”ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިޤްތިސާދަށާއި ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރު“ ބަޔާންކޮށް ތަފްސީލީ ކަރުދާހެއް ސަރުކާރުގެ ފަރާތުން މިވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހަށް ފޮނުވި ތަފްސީޅީ ރިޕޯޓުގައި ދައުލަތުން ދޭ ޚިދުމަތްތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ ކޭޝްފްލޯ ހޯދައި މެނޭޖްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން އަޅަންޖެހޭނެކަމަށް މިނިސްޓްރީ އޮފް ފިނޭންސަށް ފެންނަ ފިޔަވަޅުތައް ބަޔާންކޮށްފައިވެއެވެ.
”ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިޤްތިސާދަށާއި ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރު“ ގައި އިޤްތިސާދީ ލޮޅުން އަންނާނެކަމަށް ލަފާކުރެވޭ ނެކަމަށް ހިމަނާފައިވާ އެކި ސިނާރިއޯތަކުގެ ތެރެއިން މިހާރު ކުރިމަތިވާނެކަމަށް އެންމެ ބޮޑަށް ލަފާކުރެވޭ ސިނާރިއޯއަކީ ސިނާރިއޯ ތިނެކެވެ. ފިނޭންސް މިނިސްޓަރ މަޖިލީހަށް ފޮނުވި ލިޔުމުގައި ހިސާބުތައް ބިނާކޮށްފައިވާނީ ސިނާރިއޯ ތިނެއްގެ މައްޗަށެވެ. ނަމަވެސް، ހާލަތަ ށް އަންނަމުންދާ ބަދަލުތަކަށް ބަލައި، މި ސިނާރިއޯ އިތުރަށް ގޯސްވެ، ސިނާރިއޯ ހަތަރެއް ނުވަތަ ފަހެއް ކުރިމަތިވުންވެސް އެކަށީގެންވާ ކަމަށް ފިނޭންސް މިނިސްޓަރ ފޮނުވި ލިޔުމުގައި ވަނީ ބަޔާންކޮށްފައެވެ.


2020 ވަނަ އަހަރު ދައުލަތުގެ މާލީއްޔަތަށް ކުރާނެ އަސަރު.
ފިނޭންސް މިނިސްޓަރ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކުގައިވާ ގޮތުން ސިނާރިއޯ 3 ގައި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު 50 އިންސައްތަ ދަށްވެ، ބެޑްނައިޓްސް 39 އިންސައްތަ ދަށްވާނެކަމަށް ލަފާކުރެވި ފައި ވާނެއެވެ. އަދި ރާއްޖޭގެ ރިއަލް އިކޮނޮމީގެ އެހެން ސެކްޓަރތަކަށްވެސް މީގެ އަސަރުކޮށް، އިޤްތިސާދުގެ ޖުމުލަ ޑިމާންޑް ދަށްވާނެކަމަށް ލަފާކުރެވެއެވެ. އެއާއެކު، ރާއްޖޭގެ އިޤްތިސާދު 2020 ވަނަ އަހަރު 11،5 އިންސައްތައިން ދަށްވާނެކަމަށް ލަފާކުރެވެއެވެ.
ރާއްޖޭގެ އިޤްތިސާދީ ކުރިއެރުމަށާއި ފަތުރުވެރިކަމަށް އަންނަ ބޮޑު ހީނަރުކަމާއެކު، ދައުލަތުގެ އާމްދަނީ 2020 ވަނަ އަހަރުގެ ބަޖެޓުގައި އަންދާޒާކުރި މިންވަރާ އަޅައި ބަލާއިރު 49 އިންސައްތަ ދަށްވާނެކަމަށް ފިނޭންސް މިނިސްޓަރ މަޖިލީހަށް ފޮނުވި ލިޔުންތަކުގައި ވަނީ ބަޔާންކޮށްފައެވެ. މސިނާރިއޯ ތިނެއްގައި، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 2020 ވަނަ އަހަރު ލިބޭނެކަމަށް ލަފާކުރެވެނީ 15،2 ބިލިއަން ރުފިޔާއެވެ. މި އަހަރު މިހާތަނަށް ލިބިފައިވަނީ 4،6 ބިލިއަން ރުފިޔާއެވެ.
