ވެރިރަށް މަލޭގައި ކޮރޯނާ ވައިރަސް، ކޮމިއުނިޓީ ސްޕެރަޑަކަށް ބަދަލުވެފައިވާއިރު، މަގުމަތިވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޖެންޑާ މިނިސްޓްރީއިން އިމާދުއްދީން ސްކޫލާއި ގަލޮޅު ދަނޑުގައި ވަގުތީ ހިޔާއެއް ގާއިމްކޮށްފިއެވެ.
ޖެންޑާ މިނިސްޓްރީއިން ބުނެފައިވަނީ ގެދޮރު ނެތި މަގުމަތިވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ މިނިސްޓްރީއިން އިމާދުއްދީން ސްކޫލުގައި ވަގުތީ ހިޔާއެއް ގާއިމްކޮށްފައިވާ ކަމަށާއި އެތަނުގައި މިވަގުތު އެބަތިބި ކަމަށެވެ. އޭގެ އިތުރުން ގަލޮޅު ދަނޑުގައި ވެސް ވަނީ ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ.
ހާލުގައި ޖެހިފައިވާ މީހުންނަށް ފޯރުކޮށްދިން ވަގުތީ ހިޔާކަމަށްވާ އިމާދުއްދީން ސްކޫލާއި ގަލޮޅު ރަސްމީ ދަނޑުގައި ނިދުމާއި ފެންވެރުން އަދި ފާހަނާ ކުރުމުގެ އިތުރުން ކެއިންބުއިމުގެ އިންތިޒާމުތައް ހުންނާނެއެވެ. މާލެއިން ހާލުގައި ޖެހިފައިތިބި 54 މީހަކު ވަނީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ހިޔާތަކަށް ގެންދެވިފައެވެ. އޭގެ ތެރެއިން 15 މީހަކު ވަނީ އާއިލާތަކާއި ހަވާލުކޮށްފައެވެ.
ދުނިޔޭގައި ފެތުރެމުންދާ ކޮވިޑަށް މާލެއިން މިހާރު ވަނީ 14 މީހަކު ޕޮޒިޓިވް ވެފައެވެ. އަދި ކުރިޔަށް އޮތްތަނުގައި އަދަދު އިތުރުވެދާނެކަމަށް ބެލެވޭއިރު ކޮންޓެކްޓު ޓްރޭސްކުރެވޭ މީހުން ވަނީ އިތުރުވާން ފަށާފައެވެ.

