ލޮކްޑައުންގެ ހާލަތުގައި މަގުމައްޗަށް ނިކުތް އިތުރު 92 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި، ނޫސްވެރިންގެ ބައްދަލުވުމުގައި، މަބްރޫކު ޢަޒީޒް ވިދާޅުވީ، މަގުމައްޗަށް ނިކުތުން މަނާކޮށްފައިވާ އެންގުމަށް ކިޔަމަންނުވެ ހޮނިހިރު ދުވަހު މަގުތަކަށް ނިކުމެ އުޅުނު 92 މީހަކު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި މީގެތެރެއިން އެކަކު ޖޫރިމަނާކޮށްފައިވާކަމަށް ވެސް، މަބްރޫކް ވިދާޅުވިއެވެ.
އެ ވައިރަހުގެ ނުރައްކާތެރިކަން ރާއްޖެއަށް އިތުރުވެފައިވާ ކޮވިޑް-19 އަށް މާލެއިން މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ހުސްވި ހަފުތާގެ ބުދަ ދުވަހުގައި، ސަރުކާރުންވަނީ މާލޭސިޓީ ލޮކްޑައުންކޮށް މަގުމައްޗަށް ނިކުމެ އުޅުން މަނާކޮށްފައެވެ.
ނަމަވެސް މި އެންގުމާއި ޚިލާފުވެ ބައެއް މީހުން މަގުމައްޗަށް ނިކުމެ އުޅެން ފެށުމުން ފުލުހުންވަނީ ހަރުކަށި ފިޔަވަޅުތައް އަޅާނެކަމަށް ބުނެފައެވެ.
މި ގޮތުން، ހުކުރު ދުވަހުގެރޭ 20:00 އާއި، 20.37 އާއި ދެމެދު މަގުމައްޗަށް ނިކުތް 74 މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވެއެވެ.
މި ޢަދަދާއެކު ދެ ދުވަސް މަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހުންގެ ޢަދަދު މިވަނީ، 166 އަށް އަރާފައެވެ.
ލޮކްޑައުންގެ ހާލަތުގައި މަގުތަކަށް ނިކުމެ އުޅުން މަނާކޮށްފައިވީ ނަމަވެސް، ޒަރޫރީ ބޭނުންތަކުގައި ފުލުހުންގެ ހުއްދައާއެކު ނިކުމެވޭނެކަމަށް މީގެކުރިން ފުލުހުންވަނީ އަންގާފައެވެ.
ހަމައެއާއެކު ހޮނިހިރު ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެސިސްޓެންޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ފައިރޫޝް ވިދާޅުވީ، ޒަރޫރީ ބޭނުންތަކުގައި ވިޔަފާރިކުރަން ފިހާރަތަކަށް ނިކުންނަންޖެހޭ މހުން ތިބޭތީ، ކޮންމެ ތިން ދުވަހަކުން، އެއްދުވަހު ވިޔަފާރިކުރަން ފުރުސަތުދޭން ވެެސްް ނިންމާފައިވާކަމަށެވެ.
މި ގޮތަށް ފުރުސަތުދޭން ނިންމިކަމުގައިވިޔަސް، އެއްވެސް ހުއްދައެއްނެތި މަގުމައްޗަށް ނިކުމެ އުޅޭ މީހުން، ފުރަތަމަފަހަރު ޖުރުމަނާކުރާނެކަމަށާއި، ދެވަނަ ފަހަރު ޤާނޫނުލް އުޤޫބާތުގެ 533 ވަނަ މާއްދާގެދަށުން އެ މީހަކު ހައްޔަރުކުރާނެކަމަށް ފުލުހުން މީގެ ކުރިން ވެސްވަނީ ބުނެފައެވެ.

