ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުވާ ދެމުންދާ މީހުންގެ ތެރޭގައި އުމުރުން ދުވަސް ވީ މީހަކު ހިމެނޭ ކަމަށާއި، އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫންކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން ބުނެފި އެވެ.
މިދިޔަ ބުދަ ދުވަހު މާލެއިން ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ، އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް މީހެއްގެ ފަރާތުންނެވެ. އަދި މިހާތަނަށް ބަލި ޖެހިފައި ހުރި އެތައް ބައެއް ފެނިފައިވާއިރު މީގެ ތެރޭގައި 3 ކްލަސްޓާއެއް ހިމެނެއެވެ. އެއީ، ބަލި ޖެހިފައި އިން އެއްވެސް މީހަކާއި ގުޅުމެއް ނެތި ވައިރަހުގެ އަސަރު ހަށިގަނޑުގައި ހުރުމެވެ.
ފާއިތުވީ ދެ ދުވަހު ވެސް ބަލި ޖެހިގެން އެޗްޕީއޭއިން ރިޕޯޓުކުރި އަދަދު 10 އަކުން މައްޗަށް އަރައެވެ. އެއީ އެކަކުގެ ފަރާތުން ކޮންޓެކްޓު ޓްރޭސްވާ މީހުންނެވެ. މިއަދުގެ މިހާތަނަށް 15 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އިއްޔެވެސް 17 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.
އެންއައިއޯސީއިން އޮންލައިންކޮށް ނޫސްވެރިންނަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މާލޭގައި މިހާތަނަށް ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކުވެސް ހިމެނޭ ކަމަށެވެ. އަދި 60 އަަހަރުން މަތީގެ އެ މީހާ ބައްޔަށް ޕޮޒިޓިވްވެފައިވަނީ މިއަދު ކަމަށެވެ. މީގެ ކުރިން އެންއައިސޯސީއިން ވަނީ ފަރުވާދެމުންދާ މީހުންގެ ތެރޭގައި، މާބަނޑު އަންހެނަކާއި ތިން ކުޑަކުދިން ހިމެނޭކަން ހާމަކޮށްފައެވެ.
ނަޒްލާ ވިދާޅުވީ ފަރުވާ ދެމުންދާ މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

