މިހާރުވެސް މުދަލާއެކު ބޯޓުތައް ރާއްޖެއަށް އެބައަންނަކަމަށާއި، ވީހާވެސް އަވަހަކަށް ކަންމަތީ ފިހާރަތަކަށާއި، އެހެނިހެން ތަންތަނަށް މުދާ ފޯރުކޮށްދިނުމުގެ މަސައްކަތްކުރައްވަމުން ގެންދަވާނެކަމަށް އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރު ޝާހިދު ޢަލީ ވިދާޅުވެއްޖެއެވެ.
އެމްޕީއެލްއާއި ކަސްޓަމްސް ގުޅިގެން ހުކުރުދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރު ޝާހިދު ޢަލީ ވިދާޅުވީ، ސަޕްލައި ޗެއިންގެތެރެއިން ފުދޭވަރަކަށް މުދާ އެބަ އަންނަކަމަށާއި، މިހާރު ވެސް ދެ ކޮންޓެއިނަރު ބޯޓު އެބައޮތްކަމަށެވެ.
މީގެ އިތުރުން، ޝާހިދު ވިދާޅުވީ، މި މަހުގެ 24 ވަނަ ދުވަހުގައި ވެސް ބޯޓެއް އަންނާނެކަމަށާއި، ބަންގްލަދޭޝްގެ އެހީތެރިކަމާއެކު ބޯޓެއް އެބަ އަންނަކަމަށާއި ފެރިޝަބަލްސްގެ ކާގޯގެ ދެ ބޯޓެއްވެސް މިހާރު ފުރާފައިވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ، އެކަށީގެންވާވަރަށް ކާގޯ އަންނަކަމުގެ ޔަޤީންކަން ދެއްވާކަމަށާއި، އަމާޒަކީ ވީހާވެސް އަވަހަށް ރައްޔިތުންނަށް އެ ތަކެތި ފޯރުކޮށްދިނުން ކަމަށެވެ.
މި ގޮތުން، މިއަދު މުދާ ދޫކުރާއިރު، އިސްކަންދޭނީ، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް ފޯރުކޮށްދިނުންކަމަށާއި، މަސައްކަތް ކުރިއަށްދާނީ، އެ ނޫންވެސް މުހިންމު ބާވަތްތަކަށް އިސްކަންދީގެންކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ޢާންމު ހާލަތުގައި މުދާ ދޫކުރާ އުސޫލުން، މުދާ ދޫނުކުރެވޭނެކަމަށާއި، އަވަސް އަރުވައިލައިގެން މުދާ ނެރުމަށް މަސައްކަތް ނުކުރުމަށާއި، ބަނދަރުގައި ނުނެރެވި ލަސްވާ މުދަލަށް އަރާ ޑެމަރޭޖް ދައްކަން ނުޖެހޭނެކަމަށެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ، މިއަދުު ހެނދުނު 8:30 އިން ފެށިގެން، ހަވީރު 16:30އަށް، މުދާ ކްލިއަރ ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި އެއާރޕޯޓުގައި ހެނދުނު 9:00 އިން ހަވީރު 16:30އަށް މަސައްކަތް ކުރިއަށްދާނެކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން، ޝަރީފް ވިދާޅުވީ، އެމްޕީއެލްއާއި ގުޅިގެން ކުރަމުން މި އަންނަ މަސައްކަތްތައް ވަރަށް ކާމިޔާބުކަމާއެކީ ދިވެހި ރައްޔިތުންނަށް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.

