މާލެ ސިޓީގައި ކޮރޯނާ ވައިރަސް، ކޮމިއުނިޓީ ސްޕްރެޑްއަކަށް ބަދަލުވެ މިހާތަނަށް ބަލީގެ އަސަރު ހުރިކަން ދެނެގަނެވިފައިވާ މީހުންގެ ތެރޭގައި މާބަނޑު އަންހެނަކާއި ދެ ކުޑަކުދިން ހިމެނޭކަމަށް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން (އެންއައިއޯސީ) އިން ހާމަކޮށްފިއެވެ.
އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް މީހެއްގެ ފަރާތުން އެންމެ ފުރަތަމަ ބަލީގެ އަސަރު ފެނިފައި ވަނީ ބުދަ ދުވަހުއެވެ. އަދި އޭނާގެ ކޮންޓެކްޓް ޓްރޭސިން ހެދި އޭގެ ތެރެއިން ބައެއް މީހުން ޕޮޒިޓިވް ވީއިރު ޓްރޭސް ކުރެވުނު މީހުންގެ އާއިލާއަށް ނިސްބަތް ވާ އިތުރު ބަޔަކު ވެސް ޕޮޒިޓިވް ވިއެވެ. އެ މީހުންގެ ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް އަދިވެސް ދަނީ ކުރިޔަށެވެ.
އެންއައިއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތަރުޖަމާނު މަބްރޫކް އަަޒީޒް ވިދާޅުވީ މިހާތަނަށް ފެނުނު ކޭސްތަކުގައި އާ ދެ ކްލަސްޓާއެއް ހިމެނޭ ކަމަށެވެ. އެއީ، ބައްޔަށް ޕޮޒިޓިވް ވީ މީހުންނާއި އެއްވެސް ގޮތަކުން ގުޅުމެއް ނެތް މީހުންނެވެ. ނުވަތަ ކޮންޓެކްޓު ވެފައި ނެތް މީހުންނެވެ. އެހެން ކަމުން، ބަލި ފެތުރެން މެދުރިވީ ކިހިނެއްކަން ނުވަތަ ޕޭޝަންޓް އެކްސް އަކީ ކޮބައިކަން އަދި ހޯދިފައި ނުވެއެވެ.
މާލޭގެ ހާލަތު ގޯސްވެދާނެކަމަށް ލަފާ ކުރެވޭ މިދަނޑިވަޅުގައި އޮންލައިންކޮށް ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ މިހާތަނަށް ފެނުނު 14 ކޭސްގެ ތެރޭގައި ތިން ކުޑަ ކުދިންނާއި މާބަނޑު އަންހެނެއް ހިމެނޭ ކަމަށެވެ. މިއީ ހައިރިސްކު ކެޓަގަރީތައް ކަމުން، ހާއްސަ ސަމާލުކަމެއް ދެމުން ގެންދާކަން މަބްރޫކް ފާހަގަކުރެއްވިއެވެ. ތިން ކުޑަކުދިންނާއި މާބަނޑު މީހާގެ ހާލު ވަރަށް ގާތުން މޮނީޓާރ ކުރެވެމުން ދާ ކަމަށެވެ.

