ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ލޮކްޑައުންގެ ހާލަތަށް ގެނެސް، އެ ރަށު ރައްޔިތުން ޢަމަލުކުރަންވީގޮތުގެ އުސޫލެއް ކަނޑައަޅައިފިއެވެ.
ބުދަވިލޭރޭ ތަކަންދޫ ކައުންސިލްގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ،
އެ ރަށަށް ދަތުރުކޮށްފައިވާ އުޅަނދެއްގައި ހުރި މީހެއްގެ ކިބައިން، ކޮރޯނާވައިރަހަށްޝައްކުކުރެވޭފަދަ ޢަލާމާތްތަކެއް ފެނުމާއި ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި ޑިޕާރޓްމަންޓު އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން އެ ރަށް ލޮކްޑައުންކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން އެ ކައުންސިލުން ބުނީ،
އެ ރަށް ލޮކްޑްއުންގެ ހާލަތަށް ގެނެސްފައިވަނީ، ގިނަ ބަޔަކު އެ އުޅަނދުން އެ ރަށަށް ދަތުރުކޮށްފައިވާތީކަމަށެވެ.
އަދި އެ ރަށުގައި، ދިރިއުޅޭ އާބާދީ ގެ ގިނަ ބަޔަކީ، ވައިރަސް ޖެހުމުގެ ފުރުސަތު ބޮޑު، ދޮށީ ޢުމުރު ފުރައިގެ މީހުންނާއި ދިގު މުއްދަތަށް ބޭސް ބޭނުން ކުރާ ބަޔަކު ދިރިއުޅޭ ރަށެއްކަމަށް ފާހަގަ ވެފައިވާތީކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.
ތަކަންދޫ ކައުންސިލްގެ އިދާރާއިންވަނީ، އެ ރަށް، އެ ހާލަތައް ގެނެސްފައިވުމާއެކު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒި އުސޫލުން ހިންގުމުގެ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން، އެެ ހާލަތުގައި އަމަލުކުރަންވީގޮތުގެ އުސޫލު ކަނޑައަޅައިފައެވެ.
މި ގޮތުން، ގެއިން ބޭރަށް ނިކުމެ އުޅުމަކީ މަނާކަމެއްކަމަށާއި، ރަށަށް އަރާ ފޭބުން އެއްކޮށް މަނާކޮށްފައިވާކަމަށް އެ ކައުންސިލުން ބުނެއެވެ.
އެ ކައުންސިލުން ބުނީ، ކޮންމެ ގޭބިސީއެއްގައި
ވައިރަހަށް ޝައްކުކުރެވޭ މީހުން ސޯޝަލް ޑިސްޓެންސިން ޚިޔާރުކޮށް ދިރިއުޅެވޭނެ އިންތިޒާމު ހަމަޖައްސަންޖެހޭނެކަމަށެެެެވެެ.
ހަަމަައެެއާާއެެކުު ކަރަންޓީނުކުރެވޭ މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި، ޒަރޫރީ ބޭނުންތައް ފުއްދޭނެ އިންތިޒާމު ކަރަންޓީނު ކުރެވޭ މީހާ ނުވަތަ އެ މީހާގެ އާއިލާއިން ހަމަޖެއްސުމަށް ދަތިވެއްޖެނަމަ ކޮވިޑް-19 ޓާސްކް ފޯސްގެ ފަރާތުން، އެ ފަދަ މީހުންނަށް އެ ތަކެތި ފޯރުކޮށްދެވޭނެކަމަށެވެ.
މީގެ އިތުރުން، މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލުމާއި، ކަރަންޓީނު ކުރެވޭ މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ފިހާރަތަކުން ޑެލިވަރީ ކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސަވައި ދެވޭނެކަމަށެވެ.
އެ ކައުންސިލުން ބުނީ، މި ހާލަތުގައި ޑޮކްޓަރަށް ދައްކަންދާ މީހުން، މަރުކަޒުގެ ބޭސްފިހާރައާއި ދިމާ އުތުރު ފަރާތުގައި ހުންނަ ދޮރު ބޭނުން ކުރުމަށް އެދޭކަމަށެވެ.
މީގެ އިތުރުން، އެ ކައުންސިލުންވަނީ، ކޮވިޑް-19 ތަކަންދޫ ޓާސްކް ފޯހުގެ ފަރާތުން އަޅަން ނިންމާފައިވާ އެންމެހައި ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށާއި، މި ވައިރަހުން ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުން ދެއްވާ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް ވެސް އަންގާފައެވެ.

