ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރާނެކަން އިއުލާނުކޮށް ޝާހިދު ޕާޓީގެ ރައީސްގެ މަގާމުން އިސްތިއުފާ ދީފި

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު --- ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސްކަމަށް ކުރިމަތިލެއްވުމަށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ރޭ އިއުލާން ކުރައްވައި ޕާޓީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު މިކަން އިއުލާން ކުރެއްވީ ރޭ އައްޑޫސިޓީގައި ބޭއްވި ޖަލްސާއެއްގައެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ޕާޓީގެ އެންމެ އިސް މަގާމުގައި ހުންނަވައިގެން، އެތެރޭގެ އިންތިހާބެއްގައި ވާދަކުރެއްވުމަކީ އިންސާފުވެރި އަދި އެންމެ ހަމަހަމަ ގޮތް ކަމަކަށް ގަބޫލެއް ނުކުރެއްވެއެވެ.

ރައީސް ކަމަށް ވާދަކުރެއްވުމުގެ ޝައުގު ފާޅުކުރައްވައި ޝާހިދު ވިދާޅުވީ، އޭނާއަކީ ގައުމުގެ ލާބަޔާއި މަސްލަހަތު އިސްކޮށް، އިންސާފާއި ހަމަހަމަ ފުރުސަތުތަކެއް އޮތް އަދި ސާދާ ވެރިކަމެއް ކޮށްދޭނެ ބޭފުޅެއް ކަމަށެވެ. އަދި އޭނާ ވެރިކަން ކުރައްވާނީ ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.

”އެހެންވެ އަޅުގަނޑު، އެމްޑީޕީގެ އާއްމު މެމްބަރުންގެ ވޯޓާއި ތާއީދަށް އެދެން،“ ޝާހިދު ވިދާޅުވިއެވެ. ”އަޅުގަނޑަކީ ހުރިހާ ފިކުރެއްގެ މީހުން ގޮވައިގެން އުޅެވޭނެ އަދި އުޅޭނެ މީހެއް.“

ރިޔާސީ ރޭހަށް ނުކުންނަވާނެކަން އިއުލާން ކުރެއްވުމަށްފަހު ޝާހިދު ވަނީ އެމްޑީޕީގެ މެމްބަރުންނަށް މުހިންމު ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން، ގައުމީ ހިދުމަތުގެ ހަޔާތުގެ ތަޖުރިބާއިންނާއި ބައިނަލްއަގްވާމީ ދާއިރާގައި ކުރެއްވި ދަތުރުގެ ތަޖުރިބާއިން ކަންކަމުގެ ހައްލު ހޯއްދަވައިދެއްވައި، ނަތީޖާ ނެރެދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، އެމްޑީޕީއަށްޓަކައި އަދި އިސްލާހަށްޓަކައި މަސައްކަތްކުރި އެއްވެސް މެމްބަރަކަށް ބާކީވި ކަމުގެ އިހުސާސްވިޔަ ނުދެއްވާނެ ކަމަށާއި، އިސްލާމްދީނުގެ އަސާސްތަކާއި ސުލްހަ މަސަލަސްކަމުގެ މަތީގައި އޯގާތެރި މުޖުތަމައުއެއް ކަށަވަރުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އިގްތިސޯދު ކޮޅަށް ޖަހައި، ބައިނަލްއަގްވާމީ މާލީ އަދި ފޮރިން އިންވެސްޓްމެންޓުތަކަށް ފަހި މާހައުލެއް ގާއިމުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ.

”ތި ބޭފުޅުން، އާއްމު ލޮބުވެތި މެމްބަރުންގެ ތާއީދާ އެކު ދެން މި ލޮބުވެތި ގައުމުގެ އަލިވިލިގެން ދާނީ މުޅިން އާ ފަތިހަކަށް، މުޅިން އާ ދުވަހަކަށް،“ ޝާހިދު ވިދާޅުވިއެވެ. ”ﷲގެ އިރާދަފުޅާއި ރަހުމަތްފުޅުން، ރަންރީނދޫ ދޯދިތަކުން އަލުން، މި ރާއްޖެ ޖަރީވެގެންދާނެ، މި ރާއްޖެ ދިއްލިގެންދާނެ، މި ރާއްޖެ އަލުން ދިވެހި ރައްޔިތުންގެ އަތްމައްޗަށް ލިބިގެންދާނެ.“

އައްޑޫގައި ބޭއްވި މި ޖަލްސާގައި ޝާހިދުއަށް ތާއީދު ކުރެއްވުމުގެ ގޮތުން، އެމްޑީޕީގެ ނައިބު ރައީސް ހިސާން ހުސައިން އާއި ޑެޕިއުޓީ ޗެއާޕާސަން އަހުމަދު އަބްދުﷲ އަދި ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ފަދަ ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޝާހިދުގެ އިތުރުން ދެން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވަނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާކަން ވަނީ އެނގިފައެވެ. މީގެއިތުރުން ރައީސް ސާލިޙްގެ ސަރުކާރުގައި ނައިބް ރައީސްގެ މަގާމް ފުރުއްވި ފައިސަލް ނަސީމް ވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: