ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ ފަޚުރާއި ޝަރަފަކީ، ޤައުމާއި ރައްޔިތުން ދިފާޢުކުރުމަށް، ސިފައިންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ ސާބިތުކަމާއި ވަރުގަދަ ޢަޒުމްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހު ވިދާޅުވެއްޖެއެވެ.
ދިވެހި ސަފައިންގެ 128 ވަނަ އަހަރީ ދުވަހާއި ގުޅިގެން ދެއްވި ޚިތާބުގައި ރައީސް ވިދާޅުވީ، ދިވެހި ސިފައިންގެ ދުވަސް ފާހަގަކުރާއިރު، ސިފައިންގެ ކޮންމެ މީހެއްގެ ހަނދާނުގައި ތާއަބަދު ހަރުލާފައި ހުންނަންޖެހޭނެ ކަމަކީ، ސިފައިންނަކީ، ދިވެހި ރައްޔިތުންގެ އުންމީދާއި މަޞްލަޙަތު، އެބަޔަކާ އެންމެ ބޮޑަށް ގުޅިފައިވާ މީހުންކަން ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ އަހަރަކީ، ދިވެހި ޢަސްކަރިއްޔާއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ކުރި މަސައްކަތުގެ ފޮނި ނަތީޖާ ފެނިގެންދިޔަ އަހަރެކެވެ. އަދި ޢާންމު ރައްޔިތުންގެ ހިތްތަކުގައި ސިފައިންނާމެދު އޮންނަ އިތުބާރާއި ޔަޤީންކަން ބޮޑުވެ، ސިފައިންގެ ޤައުމީ ޚިދުމަތް އިތުރަށް ފުޅާކުރެވި، ތަރުތީބު ކުރެވުނު އަހަރެއް ކަމަށް އަމަނިކުފާނު ވިދާޅުވިއެވެ.
ދިވެހި ޢަސްކަރިއްޔާގެ ޙަޔާތުން ފާއިތުވެގެން ދިޔަ އަހަރަކީ، ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމުގައި، އަގުނުކުރެވޭހާ މުހިންމު މަސައްކަތްތަކެއް، ދިވެހި ސިފައިން ކޮށްފައިވާ އަހަރެއް ކަމަށް ރައީސް ވިދާޅުވިއެވެ.
”މިދިޔަ އަހަރުގެ އަޟްޙާ ޢީދު ބަންދު ތެރޭގައި ރާއްޖެއަށް ކުރި ވިއްސާރައާއި، ހދ. ނޮޅިވަރަންފަރު ލޯންޗު ބަންޑުން ޖަހާލި ހާދިސާއާއި، މާލޭގެ އަބަދަށްފެހި މަގުގައި ހުރި ގެތަކެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި، މާލޭގެ ހުޅަނގު ދެކުނު ބަނދަރުގައި ތެޔޮ ބައުޒަރުތަކެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރިކޮށްދިނުމަށް، ދިވެހި ސިފައިން ކޮށްދިން މަސައްކަތް ފާހަގަކޮށް، އެކަންކަމުގައި އެކި ފެންވަރުގައި އެކި ގޮތްގޮތުން ބައިވެރިވި ސިފައިންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މުޅި ދުނިޔެއަށް ފެތުރި، ރާއްޖޭގައިވެސް މިހާރު ފެތުރެމުންދާ ކޯވިޑް-19ގެ ނުރައްކަލުން، ދިވެހި ޤައުމު ރައްކާތެރިކުރުމަށް ކުރާ ޤައުމީ މަސައްކަތުގައި، ދިވެހި ސިފައިން އަދާކުރަމުން އަންނަނީ ވަރަށް މުހިންމު ދައުރެއް ކަމަށާއި މި ނުރައްކާތެރި މަސައްކަތުގެ ކުރީ ސަފަށް، ދިވެހި ސިފައިން ނުކުމެ ތިބީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ވަރުގަދަ ޢަޒުމުގައި ކަމަށެވެ.
”ކޯވިޑް-19 އިން ދިވެހިރާއްޖެ ރައްކާތެރިކުރުމަށް މިކުރާ މަސައްކަތުގައިވެސް ދިވެހި ސިފައިންގެ ސަފުތަކުން ފެންނަނީ ބަދަހިކަމާއި، ހަރުދަނާކަމާއި، ޤާބިލުކަމާއި، ޤައުމަށް ޚިދުމަތްކުރުމުގައި އެއްވެސް ވަރުބަލިކަމެއްނެތި، ސާބިތުވެ ތިބޭކަން. އަދި މި ނާޒުކު ދަނޑިވަޅުގައި، ސިފައިންގެ ޢާއިލާތަކުން ދެއްވާ އެއްބާރުލުމާއި، ގެންގުޅުއްވާ ކެތްތެރިކަން، އަޅުގަނޑު ފާހަގަކުރަނީ އުފަލާއި ޝުކުރުވެރިކަމާއެކުގައި“ ރައީސް ވިދާޅުވިއެވެ.
ރައީސްގެ ޚިތޯބުގައި ދިވެހި ޢަސްކަރިއްޔާ ޒަމާނީކޮށް، ސިފައިންގެ ޤާބިލުކަން އިތުރުކޮށް، އަދި ވީހާވެސް ގާތުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ ވެށްޓެއް ޤާއިމްކުރުމަށް، ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވާފައިވެއެވެ.

