މާލޭސިޓީ ލޮކްޑައުން ކުރިފަހުން، މިހާތަނަށް 209 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.
ނޭޝަނަލް އިމަޖެންސީ ސެންޓަރުގައި އަންގާރަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެސިސްޓެންޓް ކޮމިޝަނަރ އިސްމާއީލް ނަވީން ވިދާޅުވީ، މާލޭސިޓީ ލޮކްޑައުން ކުރިފަހުން މިހާތަނަށް 209 މީހަކު ޖޫރިމަނާކޮށްފައިވާކަމަށެވެ.
މި ގޮތުން ހަމައެކަނި އަންގާރަ ދުވަހުވެސް، ގަވާއިދާއި ޚިލާފަށް ބޭރަށްނިކުތް 38 މީހަކު ޖޫރިމަނާކޮށްފައިވާއިރު، ބޭރަށް ނިކުމެ އުޅުނު 4 މީހަކު ހައްޔަރުކޮށްފައިވާކަމަށް ނަވީން ވިދާޅުވިއެވެ.
ނަވީން ވިދާޅުވީ، އަންގާރަ ދުވަހު ހައްޔަރުކުރި މީހުންނަކީ، މީގެ ކުރިން ޖޫރިމަނާކުރުމުން ވެސް، ބޭރަށް ނިކުމެ އުޅުނު މީހުންކަމަށެވެ.
ނަވީން ވިދާޅުވީ، ލޮކްޑައުންގެ ވަގުތުގައި، މާލޭގެ ބައެއް މަގުތަކުގައި ތިބި 71 ބިދޭސީން ފެނިފައިވާކަމަށެވެ. އެ މީހުން މިހާރު، ބިދޭސީން ބައިތިއްބުމަށް ޤާއިމުކޮށްފައިވާ ފެސިލިޓީއަށް ގެންގޮސްފައިވާކަމަށް ވެސް ނަވީން ވިދާޅުވިއެވެ.
މީގެ އިތުރުން، ނަވީން ވިދާޅުވީ، ދިރިއުޅޭނެ ހިޔާވައްސެއްނެތް 44 މީހަކު ވެސް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާކަމަށާއި، އެ މީހުންގެތެރޭގައި އަންހެނެއް ވެސް ހިމެނޭކަމަށެވެ.
ނަވީން ވިދާޅުވިގޮތުގައި، އެ ހުރިހައި މީހުންނަށް ވެސް ފުލުހުން އަންނަނީ، ކާބޯތަކެތި ފޯރުކޮށްދެމުންނެވެ.
މާލޭސިޓީ ލޮކްޑައުންކުރުމާއި ގުޅިގެން، ހުއްދައެއްނެތި ގެއިން ބޭރަށް ނިކުތުންވަނީ މަނާކޮށްފައެވެ. ފުލުހުން މީގެކުރިން ބުނެފައިވަނީ، ފުރަތަމަ ފަހަރު ނަސޭހަތްތެރިވާނެކަމަށެވެ. އެހެންނަމަވެސް އެ ކުށް ތަކުރާރުވާނަމަ، 1000 ރުފިޔާއިން ޖޫރިމަނާކޮށް، ހައްޔަރުކުރަން ޖެހިއްޖެ ހާލަތެއްގައި ހައްޔަރު ވެސް ކުރާނެކަމަށެވެ.

