މާލެއިން ބަލި ފެންނަމުން ދާ ނިސްބަތަށް ބަލައި، ރަށް އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް ބުނެވެން ނެތް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ފަރާތުން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ މިހާރު މާލެ ތެރެެއިން ފެންނަމުން ޓްރޭސް ނުވެ ހުރި ކޭސްތަކެއް ކަމަށެވެ. އަދި ފިޔަވަޅުތައް ވަރުގަދަވެފައި އެއަށް އަމަލު ކުރެވިއްޖެ ނަމަ ބަދަލުތަކެއް އަދަދުތަކުން ފެންނާނެ ކަމަށެވެ. އަދި މިއަދު ފެނުނު ކޭސްތަކުގެ ކްލަސްޓާތައް ކޮންޓެކްޓް ޓްރޭސްގައި ދެނެގަނެވޭނެ ކަމަށް ލަފާކުރެވޭކަމަށް ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ މާލޭގެ ހާލަތު މިއޮތީ ރަނގަޅު ޙާލަތެއްގައި ކަމަށް ބުނެވެން ނެތް ކަމަށެވެ. މިވަގުތު ފެންނަމުން މިދަނީ ހަތަރު ފަސް ދުވަސް ކުރިން އިންފެކްޓު ވީ މީހުން ކަމަށާއި، އެހެން ކަމުން މިވަގުތު އިތުރު ބަޔަކަށް އޭގެ އަސަރުކޮށްފައި ހުންނާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، މާލެ މިހާ ވަރުގަދަ ލޮކްޑައުންއަކަށް ގެންނަން ޖެހިދާނެކަމަށް މީގެ ކުރިން ހިތަށް އަރާފައި ވެސް ނުވާ ކަމަށެވެ. ލޮކްޑައުންއަށް ގެންނަން ޖެހުނީ ހާލަަތު ގޯސްވެގެން ދިޔަ ނުދިނުމަށްކަން ފާހަގަކުރައްމުން ޑރ. ނަޒްލާ ވިދާޅުވީ ވައިރަސް ފެތުރުން ހުއްޓުވޭނީ ލޮކްޑައުންއަށް އެއްބާރުލުން ދީގެން ކަމަށެވެ.
މާލޭގެ މިވަގުތު ހާލަތު އޮތީ ކިހާ ނާޒުކު ފައްތަރެއްގައި ތޯ ”ސަންގު“ އިން ސުވާލު ކުރުމުން ޑރ. ނަޒްލާ ވިދާޅުވީ މާލޭގެ ހާލަތު ރަނގަޅެއް ނޫން ކަމަށެވެ. އަދި ބަލި ސްޕްރެޑް ވެގެން ހިނގައިދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ.
”އަޅުގަނޑުމެންނަށް މިހާރު ފެންނަމުން މިދަނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން، ހަތަރު ފަސް ދުވަސް ކުރިން އެންމެ މަދުވެގެން އިންފެކްޓުވެފަ ތިބި ފަރާތްތައް މިހާރު ޑައިގްނޯސް ކުރެވެމުން މިދަނީ. މާލޭގެ ހާލަތު ރަނގަޅު ހާލަތެއްގައެއް ނޫން މިވަގުތު މިއޮތީކީއެއް. ތިކުރެއްވި ސުވާލުގެ ޖަވާބަކީ މާލެ މިއޮތީ ނުރައްކާ ހާލަތެއްގައޭ“ ޑރ. ނަޒްލާ
އެންއީއޯސީގެ ފަރާތުން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރު ޑރ. އިބްރާހިމް އަފްޒަލް ވެސް ވިދާޅުވެފައިވަނީ ބަލި ފެތުރޭ މިންވަރު ނުރައްކާވާ މިންވަރަށް ނުގެންދެވޭނެ ގޮތްތަކެއް ހޯދުން މުހިންމު ކަމަށެވެ. މިއީ ”ބެކްލޮގް“ ކޭސްތަކަކަށް ވާއިރު ޑަބަލް އިންފެކްޓުވާ ހިސާބަށް ގޮސްފިނަމަ އެއީ ކަންބޮޑުވާންޖެހޭ ހާލަތެއްކަން ފާހަގަކުރައްވާފައި ވެއެވެ.
ލޮޮކްޑައުން ރަނގަޅަށް ތަންފީޒު ކުރުމަށް ޑރ. ނަޒްލާ ވަނީ ކެތްތެރިވުމާއި ސާފުތާހިރުކަމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ. އެގޮތުން ސައިބޯނި ލައިގެންގެ އަތް ދޮވުމަށް ވަނީ އެދިވަޑައިގެންފައެވެ.
”އަޅުގަނޑުމެން އެންމެ ފުރަތަމަ ޕްލޭން ކުރަން ފެށިއިރު ވެސް އަޅުގަނޑުމެންގެ ހިޔާލަށް އޭރު ނުގެނެވޭ މާލެ މިގޮތަށް މިހާ ވަރުގަދަ ލޮކްޑައުން އަކަށް ގެންދެވޭނެ ކަމަކަށް ވެސް. މިގޮތަށް ގެންނަންމިޖެހުނީ އަޅުގަނޑުމެންނަށް އެބަ އެނގޭ އެހެން ގައުމުތަކުގެ ތަޖުރިބާއަށް ބަލާއިރު ވެސް ލޮކްޑައުންއެއް ނައިސްފިއްޔާ މިހާލަތުން އިތުރަށް ގޯހުން ގޯހަށް ބަލި ފެތުރެމުންދާނެކަން،“ ޑރ. ނަޒްލާ
މާލޭގައި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މާލޭގައި މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އެއް ދުވަސްތެރޭ 15 ބިދޭސީންނެވެ. އޭގެ ތެރޭގައި ހިމެނެނީ، ކްލަސްޓާއަކާއި ކޮންޓެކްޓުވެގެން ބަލި ޖެހުނު 13 ބަންގްލަދޭޝްގެ މީހުންނެވެ.

