ފިނޭންސް މިނިސްޓަރަކީ އެމްޑީޕީ މީހަކަށް ވިޔަސް ދައުލަތުގެ ރިޒާވުން ބްލޭންކް ޗެކެއް ނުދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ރައްޔިތުންގެ މިވަގުތަކީ މަޖިލީހުން އާދަޔާ ހިލާފަށް ފާރަވެރިވާން ޖެހޭ ވަގުތެއް ކަމަށާއި ފިނޭންސް މިނިސްޓަރަށް ބެލޭންކް ޗެކެއް ދިނުމަކީ މަޖިލީހުން ކަން ކުރަންވާނެ ގޮތް ނޫން ކަމަށެވެ.
އީވާ އެގޮތަށް ވިދާޅުވެފައި މިވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް އެއް އަހަރު ދުވަހަށް ސަސްޕެންޑްކޮށްދިނުމަށް ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހުގައި އެދުމުން، ކުރިއަށް ގެންދިޔަ ބަހުސްގައެވެ.
އީވާ ވިދާޅުވި ގޮތުގައި ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ ބައެއް މާއްދާތައް މަޖިލީހުން ސަސްޕެންޑް ކޮށްދޭންވަނީ ހަރަދުތައް ހިންގާނޭ ގޮތުގެ ފުރިހަމަ ތަފްސީލު ފިނޭންސް މިނިސްޓަރުގެ ފަރާތުން މަޖިލީހަށާއި އެމްއެމްއޭ ގަވަރުނަރަށް ލިބެން ޖެހޭ ގޮތަށެވެ.
”އަޅުގަނޑާއި ފިނޭންސް މިނިސްޓަރާ އޮންނަ ގާތް ކަމަކާއި. ނުވަތަ އަޅުގަނޑާއި ގަވަރުނަރާ އޮތް ރަހުމަތްތެރި ކަމަކާ. އަޅުގަނޑާ ފިނޭންސް މިނިސްޓަރާ އެއް ޕާޓީއަކަށް ވީތީ ކޭޝް ފްލޯ ނުވަތަ ބްލޭންކް ޗެކެއް ދިނުމަކީ ރައްޔިތުންގެ މަޖިލީހުން އަޅުގަނޑުމެން ކަން ކުރަންވާނޭ ގޮތެއް ނޫން“ އީވާ ވިދާޅުވި އެވެ.
މީގެ އިތުރުން އީވާ ވިދާޅުވީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަކީ މުޅި ދައުލަތް ހިފެހެއްޓުމުގެ އެންމެ މުހިންމު އެއް ގާނޫނު ކަމަށާއި ސަރުކާރަށް ފައިސާ ލިބޭނެ ގޮތަށް އެކަން މަޖިލީހުން ވީހާ ވެސް އަވަހަކަށް ކޮށްދޭނެ ކަމަށެވެ. ނަމަވެސް އެކަންކޮށްދޭއިރު ކޮށްދޭ އިރު އާދަޔާ ހިލާފަށް ޗެކްސް އެންޑް ބެލެންސަސްތަކެއް ހުންނަން ޖެހޭނެ ކަމަށް އީވާ ވިދާޅުވި އެވެ.
އީވާ ވިދާޅުވި ގޮތުގައި ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު އިދިކޮޅު ފަރާތްތަކުން ބަދަލުކުރަން އުޅެ، އޮޔާދާ އެންމެ ފުރަތަމަ އެއް ގާނޫނަކީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނެވެ.
ފިނޭންސް މިނިސްޓަރު މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ކޮވިޑް 19ގެ ސަބަބުން ގައުމަށް ދިމާވެފައިވާ މާލީ އަދި އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްްދާގައި ކަނޑައަޅާފައިވާ ބައެއް ފިސިކަލް ހަމަތަކަށް އަމަލު ކުރުމަކީ އިގްތިސާދީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

