ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރި މަސައްކަތުން، ދިވެހި ތާރީހުގައި ވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ތަންފީޒުކުރަމުންދާ ވެރިކަމަކީ މިއީކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޝަހީމް ވިދާޅުވީ، މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 80 އަށްވުރެ ގިނަ މަޝްރޫއު ބާރުސްޕީޑުގައި ހިނގަމުންދާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ހަމައެކަނި މިސްކިތްތައް ނޫންކަމަށާއި، ބޮޑެތި އިސްލާމީ މަރުކަޒުތަކާއި، ދީނީ ކަންކަމަށް އާމްދަނީ ހޯދުމަށް ބިނާކުރާ ވަގުފު އިމާރާތްތައްވެސް މި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭކަމަށް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި މި ކާމިޔާބީގެ އަސްލަކީ ރައީސް މުއިއްޒު ދީނީ ކަންކަމަށް ދެއްވާ އިސްކަމެވެ. އެހެންކަމުން ރައީސަށާއި ޕީއެންސީގެ ލީޑާޝިޕުން މިކަމަށް ދެއްވާ އެއްބާރުލުން ފާހަގަކުރެއްވި އެވެ.
މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި ކުރިމަތިވާއިރު، އެކަމާއި ގުޅޭގޮތުން ޝަހީމް ވިދާޅުވީ، ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި، އިގްތިސާދީ ގޮތުން ހުރި ހުރަސްތަކާއެކުވެސް، ސަރުކާރުގެ އަމާޒަކީ އެއްވެސް މަޝްރޫއެއް ހުއްޓާނުލައި ކުރިއަށް ގެންގޮސް ނިންމާލުން ކަމަށެވެ.
އަޅުގަނޑުމެން މި ދަނީ މި ގޮންޖެހުންތައް ހުރަސްކޮށް މަޝްރޫޢުތައް ނިންމަމުން. މިދިޔަ ރޯދަމަހުގެ ތެރޭގައިވެސް ގިނަ މިސްކިތްތަކެއް ހުޅުވުނު. އޭގެ ތެރޭގައި ކުރީ ސަރުކާރުން ފަށާފައި، އެކި ސަބަބުތަކާ ހުރެ ހުއްޓިފައި ހުރި ތަންތަންވެސް ހިމެނޭ
މީގެއިތުރުން ޝަހީމް ވިދާޅުވީ އަންނަ ރޯދަމަހުގެ ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު 20 މިސްކިތެއް ހުޅުވޭނެ ކަމަށެވެ. އަދި ހާއްސަކޮށް ހުޅުމާލޭގައި ޓިނުން ހަދާފައި ހުރި ވަގުތީ މިސްކިތްތައް ނަގައި، މި އަހަރުގެ ތެރޭގައި ހުޅުމާލޭގެ ހުރިހާ ސަރަހައްދެއްގައި ދާއިމީ މިސްކިތްތައް ގާއިމުކޮށް ނިންމުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

