މުޅި ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖޭގެ ވެރިރަށް މާލޭގައި ވެސް މިހާރު ހަލުވި ކަމާއިއެކު ފެތުރެމުންދާތީ ޒަރޫރީ ބޭނުންތަކުގައި ގެއިން ބޭރަށް ނިކުންނަވާ ފަރާތްތަކުން މާސްކް އެޅުމަށް ރާއްޖޭގައި ކޮވިޑް-19 އިން ރައްކާތެރިވާން އަޅާ ފިޔަވަޅުތަކުގެ ލަފާ ކަމާބެހޭ އިދާރާތަކަށް ދޭ ޓެގުގައި ހިމެނޭ ޑޮކްޓަރ އަލީ ލަތީފް އިއުތިމާސް ކުރައްވައިފިއެވެ.
ހޯމަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރ އަލީ ލަތީފް ވިދާޅުވީ މީގެކުރިން ޑޮްކޓަރުންގެ ޓީމުން ލަފާ ދެމުން ގެންދިޔައީ މާސްކް ނޭޅުމަށް ކަމަށާއި ނަމަވެސް މިހާރު ޑޮލްޓަރުންގެ އިރުޝާދަކީ ޒަރޫރީ ބޭނުންތަކުގައި ބޭރަށް ވަޑައިގަންނަވާ ފަރާތްތަކުން މާސްކް އެޅުއްވުން ކަމަށް ޑޮކްޓަރ އަލީ ލަތީފް ވިދާޅުވިއެވެ. ނަމަވެސް ގޭގައި ތިއްބަވާ ބޭފުޅުން މާސްކް އަޅުއްވަން ނުޖެހޭނެކަން ޑޮކްޓަރ އަލީ ލަތީފް ފާހަގަ ކުރެއްވިއެވެ.
ޑޮކްޓަރ އަލީ ލަތީފް ވިދާޅުވީ މީގެކުރިން މާސްކް އަޅަން ނުޖެހޭނެ ކަމަށް ޑޮކްޓަރުން ލަފާ ދެއްވީ މާލޭގައި ބަލި ފެތުރެމުން ނުދާ ހާލަތުގައި ކަމަށެވެ. އަދި ބަލި ކޮންޓްރޯލް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ ގޭގައި ތިބުން ކަމަށާއި ނަމަވެސް ހަމަޖެހިފައިވާ އުސޫލްތަކުގެ ދަށުން ހުއްދަ ލިބިގެން ވޭރަށް ވަޑައިގަންނަވާ ފަރާތްތަކުން މިހާރު މާސްކް އެޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޑޮކްޓަރ އަލީ ލަތީފް ވިދާޅުވިއެވެ. ހާއްސަކޮށް ފިހާތަކަށާއި އަދި މީޙުން ގިނައިން އެއްވާނެ ކަމަށް ބެލެވޭ ތަންނަށްދާއިރު މާސްކް އެޅުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެއް ކަމަށް ޑޮކްޓަރ އަލީ ލަތީފް ވިދާޅުވިއެވެ.

މީގެއިތުރުން މާލެ ލޮކްޑައުންކޮށްފައިވާ ހާލަތުގައި، ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ޑެލިވަރީކުރި ނަމަވެސް ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އެޅޭނެ މުހިންމު ފިޔަވަޅުތައް ޓެކްނިކަން ޓީމުން ވަނީ ހިއްސާ ކުރައްވާފައެވެ.
އެގޮތުން ޕީޑިއޮޓްރިކް އިންފެކްޝަސް އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ މައުލޫމާތު ހިއްސާ ކުރެއްވީ ޑެލިވަރީގެ ޚިދުމަތުގައި އެންމެންގެ ސަލާމަތަށް އަމަލު ކުރެވިދާނެ ގޮތްތަކަކާ ގުޅޭ ގޮތުންނެވެ. އެގޮތުން ރައްކާތެރިވުމުގެ އެންމެ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި، ޑރ ނަޒްލާ މުސްތަފާ އެދިވަޑައިގަތީ ޑެލިވަރީ ކުރާއިރުވެސް ފިޒިކަލް ޑިސްޓެންސް ނުވަތަ ދެ މީހުންގެ ދޭތެރޭގައި އެކަށީގެންވާ ދުރުމިނެއް ބެހެއްޓުމަށެވެ.
އެގޮތުން އެންމެ ރަނގަޅު ގޮތެއް ކަމަށް ޑރ ނަޒްލާ މުސްޔަފާ ވިދާޅުވީ ޑެލިވަރީގެ ޚިދުމަތް ދޭ މީހާ އާއި ތަކެއްޗާ ހަވާލުވާ މީހާއާ މެދު ވެސް މަދުވެގެން ތިން ފޫޓުގެ ދުރުމިން ބެހެއްޓުމަށެވެ. އަދި ތަކެއްޗާ ހަވާލުވާ އިރު ވެސް އެއްގޮތަކީ، ދޮރު ކައިރީގައި ގޮނޑިއެއް ނުވަތަ މޭޒެއް ބަހައްޓައި އޭގެ މަތީގައި ކޮތަޅުތައް ބެހެއްޓުން ކަމަށާއި އަދި ފައިސާއިން މުއާމަލާތް ކުރާނަމަ ފައިސާ ވެސް ބަހައްޓުން އެންމެ ރަނގަޅީ މޭޒޔ ނުވަތަ ގިނޑިމަތީގައިކަން ޑރ ފާހަގަ ކުރެއްވިއެވެ.
މީގެއިުތުރުން ޑެލިވަރީކުރި ކޮތަޅުތަކުގައި ހުންނަ ސާމާނުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އަތްލައި، ކޮތަޅުތައް އުކާލަން ޑރ ނަޒްލާ މުސްތަފާ އެދިވަޑައިގަތެވެ. އެއާއެކު މޭވާ އާއި ތަރުކާރީ އެ ނޫން ވެސް ޕެކެޓްގައި ބަންދުކޮށްފައި ހުންނަ ކަހަލަ ދޮވެވޭ ކަހަލަ އެއްވެސް ބާވަތެއް ނަމަ، ސައިބޯނިލައިގެން ދޮވުމަށް ޑޜ އިއުތިމާސް ކުރެއްވިއެވެ.

