ރާއްޖޭގައި ކޮވިޑް-19 ބަލިމަޑުކަން ފެތުރެމުންދާއިރު، އެކަމުގައި އެންމެ ބޮޑު ގުރުބާނީއެއް ވަމުންދާ ސިއްޚީ ޚިދުމަތްތެރިންނަށް ވަކި ބަޔަކު ފުރައްސާކުރާ ކަމަށް ސިއްހީ ހިދުމަތްތެރިން ތަމްސީލް ކުރާ މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ބުނެފި އެވެ.
އެމްއެޗްޕީޔޫ އިން ކުރި ޓުވީޓެއްގައި ބުނީ، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުން ދިރިއުޅެމުންދާ ގެއިން ނުކުންނަން ބައެއް ފަރާތްތަކުން އަންގަމުންދާ ކަމަށެވެ.
ސިއްޙީ ޚިދުމަތްތެރިން މިވަގުތު އެންމެ ރަނގަޅި ވަޒީފާ އަށް ނުދިއުމަށްބުނެ، ވަޒީފާ އަށް ނުދާން ވެސް ބައެއް މީހުން އަންގާ ކަމަށް އެމްއެޗްޕީޔޫ އިންވަނީ ބުނެފައެވެ.
އެމްއެޗްޕީޔޫ އިން ބުނީ މުޖުތަމައުގެ ތެރެއިން ސިއްހީ ހިދުމަތްތެރިންނަށް ފުރައްސާރަ ކުރަމުންދާ ކަމަށާއި މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި އެތައް ގުރުބާނީތަކެއް ވަމުންދާއިރު މިފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ކޮވިޑް-19 ގެ ބިރުވެރިކަން ފެތުރިފައިވާ މި ދަނޑިވަޅުގައި އެންމެ ބޮޑު ގުރުބާނީއެއް ވަމުން އަންނަ އެއް ބަޔަކީ ސިއްހީ ޚިދުމަތްތެރިންނެވެ. ބައެއް މީހުންގެ ފަރާތުން ސިއްޙީ ޚިދުމަތްތެރިންނަށް ފުރައްސާރަކުރުންތައް އަމާޒްވަނުން އަންނައިރު، އެފަރާތްތަކުން މަސައްކަތް ކުރަމުންދަނީ އާއިލާ އާއި ގާތްތިމާގެ މީހުންނާ ވަކިން ކޮރޯނާ ވައިރަހުން އާންމު ރައްޔިތުން ސަލާމަތް ކޮށްދިނުމުގެ ބުރަ މަސައްކަތުގައެވެ.
މާލެ އިން ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާ 31 މީހަކު ފެނިފައިވާރު، ޚާއްސަކޮށް މާލެ ސަރަހައްދުގައި ތިބި ސިއްހީ ޚިދުމަތްތެރިންގެ މަސައްކަތްވަނީ ވަކިން ބުރަވެ އުނދަގޫވެފައެވެ.

