ރާއްޖޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފިޔަވަޅުތަކުގައި ދިވެހިންނާއި ބިދޭސީންގެ މެދުގައި ތަފާތު ކުރުމެއް ނުގެންގުޅުއްވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ބަންގްލަދޭޝް އިން ރާއްޖެއަށް ހަދިޔާކުރި 100 ޓަނުގެ މުދާ ހަދިޔާ ކުރަން މާލެ ޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަހަކަ ދައްކަވަމުން މިނިސްޓަރު ޝަހިދު ވިދާޅުވީ ބިދޭސީންނާ ތަފާތު ކުރުމެއް ސަރުކާރުން ނުގެންގުޅޭނެ ކަމަށާއި ރާއްޖެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ ހާލަތުގައި ގިނަ އަދަދެއްގެ ބިދޭސީން އެބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ބަންގްލަދޭޝްގެ ގިނަ ރައްޔިތުން ހިމެނޭ ކަމަށެވެ. އަދި އެ ބަލިން ރައްކާތެރިކޮށް ދިނުމުގައި އެއްވެސް ގައުމެއްގެ މީހަކަށް ތަފާތު ނުކުރާނެ ކަމަށެވެ.
ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި ދިވެހިންނާއި ބަންގްލަދޭޝް ރައްޔިތުން އަދި އެހެން ގައުމެއްގެ ރައްޔިތަކަށް ތަފާތެއް ނުކުރާނެ ކަމަށާއި ބަންގްލަދޭޝްގެ އިން ދިން އެހީ އިން ހާމަވީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ކަމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.
ބަންގްލަދޭޝް އިން ދެމުން އަންނަ އެހީތަކަށްޓަކައި ރާއްޖޭގެ ރައްޔިތުންގެ ނަމުގައި އެ ގައުމުގެ ބޮޑުވަޒީރު ޝައިހް ހަސީނާ އާއި ފޮރިން މިނިސްޓަރު އަބްދުލްކަލާމް މޮމެން އާއި އެ ގައުމުގެ ސަލާމަތީ ބާރުތަކަށް ޝުކުރު އަދާ ކުރާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ކޮވިޑް-19 އަށް މާލެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ހިމެނެ އެވެ. އޭގެ ތެރޭގައި ބަންގްލަދޭޝް އާއި އިންޑިއާގެ ރައްޔިތުން ވެސް ހިމެނެ އެވެ.
ބަންގްލަދޭޝްގެ އަސްކަރީ މަނަވަރެއްގައި ރާއްޖެ ގެނައި 100 ޓަނުގެ މުދަލުގެ ތެރޭގައި ކާބޯތަކެއްޗާއި ބޭހާއި ސިއްޙީ ކަންކަމަށް ބޭނުންވާނެ ސާމާނު ފަދަ ތަކެތި ހިމެނެއެވެ. އަދި ބަންގްލަދޭޝް ސަރުކާރުގެ އެހީގައި މިދިޔަ ހޯމަ ދުވަހު ވަނީ އެ ގައުމާއި ނޭޕާލްގައި ތިބި 71 ދިވެހިން ރާއްޖެ ގެނެސްފަ އެވެ.

