ބިދޭސީންއުޅޭ ބައެއް ތަންތަން މޮނިޓަރކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފަށައިފިއެވެ.
މޯލްޑިވްސް ޕޮލިސް މީޑިއާގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ބުރާސްފަތިވިލޭރޭ ވިދާޅުވީ، މާލޭސިޓީގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ، ބިދޭސީންގެ މެދުގައި ބަލި ފެތުރުން ހުއްޓުވުމުގެގޮތުން، އެ މީހުން ދިރިއުޅޭ ހިޔާވަހިތައް މޮނިޓަރކުރަމުން ގެންދާކަމަށެވެ.
މީގެ އިތުރުން އިޒްމިއާ ވިދާޅުވީ، ބިދޭސީންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި، ދިރިއުޅޭ ހިޔާވަހިތަކުގެ ހާލަތުހުރި ގޮތުން، އެ މީހުންގެ މެދުގައި ކޮވިޑް-19 ފެތުރުމުގެ ފުރުސަތުބޮޑުކަމަށް ބެލެވޭކަމަށެވެ.
މި ގޮތުން، އެ މީހުން ދިރިއުޅޭ ތަންތަނުން ވަދެނިކުމެ އުޅުން ކޮންޓްރޯލްކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ވެސް އިޒްމިއާ ވިދާޅުވިއެވެ.
އިޒްމިއާ ވިދާޅުވީ، ބުދަ ދުވަހާއި ހަމައަށް ހަ ތަނެއް މޮނިޓަރކުރަމުން އަންނަކަމަށާއި، މޮނިޓަރ ކުރަމުންދާއިރު، ޒަރޫރީ ބޭނުމެއްގައި މެނުވީ، ބިދޭސީންނަށް އެ ތަންތަނުން ނިކުމެ ނޫޅެވޭގޮތަށް ވެސް ހަމަޖައްސާފައިވާކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން، މީގެކުރިންވަނީ މާލޭގެ އެކިތަންތަނުގައި ތޮއްޖެހިގެންއުޅޭ ބިދޭސީން ހުޅުމާލޭގައި ހުންނަ ”އަމީން ހިޔާ“ ބަދަލުކޮށްފައެވެ. ހަމައެހެންމެ ކޮވިޑް-19 އިގެ ނުރައްކާތެރިކަން ރާއްޖެއަށް އިތުރުވެފައިވާއިރު، ގިނަ ޢަދަދެއްގެ ބިދޭސީން ވެސްވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ.