އާމްދަނީއަށް އަންނަ ހީނަރުކަމާއެކު، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ވަނީ ފިޔަވަޅުތައް އެޅިފައެވެ. މީގެ ތެރޭގައި ޑެޕިއުޓީ މިނިސްޓަރ ލެވެލްއިން ފެށިގެން މަތީ ފަންތީގެ މުވައްޒަފުންގެ މުސާރަތައް 20 އިންސައްތަ ކުޑަކުރުމާއި، ދަތުރުފަތުރަށް ކުރާ ޚަރަދު ކުޑަ ކުރުމާއި، މަރާމާތުތަކާއި ހަރުމުދާ ހޯދުން މަޑުޖައްސާލުމާއި، އެހެނިހެން ރިކަރަންޓް ޚަރަދުތައެްވެސް ކުޑަކުރުން ހިމެނެއެވެ. އަދި އިތުރު ޚަރަދުތަކަށް ކޮމިޓްނުކުރުމުގެ ގޮތުން އިތުރު މުވައްޒަފުން ނުނެގުމާއި، މަޝްރޫޢުތައް އެވޯޑްކުރުން ވެސް ވަނީ މަޑުޖައްސާލެވިފައެވެ. އަދި ލޯނު އަދާކުރުމަށް ކުރާ ހޭދަ ކުޑަކުރުމަށް ޑެޓް ރިލީފް އަދި މޮރެޓޯރިއަމް ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ
މީގެ އިތުރަށް، 35.000 ރުފިޔާއަށް ވުރެ ބޮޑު ކޮންމެ ޚަރަދެއް ކުރުމުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ވެސް ފިނޭންސް މިނިސްތަރ މަޖިލީހަށް ހުށަހެޅި ލިޔުމުގައި ވަނީ ބަޔާންކޮށްފައެވެ. މިފިޔަވަޅުތަކާއެކު، ދައުލަތުގެ ބަޖެޓު، 2020 ވަނަ އަހަރަށް ފާސްކޮށްފައިވާ 37،9 ބިލިއަން ރުފިޔާއިން 30،1 ބިލިއަން ރުފިޔާއަށް ކުޑަކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރ މަޖިލީހަށް ފޮނުވި ލިޔުމުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ލިޔުމުގައި ބުނެފައިވާ ގޮތުގައި 30،1 ބިލިޔަނަށްވުރެ ބޮޑަށް ޚަރަދު ކުޑަކުރާނަމަ، ދައުލަތުން ފޯރުކޮށްދޭ މުހިންމު ޚިދުމަތްތަކަށާއި ޕްރޮގްރާމްތަކަށް ބުރޫ އަރާނެއެވެ. އަދި ދައުލަތުން މުވައްޒަފުން މަދުކުރަން ނުވަތަ މުވައްޒަފުންގެ މުސާރައިން އުނިކުރަން ޖެހިދާނެ ކަމުގެ އިންޒާރު ފިނޭންސް މިނިސްޓަރ ވަނީ ދެއްވާފައެވެ.
ފިނޭންސް މިނިސްޓަރ މަޖިލީހަށް ފޮނުވި ލިޔުމުގައި ބުނެފައިވާ ގޮތުގައި ދައުލަތުގެ ޚަރަދުތައް އެކި ދިމަދިމާލުން ހިފެހެއްޓި ނަމަވެސް، ކޮވިޑް – 19 އާ ގުޅިގެން ސިއްޙަތަށާއި އިޖުތިމާޢީ ރައްކާތެރިކަމަށާއި، ކާރިސާ މެނޭޖްކުރުމަށް ކުރާ ޚަރަދުވަނީ އިތުރުވެފައެވެ. އަދި ހާލަތު ބަދަލުވަމުންދާ ގޮތަށް ބަލައި، މިކަމަށް އިތުރަށް ފައިސާ އެއިތުރަށް ބޮޑުކުރަން ޖެހިފައެވެ. ހަމައެއާއެކު، އިޤްތިސާދަށް އައި ބޮޑު ހީނަރުކަމާއެކު، ވިޔަފާރިތަކާއި ގޭބިސީތަ ކުން ވަނީ ދައުލަތުގެ އެހީއަށް ބޭނުންވެފައެވެ.
