ކޮރޯނާ ވައިރަސް ހަލުވި ކަމާއިއެކު ރާއްޖޭގައި ފެތުރެމުންދާއިރު ކޮރޯނާ ވައިރަހަށް ޓެސްޓް ކުރުމަށް ބޭނުންވާ 3050 ކިޓް ރާއްޖޭގައި އެބަހުރި ކަމަށް ނެޝަނަލް އިމަޖެންސީ ސެންޓަރުން ބުނެފިއެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް19 އާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިވަގުތު ރާއްޖޭގައި ކޮވިޑްއަށް ޓެސްޓް ކުރުމަށް 3050 ކިޓް ހުރިނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ކިޓް ރާއްޖެއަށް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ކުރިން5000 ޓެސްޓް ކިޓް ރާއްޖެއަށް ލިބޭނެކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން ކޮވިޑާއި ގުޅިގެން އެކިއެކި ގައުމުތަކުން ރާއްޖެއަށް ލިބެމުންދާ އެހީތަކުގެ ތަފްސީލް ވެސް މަބްރޫކް ވަނީ ދެއްވާފައެވެ. އެގޮތުން ޕްރޮޓެކްޓިވް އިކުއިޕްމެންޓްސް (ޕީޕީއީ) އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މާދަމާ ބަންގްލަދޭޝުން އަންނަ ބޯޓުން 20،000 ސެޓް ލިބޭނެކަން މަބްރޫކް ވަނީ ހާމަ ކުރައްވާފައެވެ. އޭގެއިތުރުން 950 އައިޕޮރޮޓެކްޝަން ގޮގުލްސްއާއި އަދި ހޭންޑް ސެނެޓައިޒާގެ 5000 ޕީސް ލިބޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. މީގެއިތުރުން ބަންގަކަދޭޝްއިން އަންނަ ބޯޓުން ކާނާގެ ބާވަތްތަކާއި ތަރުކާރީއާއި ބޭސް ލިބޭނެކަން މަބްރޫކް ވަނީ ހާމަ ކުރައްވާފައެވެ.
މީގެއިުތރުން ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ސަރުކާރުން ކުރަމުންދާ އިތުރު މަސައްކަތްތައް ވެސް މަބްރޫކް ވަނީ ހިއްސާ ކުރައްވާފައެވެ. އެގޮތުން ކޮރޯނާ ވައިރަހުގެ ކަންކަމުގައި ހަރަކާތްތެރިވުމަށް ރާއްޖެއަށް އައިސްފައިވާ ޑޮކްޓަރުންގެ މައުލޫމާތު މަބްރޫކް ވަނީ ހިއްސާ ކުރައްވާފައެވެ. މަބްރޫކް ވިދާޅުވީ ރާއްޖެއިން ބޭރުގައި މެޑިސިން ކިޔަވަމުންދާ ދިވެހިންގެ ތެރެއިން ރާއްޖެ އައިސްފައިވާ ކުދިންގެ ތެރެއިން 78 ކުދިން ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު އައިޖީއެމްއެޗްއާއި ނެޝަނަލް އިމަޖެންސީ ސެންޓަރުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މީގެއިތުރުން ނޭޕާލްއާއި ބަންގްލަދޭޝުން އައި41 ކުދިން ކަރަންޓީން ފެސިލިޓީޒްތަކުގައި ތިބިކަން މަބްރޫލް ވަނީ ފާހަގަ ކުރައްވާފައެވެ.

