ނޫސްވެރިންނަށް ވެސް މުޖްތަމައުގެ ތެރޭގައި ސާބިތުނުހިފޭ ވާހަކަތައް ފަތުރައި، މުޖްތަމައު ގަޑުބަޑު ކުރުމުގެ ހައްގެއް ނޯންނާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ގާނޫނުއަސާސީއަށް 18 އަހަރު ފުރުމާއި ގުޅޭގޮތުން، ސަންގުޓީވީން ކުރިޔަށް ގެންދިޔަ ހާއްސަ ކަވަރޭޖުގައި ވާހަކަ ދައްކަވަމުންނެވެ.
ސަންގުއަށް ދެއްވި ހާއްސަ އިންޓަވިއުގައި ރައީސް ޔާމީން ވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ މާހައުލާ މެދު ސުވާލު އުފައްދަވައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނޫސްވެރިކަން މާބޮޑަށް ކޮންޓްރޯލް ކުރަމުންދާކަމަށް ވިދާޅުވެފަ އެވެ.
ރައީސް ޔާމީން ވިދާޅުވީ، މިއަދު ރާއްޖޭގައި ނޫސްވެރިކަން އޮތީ ވަރަށް ބޮޑު ބާރުވެރިކަމުގެ ދަށުގައި ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރާ މެދު ވާހަކަ ދައްކާއިރު، މިހާރު ކަންތައްތައް ކުރަމުންދާ ގޮތުން ނޫސްވެރިކަން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރާކަމަށް ގަބޫލުކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް، ކުރިން ފެނިގެން ނުދާ ފަދަ އާދައިގެ ކަންތައްތައް ވެސް މިހާރުގެ ސަރުކާރުން ކޮންޓްރޯލް ކުރަމުންދާ ކަމުގެ އިހުސާސް ކުރެވޭކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، ކޮންމެ ހައްގަކާއެކު ޒިންމާތަކެއް ވެސް އޮންނަންޖެހޭނެ ކަމަށެވެ. އެގޮތުން ނޫސްވެރިންނަށް ކޮންމެ ފަދަ ވާހަކައެއް ދެއްކުމުގެ ހުއްދަ އޮވެގެން ނުވާނެ ކަމަށާއި، ވަކިން ހާއްސަކޮށް ސާބިތުނުހިފޭ ދޮގު ވާހަކަތައް ފެތުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނޫސްވެރިންނަށް ހުއްދަވޭތޯ ސާބިތުނުހިފޭ ވާހަކަ ދައްކަން؟ ނޫސްވެރިންނަށް ހައްގުވޭތޯ ތަނެއްގައި ހަމަނުޖެހުން އުފެދި، އިންގިލާބެއް އަންނަ ވަރަށް ސާބިތުނުހިފޭ ވާހަކަ ދައްކައިގެން މުޖުތަމައު ގަޑުބަޑުކުރަން
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ނޫސްވެރިން ވަކިކޮޅަކަށް ބުރަވެތިބެ ހަގީގަތާ ހިލާފު ވާހަކަ ފެތުރުމަކީ އެހެން މީހުންގެ ހައްގުތަކަށް އަރައިގަތުން ކަމަށެވެ.
މީގެ އިތުރުން، އެމަނިކުފާނުގެ ވެރިކަމުގެ ދުވަސްވަރަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، 2015 ވަނަ އަހަރުގެ ތެރޭގައި އެމްއެންޑީއެފްގެ ސިފައިން ހަތިޔާރާއެކު މަގުމަތި ކޮންޓްރޯލް ކުރަން އުޅޭކަމަށް ބުނެ ބައެއް ނޫސްތަކުން ހަބަރު ފެތުރި ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެއީ ނެތް ހަގީގަތެއްގެ މައްޗަށް ފެތުރި ދޮގު ވާހަކަތަކެއް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ނޫސްވެރިކަމުގެ މިނިވަންކަން ދަމަހައްޓަންވާނީ އެހެން މުއައްސަސާތަކާއި ފަރުދުންގެ ހައްގުތަކަށް އުނިކަން ނުލިބޭނެ ގޮތަށް ”ސްޓްރީމްލައިން“ ކުރެވިގެންނެވެ. އެހެން މީހުންގެ ހައްގުތަކަށް އަރައިނުގަންނަ ނަމަ ނޫސްވެރިކަން މިނިވަންކަމާއެކު ކުރިއަށް ގެންދެވޭނެކަމަށާއި، ނަމަވެސް މިހާރުގެ ހާލަތަށް ބަލާއިރު މައްސަލަތަކެއް އުޅޭކަމަށް ވިދާޅުވި އެވެ.

