ކަމަކަށް ސަރުކާރުން އައީ ބުނަމުންނެވެ. ސަބަބަކީ ރާއްޖޭގެ ސިއްހީ ދާއިރާގެ ބަލިކަށި ކަމާއި ރާއްޖޭގެ އިންސާނީ ވަސީލަތާއި އަދި އެހެނިހެން ވަސީލަތްތައް މަދުވުމުގެ އިތުރުން ރާއްޖެއަކީ އަމިއްލަ އުފެއްދުންތެރިކަން ދަށް ގައުމަކަށްވުމެވެ.
ހާއްސަކޮށް ބައްޔަށް ފަރުވާ ދިނުމަށް ބޭނުންކުރާ ހުރިހައި ބޭހަކާއި އެހެނިހެން ވަސީލަތަކީ ރާއްޖެއިން ބޭރުން ގެންނަން ޖެހޭ އެއްޗިއްސަށްވާއިރު މިހާރު ދުނިޔޭގެ ހާލަތު ހުރި ގޮތަކީ އެއްގައުމުން އަނެއް ގައުމަށް ތަކެތި އެތެރެކޮށް ބޭރުކުރެވޭނެ ފަދަ ހާލަތެއް ނޫނެވެ. އެހެން ކަމުން ސަރުކާރުން ދިޔައީ އެ ވާހަކަތައް ރައްޔިތުންނަށް ކިޔައި ދެމުންނެވެ. ނަމަވެސް އެ ވާހަކަތަކަށާއި ސިއްހީ މާހިރުން ދެއްވި އިރުޝާދަށް ދިނީ ބީރު ކަންފަތެކެވެ. މިއަދު މިވަނީ އެކަމުގެ ހިތިނަތީޖާ ފެނިފައެވެ.
ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފަސް ދިވެހިން ވެރިރަށް މާލެއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު ކޮރޯނާ ވައިރަހުގެ ތޫފާނުގެ އިންޒާރު ދިނެވެ. ބޭރަށް ނިކުތުން މަނާކޮށް އަންގާ އެންގުންތަކަށް ތަބާ ނުވެއްޖެނަމަ ޖޫރިމަނާ ކުރާނެ ކަމަށް ބުނި ނަމަވެސް ދިނީ ނަސޭހަތެވެ. ކަންފަތް ބީރުވެފައި ތިބި ގިނަ ދިވެހިން ދިނީ ބީރު ކަންފަތެކެވެ. ބޭރަށް ނިކުތުން މަދެއް ނުވެއެވެ. އެންމެ ފަހުން ވެރިމީހާ ކީރިތި ކުރައްވައި އާދޭސް ވެސް ކޮށްފިއެވެ. ނަމަވެސް އަދިވެސް ހަމަ ރައްޔިތުންގެ އުޅުމަކަށް ހަމަ އެއްވެސް ބަދަލެއް ނާދެއެވެ. އެހެން ކަމުން މިއަދު ނަސޭހަތް ދިނުމުގެ ބޭނުމެއް ނެތެވެ. ފިޔަވަޅު އަޅަންވީއެވެ. ކިޔަމަން ނުވާ މީހުންނަށް އަދަބު ދޭންވީއެވެ. ސަބަބަކީ ނޮވެލް ކޮރޯނާ ވައިރަހަކީ ފަރުވާއެއް ނެތް ބައްޔަކަށްވާތީއެވެ. ބުނާ ބަސް ނާހާ ބައެއްގެ ނުރައްކަލުން ގައުމު ސަލާމަތް ކުރުމަށްޓަކައި އުލު އިންދަން ޖެހޭ ބަޔަކު އުލުވެސް އިންދަންވީއެވެ. ހަމަ ވައިރަހުގެ ނުރައްކާތެރިކަން ބޮޑުކަމުންނެވެ.
ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ކީރިތި ކުރައްވަމުން ވިދާޅުވީ މި ބަލިން ރައްކާތެރިވުމަށް، އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅަކީ، ބޭރުތެރެއަށް ނުނިކުމެ ގޭގައި މަޑުކުރެއްވުމާއި އަދި ޞިއްޙީ ޚިދުމަތްތެރިން ދެއްވާ ލަފަޔާ އެއްގޮތަށް ގިނަގިނައިން އަތް ދޮވެ ސާފުތާހިރުކަމުގެ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރެއްވުން ކަމުގައެވެ. އަދި މިދަނޑިވަޅުގައި އެކަކު އަނެކަކާ މެދު އޯގާތެރިކަމާއި އެކުވެރިކަމާއެކު މުޢާމަލާތް ކުރުމަށާއި ކެތްތެރިކަން އިސްކުރައްވައި އިސްލާމް ދީނުގެ މަތިވެރި އުޞޫލުތަކުގެ ތެރެއިން އެކަކު އަނެކަކަށް އެހީތެރިވުމަށް ވެސް ރައްޔިތުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
ދިވެހިރާއްޖޭގައި ކޮވިޑް 19 ފެތުރިގެން ހިނގައިދާނެ ޙާލަތަކަށް ސަރުކާރު އޮތީ ތައްޔާރަށްކަމަށާއި ވަކިން ޚާއްސަކޮށް މާލެތެރެއިން، އެންމެ މީހަކު ވިޔަސް މި ބައްޔަށް ޕޮޒިޓިވްވެދާނެ ކަމަށް ބަލައި ސަރުކާރުން ތައްޔާރުވެފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން މި ބަލި ފެތުރޭ މިންވަރު ވީހާވެސް ކުޑަކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ މި ބަލިން ރައްޔިތުން ރައްކާތެރިކުރުމުގައި އެއްވެސް ވަރުބަލިކަމެއް ނެތި، އެންމެ ފުރަތަމަ ދުވަހުން ފެށިގެން، ކުރީ ސަފުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ ޞިއްޙީ ޚިދުމަތްތެރިންނަށާއި، މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.
ރައީސް ސާލިޙްގެ ޝުކުރާއިއެކު ބުނެލަން އޮތީ އެންމެ ވާހަކައެކެވެ. އެއީ ސަލާމަތީ ބާރުތަކަށެވެ. ފަރުދީ ޒިންމާ އަދާކުރާނެ ބަޔަކު މީހަކު ނެތެވެ. ނަސޭހަތް ދިނުން ހުއްޓަވާލައްވާ ހަރުކަށި ފިޔަވަޅު އަޅުއްވާށެވެ. ނަސޭހަތްދޭން ޖެހޭ ވަގުތު ފަސްދީފިއެވެ. ނަސޭހަތުގެ ވަގުތު ހަމަވެއްޖެއެވެ. ތޫފާންގެ އިންޒާރު ދެއްވިއެވެ. އެންމެ ފަހުން ކީރިތިވެސް ކުރެވިއްޖެއެވެ. ދެން ދޭނެ ނަސޭހަތެއް ނެތް!

