މާލެ ސަރަޙައްދުގައި ވެކްސިންދިނުން ވަގުތީގޮތުން މެދުކަނޑާލާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ.
އެޗްޕީއޭއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޯވިޑް-19 އަާއި ގުޅިގެން މާލެ ސަރަޙައްދު ލޮކްޑައުންކޮށްފައިވާތީ، ވެކްސިންދިނުން ވަގުތީގޮތުން މެދުކަނޑާލާފައިވާކަމަށެވެ.
މި ގޮތަށް ހަމަޖައްސަން ޖެހުނު ސަބަބަކީ، ކޯވިޑް-19 އިގެ ބަލިމީހުން މާލެއިން ފެންނަމުންދާތީކަމަށާއި، މާލޭގައި ހަލުވިކަމާއެކު ބަލި ފެތުރުމުގެ ހާލަތުގައިވާއިރު، ވެކްސިންދިނުމަށް މަރުކަޒުތަކަށް ދިއުމަށްވުރެ ގޭގައި މަޑުކުރުން ރައްކާތެރިކަމަށް ބެލެވޭތީކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ވަނީ، މި 14 ދުވަހުގެ މުއްދަތަށްފަހު، މި ހާލަތު މިއަށްވުރެ ދިގުދެމިގެންދާނަމަ މާލެ ސަރަޙައްދުގައި ވެކްސިންދިނުމަށް ކުރިއަށްގެންދިއުމަށް ހަމަޖައްސާގޮތެއް އިޢުލާނު ކުރާނޭކަމަށް ވެސް ބުނެފައެވެ.
އެޗްޕީއޭއިން މި ގޮތަށް ނިންމާފައިވާއިރު، ކޮވިޑް-19 އާއި ގުޅިގެން ބަލިމީހުން ޑޮކްޓަރަށް ދެއްކުމަށް ދަތިތަކެއްކުރިމަތިވާތީ އައިޖީއެމްއެޗުން ވެސްވަނީ، ވީޑިއޯގެ ޒަރީޢާއިން ޑޮކްޓަރަށް ދެއްކޭނެ ގޮތް ހަމަޖައްސާފައެވެ. މި ގޮތުން އެ ހޮސްޕިޓަލުން މިހާރުވަނީ އޮންލައިން ކްލިނިކްތަކެއް މެދުވެރިކޮށް ބަލިމީހުން ބެލޭނެ އިންތިޒާމު ވެސް ހަމަޖައްސާފައެވެ.

