ރައްޔިތުންނަށް އަސާސީ ޚިދުމަތް ފޯރުކޮށްދިނުމަށް ޤާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވީ ނަމަވެސް މި ސަރުކާރުން ކަންކުރަނީ ދިމާ އިދިކޮޅަށްކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
ހަސަން ލަތީފު މިހެން ވިދާޅުވީ ޤާނޫނު އަސާސީއަށް 18 އަހަރު ފުރުމާއި ގުޅިގެން ސަންގަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.
އޭނާވަނީ ސަރުކާރުން ރައްޔިތުންނަށް ފޯކޮށްދޭންޖެހޭ ޚިހުމަތްތައް ފޯރުކޮށްނުދީ ބޭކާރު މަޝްރޫއުތައް ހިންގާކަމަށް ތުހުމަތުކުރައްވާފައެވެ. އެގޮތުން، ދައުލަތުގެ ކެރި ފޯރުންތެރިކަން ހުރި މިންވަރަކުން ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެންޖެހޭ ކަމަށް ޤާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވީ ނަމަވެސް ސަރުކާރުން ބޭކާރު މަޝްރޫތައް ހިންގާ ނިކަމެތި ރައްޔިތު މީހާ ކައިރީގައި ދައުލަތުގައި ފައިސާ ނެތްކަމަށް ބުނުމަކީ އިންސާފެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީ ޚަރަދުކުރަންވާނީ ޒިންމާދާރު ކަމާއިއެކުކަމަށާއި އެހެންނަމަވެސް ކަނޑައެޅިގެން ޤާނޫނު އަސާސީގައި ދައުލަތަށް ލިބޭ އާމްދަނީ ޒިންމާދާރުކަމާއި އެކު ޚަރަދުކުރުމަށް ބަޔާންކޮށްފައިވީނަމަވެސް މިސަރުކާރުން ކަންކުރަނީ ދިމާ އިދިކޮޅަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޤާނުނުގައި ބަޔާންކޮށްފައިވާ ކަންތައް މިސަރުކާރުން ތަންފީޒު ނުކުރަނީ ހަމަ ޤަސްތުގައިކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
”އާންމު ރައްޔިތުމިހާގެ ޓެކްސް ފައިސާއިން މާލޭގައި ޓަނަލެއް އަޅަން ޚަރަދުކޮށްފައި ރަސްމާލެ ހިއްކަން ޚަރަދުކޮށްފައި ދެން ބުނަންވީތޯ ނިކަމެތި ރައްޔިތު މީހާ ކައިރީގައި ދައުލަތުގެ ކެރި ފޯރުންތެރިކަމެއް ނެތޭ؟ އެޔެއް ނޫން ޤާނޫނު އަސާސީ ތަސައްވަރުކުރި ގޮތަކީ އިނގޭތޯ. އަޅުގަނޑަކަށް ނުފެނޭ މިއީ ތަންފީޒުކުރުމުގައި ނޭނގިގެނެއް ނޫން އެހެން ނަމަވެސް ހަމަ ޤަސްތުގައި އެކަންކަން ނުކުރާންވެގެން ކުރަމުންދާތަން މިފެންނަނީ މިސަރުކާރުން“ ހަސަން ލަތީފު
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އަތޮޅު ތެރޭގެ ގާތްގަނޑަކަށް ހުރިހާ ރަށެއްގައިހެން ފެނާއި ނަރުދަމާ ގެ ޚިދުމަތް ޤާއިމްކުރެވިފައިވާކަމަށާއި އެހެންނަމަވެސް މިސަރުކާރުން އެކަންވެސް އޮޅުވާލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތު މީހާއަށް އަސާސީ ޙައްޤުތައް ކަށަވަރު ނުވާނަމަ ކޯޓަށް ދިޔުމުގެ އިޙްތިޔާރު ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މިއަދު ކޯޓުވެސް އޮތީ ބޮއްސުންލާފައިކަމަށާއި މިކަމަށް އެދެވޭ ހައްލެއް ނުލިބޭކަމަށެވެ. އަދި މިއަދު ޤާނޫނު އަސާސިގައި ބަޔާންކޮށްފައިވާ ފަދައިން ރައްޔިތުންނަށް ގިނަ ހައްޤުތަކެއް ކަށަވަރު ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދައުލަތުން އިތުރު ކަންކަމަށް ޚަރަދުކުރަންވާނީ ރައްޔިތުންނަށް ފޯރުކޮށްދެންޖެހޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދީފައިކަަމަށް ކޯޓުތަކުންވެސް ސަރުކާރަށް އަންގަންޖެހޭކަމަށެވެ.
އަދި ސަރުކާރުން ކަނޑައެޅިގެން ދައުލަތުގެ ފައިސާ އިސްރާފުކުރާކަން ސުޕްރީމް ކޯޓަށް އިނގޭއިރު ކޯޓުން އެކަން ހުއްޓުވަންޖެހޭނެކަމަށާއި އެހެން ނަމަވެސް އެކަން އެގޮތަށް ނުކުރާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާވަނީ ޤާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ހައްޤުތައް ރައްޔިތުންނަށް ނުލިބޭކަން ތަކުރާރުކުރައްވާފައެވެ.
”އަޅުގަނޑު ނުދަންނަވަން ދައުލަތުގެ ބަޖެޓު ހަދަންޖެހެނީ ސުޕްރީމް ކޯޓަކުންނެކޭ , އެހެންނަމަވެސް ކަނޑައެޅިގެން އިސްރާފަށް ފައިސާ ޚަރަދުކުރާކަން އިގޭކަމަށްވަންޏާ އެކަމާއި ދޭތެރެ ސުޕްރީމް ކޯޓުން އެއްޗެއް ބުނެވެން ޖެހޭނެ“ ހަސަން ލަތީފު
ސަރުކާރަށް ކަންކަން ލާޒިމުކުރުން އެއީ ކޯޓުންކުރަން ޖެހޭކަމެއްކަމަށް ތަކުރާރުކުރައްވާ އޭނާ ވިދާޅުވީ ރައްޔިތުންނަށް އެމީހުންގެ ހައްޤުތައް ކަށަވަރު ވާންޖެހޭނެކަމަށެވެ. އެގޮތުން އެމްޑީޕީގެ ބޮޑު ބަދަލުގެ ތެރެއިން އެންމެ މުހިއްމު ކަމަކީ ރައްޔިތު މީހާގެ ހައްޤުތައް ކަށަވަރުކުރުމަށް މުޅި ދައުލަތައް ފާރަވެރިވާނެފަދަ ވަރުގަދަ މިނިވަން މުއައްސަސާއެއް ޤާއިމުކުރުން ކަމުގައި އޭނާ ވިދާޅުވިއެވެ.
ހަސަން ލަތީފު ވަނީ ޤާނޫނެއް ހެދިޔަސް ނުފުދޭކަމަށާއި އެ ޤާނޫނަކީ މިނިވަން ޑިމޮކްރެޓިކް މުޖުތަމައުއެއްގައި އަމަލުކުރެވެންޖެހޭ އެއްޗަކަށް ވާންޖެހޭނެކަމަށް ވިދާޅުވެފައެވެ.

