ރާއްޖޭގައި ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވްވެގެން ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކުރި އުމުރުން އެންމެ ދުވަސްވީ މީހާގެ ޙާލު ދެރަކަމަށް ޑރ.މޫސާ ޙުސައިން ވިދާޅުވެއްޖެއެވެ.
މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވި އެންމެ ދުވަސްވީ މީހަކީ 80 އަހަރުގެ މީހެކެވެ. އެމީހާގެ ހާލަތާއިމެދު ކަންބޮޑުވުން ފާޅުކުރައްވާ ޑރ. މޫސަ ވިދާޅުވީ އޭނާގެ ޙާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ފުރުސަތު ބޮޑުކަމަށެވެ.
ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މޫސާ ވިދާޅުވީ ކޮވިޑް-19ގައި ރާއްޖެއިން ދެކެން ބޭނުން ނުވި ދުވަސް މިއަދު މިއޮތީ ކުރިމަތިވެފައިކަމަށެވެ.
ޑޮކްޓަރު ވިދާޅުވީ 80 އަހަރުގެ މީހާ އަކީވަރަށް ގިނަ ބަލިތައް ތަހަމައްމަލުކުރަމުންދާ މީހެއްކަމަށެވެ. އެގޮތުން އޭނާއަކީ ސްޓްރޯކެއްޖެހި 2 އަހަރު ދުވަސް ވަންދެން އެނދުގައި އޮތް މީހެއްކަމަށް ޑޮކްޓަރު ފާހަގަ ކުރެއްވިއެވެ.
އޭގެ އިތުރުން އެމީހާއަކީ ހަކުރު ބައްޔާއި، ލޭމައްޗަށް ދިއުމާއި، ކޮލެސްޓްރޯލް މައްޗަށް ދިއުން ފަދަ ބަލިތަކާއި ކާއެއްޗެހިދާ ހޮޅީގެ މައްސަލަތަކެއް ދިމާވެ އެތައް ފަހަރަކު ނިއުމޯނިއާ ވެސް ޖެހިފައިވާ މީހެއް ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.
ޑޮކްޓަރު ވިދާޅުވި ގޮތުގައި ޢުމުރުން ދުވަސްވީ ބަލިމީހަކަށް ކޮވިޑް-19ޖެހުމުން ދޭހަވަނީ ރާއްޖޭގެ ޢާންމުންގެ ތެރެއަށް ބަލި ފެތުރިފައިވާ މިންވަރެވެ.
“ ދުވަސްވީމީހުން އެއްވެސް އަލާމާތެއް އައިސް ކެއްސާ، ރޯގާޖެހި، ހުންއައިސް ނޭވާކުރުވެ މެއަށް ތަދުވާނަމަ އެޗްޕީއޭއަށް ވީހާވެސް އަވަހަށް އަންގަންވާ. މިފަދަ މީހުންނަށް ކެއަރކުރާ މީހުންވެސް ބޮޑަށް ޕްރޮޓެކްޓިވްވާންޖެހޭ. މިފަދަ މީހުންނަކީ ދިފާޢީ ބާރު ދަށް މީހުންވީމަ، ކެއާކުރާމީހުން މާސްކު އަޅާއިގެން ފޮތި ނުވަތަ ސާޖިކަލް މާސްއަޅައިގެން“ ޑރ. މޫސަ ވިދާޅުވިއެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ދަރުމަވަންތަ ހޮސްޕިޓަލްލުގެ ”ޑީއެޗް11“ ގެ އައިސީޔޫގައި އެޑްމިޓްކޮށްފައިވަނީ ދިވެހި ފިރިހެނެކެވެ.

