ރާއްޖޭގައި ކޮރޯނާ ވައިރަހަށް ޕޮޒިޓިވވާ މީހުންގެ އަދަދު ކުރިޔަށް އޮތްތަނުގައި އިތުރަށް މައްޗަށް ދާނެކަމަށް ލަފާ ކުރެވޭ ކަމަށާއި، ކޮންޓްރޯލް ކުރެވޭ ސްޓޭޖަކަށް ދާނީ ޕީކްއަކަށްފަހު ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން ބުނެފިއެވެ.
އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، އިންޑެކްސް ކޭސްއެއް މުހިންމުވަނީ މަދުމަދުން ފެންނަމުންދާ ކޭސްތަކުގައި ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އިންޑެކްސް ކޭސް ސިއްހީ އިދާރާތަކުން ހޯދަނީ އެންމެ ފުރަތަމަ ކޭސް ފެނިގެން އުޅޭއިރު ކަމަށެވެ. ބަލީގެ އިތުރު ކްލަސްޓާތައް ނުވަތަ އާ ކުރިތަކެއް ފެންނަން ފަށާހިސާބުން އެއީ ކޮމިއުނިޓީ ސްޕްރެޑްއަކަށް ބަދަލުވުން ކަމުގައި ޑރ. އަފްޒަލް ވަނީ ފާހަގަ ކުރައްވާފައެވެ. އެހެން ކަމުން، މިވަގުތު އިންޑެކްސް ކޭސްއެއް ހޯދައިގެން އަޅާ ފިޔަވަޅަކުން ކުރާނެ މާބޮޑު ފައިދާއެއް ނެތްކަމުން މުހިންމީ ބަލި ޖެހިފައިތިބި މީހުން ޓްރޭސްވުންކަމުގައި އޭޭނާ ފާހަގަކުރެއްވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ، އެފަދަ ހާލަތެއްގައި ބަލާނީ ފެންނަ ކޭސްއަކާއި ކޮންޓެކްޓުވެފައިވާ މީހުން ހޯދުމަށް ކަމަށެވެ. އަދި ޖުމްލަ ގޮތެއްގައި އެ މީހެއް ވަށައިގެންވާ މީހުންނާއި އަދި އެ ސަރަހައްދަކަށް ދެން އަޅަންޖެހޭ ފިޔަވަޅެއް އެޅުން އަވަސް ކުރުން ކަމަށެވެ.
”އަޅުގަނޑުމެންގެ ނަމްބާސް އެބަ ކްލައިމްބް ވޭ. މި ކަހަލަ ސިއުއޭޝަންސްގައި ކުރިއަށް އޮތް ދުވަސްވަރުގައި ހަމަ ޕީކަކަށް ގޮސްފައި ކަމަށް އަޅުގަނޑަށް ފެންނަނީ އިތުރަށް ރަނގަޅު ވުުމުގެ ހާލަތަކަށް އަންނާނީ،“ ޑރ. އަފްޒަލް
މިދިޔަ ބުދަ ދުވަހު މާލެއިން ފެނުނު ފުރަތަމަ ކޭސްއަށްފަހު ކޭސްތައް ފެންނަ އަދަދު ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން، އެއް ދުވަހެއްގެ ތެރޭގައި 15 ކޭސް ނުވަތަ އެއަށްވުރެ ގިނައިން މިދަނީ ފެންނަމުންނެވެ. މިއަދުގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކުގައި އަދަދުތައް މައްޗަށް އަރައިގެން ދާނެކަމަށް ބެލެވޭ ކަމަށެވެ. އަދި ކޮންޓްރޯލް ކުރެވޭ ހިސާބަށް ދާނީ ޕީކަކަށް ފަހު ކަމަށެވެ. ކޭސްތައް ދުވަހުން ދުވަހަށް އިތުރުވަމުން ގޮސް މިހާރު މާލެ އިން 63 ކޭސް ވަނީ ފެނިފަ އެވެ.
ބަލިން ރައްކާތެރިވެ ސަމާލުވުމަށް ތަކުރާރުކޮށް އިލްތިމާސް ކުރައްވަމުން ޑރ. އަފްޒަލް ވަނީ ޑެލިވަރީއަށް ގެންނަތަކެތި ވެސް ރަނގަޅަށް ޑިސްއިންފެކްޓު ކުރުމަށް އެދިވަޑައިގެންފައެވެ. އަދި އެ ކޮތަޅުވެސް އަލުން ބޭނުން ނުކުރުމަށް އެދިވަޑައިގެންނެވިއެވެ. އަދި ކުރިޔަށް އޮތީ ފަސޭހަ ދުވަސްތަކެއް ނޫންކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ. އެހެން ކަމުން، ހުރިހާ ބޭފުޅުންވެސް އިޖްތިމާއީ ގައިދުރުކަން ބެހެއްޓެވުމަށް އެދިވަޑައިގެންނެވިއެވެ.
ހާއްސަ ހުއްދަތަކެއްގެ ދަށުން ބައެއް މީހުންނަށް ބޭރަށް ނިކުމެވޭއިރު، އެކަމަށް ވެސް ވިސްނަންޖެހޭ ކަމަށް ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ. އަދި ނިކުންނަ އިރުވެސް މީހުންނާއި ގާތުން ކޮންޓެކްޓު ނުވުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

