ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި، ރައްކާތެރިކަމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުންދާ 105 މީހަކަށް ރައީސުލްޖުމްހޫރިއްޔާ އަދަބު ލުއިކޮށްދެއްވައިފިއެވެ.
ހޯމް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ބިރު ދިވެހިރާއްޖެ އަށް އިންތިހާޔަށް ކުރިމަތިވެފައިވާ މިދަނޑިވަޅުގައި ޖަލުތަކުގައި ބަންދުކޮށްފައި ތިބި ގައިދީންނާއި ބަންދުމީހުންނާއި ދިވެހިރާއްޖޭގެ ޖަލުތައް ބެލެހެއްޓުމާއި ގައިދީންނާއި ބަންދުމީހުންނާ ގުޅުންހުރި ކަންކަމުގައި މަސައްކަތްކުރާ އެންމެހާ މުވައްޒަފުންގެ ސިއްޙީ ރައްކާތެރިކަމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ޖަލުތަކުގައި ޙުކުމް ތަންފީޒުކުރަމުންދާ 105 މީހަކަށް ރައީސުލްޖުމްހޫރިއްޔާ އަދަބު ލުއިކޮށްދެއްވާފައިވާ ކަމަށެވެ.
މާޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުން 105 މީހަކަށް އަދަބު ލުއިކޮށްދެއްވުމުގައި ރިޢާޔަތްކުރައްވާފައިވަނީ އެ ޤާނޫނުގައި ބަޔާންވެގެންވާ ހަމަތަކަށާއި، ޙުކުމް ތަންފީޒުކުރަމުންދާ މީހުން ރިހިބިލިޓޭޓްކޮށް އަލުން އަނބުރާ މުޖުތަމަޢަށް ނެރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވެ އެ ޕްރޮގްރާމްތަކުން ނެރެފައިވާ ނަތީޖާއަށާއި، ސިއްޙީ ކުއްލި ނުރައްކަލުގެ މިހާލަތުގައި، އަދަބު ލުއިކޮށްދެވުނު މީހުން ދިރިއުޅެން ހުރިތަންތަނުގެ ޙާލަތަށާއި، އެމީހުންގެ ފަރާތުން މުޖުތަމަޢަށް ނުރައްކާ އޮތް މިންވަރަށާއި އަދި އެ ފަރާތްތަކުން ކޮށްފައިވާ ކުށުގެ ބާވަތަށާއި ވަށައިގެންވާ އެހެން ކަންކަމަށް ކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން ޤައިދީންނާއި ބަންދުމީހުން ހިމެނޭހެން ، ޖަލުތަކާ ގުޅުންހުރި އެންމެހާ ފަރާތްތަކުގެ ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޖަލުތަކުގެ އާބާދީ މަދުކޮށް ތޮއްޖެހުން ކުޑަކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި ކަމާ ގުޅުންހުރި ފަންނީ މާހިރުން އަންނަނީ ލަފާދެމުންދާކަން ހޯމް މިނިސްޓްރީގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.
ސަރުކާރުގެ މި ފިޔަވަޅަކީ އަނިޔާކުރުމާއި ދަށުދަރަޖައިގެ ލާއިންސާނީ ޢަމަލުތައް ހުއްޓުވުމާ ގުޅޭ އދގެ ސަބްކޮމިޓީ (SPT)އިން، އަނިޔާކުރުމާއި ދަށުދަރަޖައިގެ ލާއިންސާނީ ޢަމަލުތައް ހުއްޓުވުމާ ގުޅޭ ބައިނަލްއަޤުވާމީ މުޢާހަދާގައި ބައިވެރިވެފައިވާ ގައުމުތަކަށް ކޮވިޑް-19 ގެ ޙާލަތާ ގުޅޭގޮތުން ދީފައިވާ ލަފަޔާއި، އިންޓަނޭޝަނަލް ކޮމިޓީ އޮފް ދި ރެޑް ކްރޮސް (ICRC )އިން ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް ކޮވިޑް-19 ގެ ޙާލަތާ ގުޅޭގޮތުން ދީފައިވާ އިރުޝާދާއި، މަސްތުވާތަކެއްޗާއި ރާވައިގެން ހިންގާ ބޮޑެތިކުށްތަކާ ބެހޭ އދގެ އޮފީސް (UNODC )އިން ނެރެފައިވާ ގައިޑްލައިނަށް ރިއާޔަތްކޮށްގެން އެޅިފިޔަވަޅެއް ކަމަށް ވެސް ހޯމް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

