ރާއްޖެއިން ނުފުރިފައި ތިބި ފަތުރުވެރިންނާއި، ބިދޭސީން ގެންދިއުމަށްޓަކައި، ޤަތަރު އެއަރލައިންސްގެ މަތިންދާބޯޓެއް މިއަދު އަންނާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ހޯމަދުވަހު ބުނީ، ޤަތަރު އެއަރލައިންސްގެ މަތިންދާބޯޓު މިއަދު އަންނާނެކަމަށާއި، ފަތުރުވެރިންނާއި ބިދޭސީން ގޮވައިގެން އެ ބޯޓު ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ، މިއަދު މެންދުރުފަހު 15:00 ގައިކަމަށެވެ.
ފޮރިން މިނިސްޓްރީންވަނީ، މި ބޯޓުން ފުރަން ޓިކެޓްނަގާފައިވާ މީހުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގެންދިއުމަށް އިންތިޒާމްތަކެއް ވެސް ހަމަޖައްސާފައެވެ.
ފޮރިން މިނިސްޓްރީންވަނީ، ޤަތަރުން އަންނަ ކިއުއާރް-675 އިން މިއަދު ފުރާމީހުންގެ ނަމާއި، ޕާސްޕޯޓު ނަންބަރާއި، އެ މީހަކު ހުރިތަނެއްގެ އިތުރުން ގުޅޭނެ ނަންބަރާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދިއުމުގެ ތަފްސީލު އެ މިނިސްޓްީރީއަށް އެންގުމަށް އެދިފައެވެ.
މި ބޯޓުން ފުރާމީހުން އެއަރޕޯޓަށް ގެންދާ އެއްގަމު އުޅަނދުތަކަށް ފުލުހުން ހުއްދަދޭނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ފޮރިން މިނިސްޓްރީންވަނީ، ފަތުރުވެރިންނާއި ބިދޭސީން ފުރުމަށްޓަކައި ރިސޯޓުތަކުންނާއި، ގެސްޓުހައުސްތަކުން އެއްބާރުލުންދިނުމަށް އެދިފައެވެ.
ފޮރިން މިނިސްޓްރީން ބުނީ، މިކަމާއި ގުޅޭ ތަފްސީލުތައް، 7223131 އާއި ނުވަތަ 7802949 މެދުވެރިކޮށް ލިބޭނެކަމަށް ވެސް ބުނެފައިވެއެވެ.