މިގޮތުން، މި ކާރިސާގެ ތެރޭގައި ކުރުމުއްދަތުގައި ވަޒީފާތައް ދެމެހެއްޓުމަކީ ދައުލަތުގެ މުހިއްމު މަގުސަދެ ކެވެ. އެހެންކަމުން، އިޤްތިސާދީ ރިލީފް ޕެކޭޖަށްވެސް ދައުލަތުން ޚަރަދު އިތުރުކުރަން ޖެހިފައިވެއެވެ. މި ޚަރަދުތައް މި ވަގުތު ހަމަޖައްސަމުންދަނީ 2020 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގެ ކޮންޓިންޖެންސީއިންނާއި ބަޖެޓުގެ ތެރެއިން ރީއެލޮކޭޓް ކޮށްގެންނެވެ. ދައުލަތުގެ އާމްދަނީ އާއި ޚަރަދަށް ބަލައި ބަޖެޓުގެ ޑެފިސިޓަށާއި ޑެފިސިޓް ފައިނޭންސްކުރުމަށް ފައިސާ ހޯދަންޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފިނޭންސް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ. މިގޮތުން ސިނާރިއޯ ތިނެއްގައި، ބަޖެޓު ޑެފިސިޓް 13 ބިލިއަން ރުފިޔާއަށް އިތުރުވެ، ފައިނޭންސިންގ ހޯދަންޖެހޭ މިންވަރު 13،2 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ.
ފިނޭންސް މިނިސްޓަރ މަޖިލީހަށް ހުށަހެޅި ލިޔުމުގައި ބުނެފައިވާ ގޮތުގައި ފައިނޭންސިންގ ބޭނުންވާ މިންވަރަށް ފައިސާ ހޯދުމަކީ ދައުލަތުގެ ޚިދުމަތްތައް ދެމެހެއްޓުމަށާއި، ކޮވިޑް-19 އާ ގުޅިގެން އަންނަ ސިއްޙީ އަދި އިޤްތިސާދީ ލޮޅުމަށް ކުރަންޖެހޭ ޚަރަދުކުރުމަށް ކޮންމެހެން މުހިއްމުކަމެކެވެ. މިގޮތުން ބޭރު ޤައުމުތަކުންނާއި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ހިލޭ އެހީއާއި ލޯނު ހޯދުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. މިގޮތުން ރާއްޖެއަށް އެހީދޭނެ، ރާއްޖެއާ ރަހުމަތްތެރި ހުރިހާ ޤައުމަކާއި، ހުރިހާ މާލީ އިދާރާތަކާއި ދަނީ ވާހަކަ ދެކެވެމުންނެވެ. ނަމަވެސް މި ފައިސާ ހޯދުމުގެ މަޝްވަރާތައް ނިމި، ފައިސާ ލިބޭ ހިސާބަށް ދިއުމަށް އިތުރު ވަގުތުތަކެއް ހޭދަވާނެކަމަށް ފިނޭންސް މިނިސްޓަރ މަޖިލީހަށް ފޮނުވި ލިޔުމުގައި ވަނީ ބަޔާންކޮށްފައެވެ.

