މިހާރު ދިމާވެފައި އޮތް ކޮވިޑް-19 ގެ މި ހާލަތުގައި، ދިރިއުޅޭތަނުގެ ކުލި ނުދެއްކޭ ފަރާތްތައް ނެރުން މަނާކުރަން ޤާނޫނެއް ހެދުމަށް މަޝްވަރާކޮށްފިއެވެ.
ހޮނިހިރު ދުވަހު އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމާފައިވަނީ ކޮވިޑް-19 ގެ ޙާލަތުގައި، ކުލި ނުދެއްކޭ ފަރާތްތައް ނެރުމުގެ ބަދަލުގައި، ކުއްޔަށްދޭ ފަރާތްތަކަށް މާލީ ގޮތުން އެހީތެރިކަމެއް ލިބޭނެ ގޮތަށް ގާނޫނެއް ގެނައުމާ މެދު ބަންޑާރަ ނާއިބާއި މަޝްވަރާކުރާށެވެ.
އެ ކޮމިޓީގެ މުޤައްރިރު ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވެފައިވަނީ ކުލީގެ މައްސަލަ ކުރިއަށް އޮތްތަނުގައި ގިނަވެގެންދާނެ ކަމަށް އަންޒާދާކުރެއްވޭ ކަމަށެވެ.
ކުލި ނުދެއްކުމުގެ ސަބަބުން ގެއިން ނުކުތުމަށް ބައެއް ގޭގެ ވެރިން މަޖުބޫކުރަމުންގެންދާ ކަމުގެ މައުލޫމާތު ލިބި އެކަމަށް ހައްލެއް ހޯދައިދިނުމަށް އެދި އަމިއްލަ ޖަމިއްޔާއަކުންވެސް ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައެވެ.
ޖީހާން ވިދާޅުވީ މިމައްސަލައަށް އަވަސް ޙައްލެއް ހޯދުމަށް ގާނޫނެއް ވުޖޫދުކުރުމުގެ ވިސްނުމެއް ބަންޑާރަ ނާއިބުވެސް ގެންގުޅުއްވަފާނެ ކަމަށެވެ. އަދި އެގޮތަށް ވިސްނުންފުޅު ގެންގުޅުއްވާ ނަމަ ކޮމިޓީން އެކަމުގައި ކުރިއަށް ދިއުމަށް ތައްޔާރު ކަމަށް ޖީހާން ވިދާޅުވި އެވެ.
ސަންސެޓް ގާނޫނަކުން މި މައްސަލަ އަށް ކޮމިޓީން ފަރުވާދޭން ނިންމާފައިވަނީ ކުލި ނުދެއްކުނަސް ގެއިން ނެރުން މަނާކުރުމާއި މިހާރު ކުއްޔަށް ދީފައިވާ އަގު ބޮޑުކުރުން މަނާކުރުމުގެ އިތުރުން ކުލި ނުދެއްކުނަސް، ގެއިން މީހުން ނުނެރެ އޯގާތެރިކަން އިސްކުރާ ފަރާތްތަކަށް މާލީ އެހީއެއް ފޯރުކޮށްދިނުމަށެވެ.
އިތުރަށް ވިސްނަންޖެހޭ ކަންކަމާއި ސިޔާސަތު ބިނާކުރާނެ ސީދާ ގޮތްތަކެއް ހޯދުމަށް، ކޮމިޓީން ވަނީ ކަމާބެހޭ އިދާރާތަކުން މައުލޫމާތު އެއްކުރަން ނިންމައިފަ އެވެ. އެގޮތުން ހައުސިން މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލް މެދުވެރިކޮށް، މިހާރު ހުށަހެޅިފައިވާ މިފަދަ މައްސަލަތަކުގެ ތަފްސީލްތައް ހޯދުން ހިމެނެއެވެ.

