ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައިގެ އިސްލާހީ މަސައްކަތްތަކުގެ ރިޕޯޓު ކޮންމެ ދެ މަހަކުން ހުށަހަޅަން ޖެހޭގޮތަށް މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

މާލިއްޔަތު ކޮމިޓީއިން ފެނަކައިގެ، މާލީ ހާލަތާއި ހިސާބުތައް ބެލެހެއްޓުމާ ގުޅޭ ޚާއްޞަ އޮޑިޓް ރިޕޯޓް ދިރާސާކުރުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކާއި، އެ ކުންފުނި އިސްލާހުކުރުމަށް ކުރަމުންދާ މަސައްކަތްތައް ހިނގާގޮތުގެ ތަފްސީލު ކޮންމެ ދެ މަހަކުން އެއްފަހަރު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމަށް އެ ކޮމިޓީން ފާސްކޮށްފި އެވެ.

މި ނިންމުން ނިންމާފައިވަނީ ފެނަކައިގެ 2021 އިން 2023 އަށް ހިންގާފައިވާ މުއާމަލާތްތަކާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ހާއްސަ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، ފޮނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވުންނެވެ. މާލިއްޔަތު ކޮމިޓީން މަމްދޫހުގެ ހުށަހެޅުން ފާސްކޮށް ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ.

އޮޑިޓް ރިޕޯޓުން ހާމަވެފައިވާ ގޮތުގައި، ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރާ އާއިލީ ގުޅުން އޮންނަ ކުންފުނިތަކަށް އުސޫލުން ބޭރުން 49 މިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށް، އޭގެ ތެރެއިން ބޮޑުބައެއް ވަނީ ދޫކޮށްފައެވެ. މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުންނަށް ހުށަހަޅައިގެން ތަހުގީގުކުރުމަށާއި، އެ ތަހުގީގުތައް ކުރިއަށްދާ ގޮތުގެ ރިޕޯޓު ގަވާއިދުން ކޮމިޓީއަށް ހުށަހެޅުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން، ކުންފުންޏަށް ބޭނުންވާ ތެލާއި ސްޕެއާ ޕާޓްސް ފަދަ ތަކެތި ޓެންޑަރިންގ އުސޫލާ ހިލާފަށް ގަނެފައިވާ މައްސަލަތަކުގައި ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށްވެސް ވަނީ ގޮވާލާފައެވެ.

ގަރާރުގައި އިތުރަށް ބުނެފައިވަނީ، މާކެޓް ރޭޓަށް ވުރެ އަގުބޮޑުކޮށް ހިދުމަތްތައް ހޯދުމަށް ވެފައިވާ އެއްބަސްވުންތައް ބަލައި، އެފަދަ ފަރާތްތަކަށް އިތުރަށް ފައިސާ ނުދިނުމަށެވެ. އަދި އިންޖީނުގެތަކާއި އޮފީސް އިމާރާތްތަކުގެ އެއްބަސްވުންތައް ބާތިލްކުރުމުން، އެ މަސައްކަތްތަކަށް ދޫކޮށްފައިވާ އެޑްވާންސް ފައިސާ އަނބުރާ ހޯދުނު މިންވަރުގެ ތަފްސީލުވެސް ކޮންމެ ދެ މަހަކުން ކޮމިޓީއަށް ހިއްސާކުރަން ޖެހޭނެކަމަށްވެއެވެ.

މި ގަރާރުގައި އައު ޖަނަރޭޓަރުގެ ގޮތުގައި ބާ ޖަނަރޭޓަރުތަކެއް ގެނައި މައްސަލަ ވެސް ތަހުގީގުކުރަން ވަނީ ނިންމާފަ އެވެ.

ފެނަކައިގެ ހިންގުން ދޯދިޔާވެ، މުވައްޒަފުންގެ އަދަދު ތިން އަހަރު ތެރޭގައި 3,500 އިން 7,000 އަށް އިތުރުވެފައިވާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: