ގައުމަށް ދިމާވެފައިވާ ކޮރޯނާ ވައިރަހުގެ ހާލަތާއި ގުޅިގެން ވަޒީފާތަކުން ވަކިކުރާ މުވައްޒަފުންނަށް ކޮންމެ މަހަކު ފަސްހާސް ރުފިޔާ ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ސަރުކާރުން ނިންމާފައިވަނީ ކުރިއަށް އޮތް ތިން މަހަށް، ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް ފަސްހާސް ރުފިޔާ ދިނުމަށް ކަމަށެވެ. އަދި އެކަން ކުރަން ހަމަޖެހިފައިވަނީ ސަރުކާރުން ތައާރަފު ކުރި އިކޮނޮމިކް ރިލީފް ޕެކޭޖްގެ ތެރެއިން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ މިވަގުތަށް ނިންމާފައިވަނީ ތިންމަސް ކަމަށްވިޔަސް، ދެން އިގްތިސޯދީ ހާލަތު އޮންނަ ގޮތަށް ބަލައި ވަޒީފާއިން ވަކިކުރި ފަރާތްތަކަށް ފައިސާ ދިނުމާ ގުޅޭ ގޮތުން ވެސް ގޮތެއް ނިންމާނެ ކަމަށެވެ.
ވަޒީފާގެ ހާތަލަށް ބަދަލު އައިސްގެން އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރުގެ ޕޯޓަލްގައި ގާތްގަނޑަށް 1300 މީހުން ރަޖިސްޓްރީ ކޮށްފައިވެއެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ ވަޒީފާއިން ވަކިކުރި މީހުންނާއި، ނޯޕޭ ލީވަށް ފޮނުވާލި މީހުނާއި މުސާރައިން ބައެއް އުނިކުރި މީހުންނެވެ.
ޖޮބް ސެންޓަރުތަކުގައި ރަޖިސްޓްރީވި މީހުނަކީ ފައިސާ ލިބުން ހައްގު މީހުންކަން ކަށަވަރު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި ދަތިތަކެއް ހުރި ނަމަވެސް އެކަން ކުރެވޭނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށް މިނިސްޓަރު ދެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ އުނދަގޫތަކެއް ހުރުމުން، އޮންލައިން ކޯލްސެންޓަރެއްގެ ނަންބަރު އިއުލާނު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ. އޭރުން ސްޓާފުން ގޭގައި ތިބެގެން ވެސް، އަންނަ ފޯނު ކޯލްތަކަށް ޖަވާބުދީ، ރަޖިސްޓްރީ ކުރުމުގެ ކަންކަން ކުރެވޭނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