ކޮވިޑާއި ގުޅިގެން ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ވެސް ފިނޭންސް މިނިސްޓަރ މަޖިލީހަށް ފޮނުއްވި ލިޔުމުގައި ވަނީ ބަޔާންކޮށްދީފައެވެ. އެގޮތުން ޕަބްލިކް ބޭންކު އެކައުންޓުން އޯވަރޑްރޯ ކުރެވޭ ލިމިޓް މަތިކުރުން ވަނީ އެދިފައެވެ. މީގެ ސަބަބުން ދައުލަތުން ކުރުމުއްދަތުގައި ކުރަންޖެހޭ ޚަރަދުތައްކޮށް، ޚިދުމަތްދިނުމަށް މަގުފަހިވެގެންދާނެއެވެ. މިގޮތުން 4.4 ބިލިއަން ރުފިޔާ (ވޭތުވެދިޔަ 3 އަހަރުގެ އެވްރެޖް އާމްދަނީގެ 20 އިންސައްތަ) އާ ހަމައަށް 1 އަހަރުގެ ދުވަހުގެ މުއްދަތަށް، ފައިނޭންސް ކޮސްޓެއް ނުހިމެނޭ ގޮތަށް، އޯވަރޑްރޯ ކުރެވޭ ގޮތަށް ހަމަޖެހިގެން ދިއުމަކީ ދައުލަތުގެ ޚަރަދުތައް ހަމަޖައްސައި، ޚިދުމަތުގެ ކަށަވަރުކަން ދެވޭނެކަމެއް ކަމަށް ފިނޭންސް މިނިސްޓަރ މަޖިލީހަށް ފޮނުއްވި ލިޔުމުގައި ވަނީ ބަޔާންކޮށްފައެވެ.
ފިނޭންސް މިނިސްޓަރ މަޖިލީހަށް ފޮނުވި ލިޔުމުގައި ބުނެފައިވާ ގޮތުގައި ފައިސާ އިތުރުވުމުގެ ސަބަބުން އަންނަ އިޤްތިސާދީ ނޭދެވޭ ބަދަލުތައް މި ދުވަސްވަރު މަދުވާނެކަމަށް ލަފާކުރެވެއެވެ. ސަބަބަކީ ރާއްޖޭގެ ގިނަ ފަރާތްތަކެއްގެ ވަޒީފާ ގެއްލިފައިވުމާއި، ރާއްޖޭގެ އިޤްތިސާދުގެ އެގްރިގޭޓް ޑިމާންޑް ދަށްވެފައިވުމާ، ދުނިޔޭގެ އިޤްތިސާދީ ހަރަކާތްތައްވެސް މަޑުޖެހިފައިވުމާއި ބޭރުގެ ދަތުރު ފަތުރު މަދުވުމާއި ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގު ދަށްވެފައިވުމާއި ގުޅިގެން ބޭރު ފައިސާގެ ޑިމާންޑަށް މީގެ ސަބަބުން މިވަގުތު އިތުރުވުމެއް އަންނާނެކަމަށް ނުބެލެވޭތީއެވެ. މީގެ އިތުރުން، އިޤްތިސާދީ ހަރަކާތްތައް މަޑުޖެހިފައިވާ މިދަނޑިވަޅުގައި ފައިސާ އެނބުރޭ މިންވަރު އިތުރުކުރުމަށްވެސް ފިޔަވަޅުއަޅަން ޖެހޭކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ. ނަމަވެސް މެދު ރާސްތާގައި، މި ކާރިސާއިން އަރައިގަތުމަށްފަހު، މި ބާޒާރުގައި އެނބުރޭ ދިވެހި ފައިސާ މަދުކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސިދާނެކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.
ފިނޭންސް މިނިސްޓަރ މަޖިލީހަށް ފޮނުއްވި ލިޔުމުގައި ބުނެފައިވާ ގޮތުގައި ފައިނޭންސިންގ އިންފްލޯތައް އަންނަ މިންވަރަކުން ޕަބްލިކް ބޭންކް އެކައުންޓް އޯވަރޑްރޯ ކުރަންޖެހޭ މިންވަރު ކުޑަކުރެވޭނެއެވެ. މިގޮތުން އޯވަރޑްރޯ ލިމިޓް ވާނީ މިމުއްދަތުގައި ދައުލަތުގެ ކޭޝް ފްލޯ މެނޭޖްކުރުމަށް ވެދެވޭ އެހީއަކަށެވެ. ދައުލަތަށް އާމްދަނީ އަދި ފައިނޭންސިންގ ލިބޭ މިންވަރަކުން އޯވަރޑްރޯކުރަން ޖެހޭ މިންވަރު ކުޑަވާނެކަން ފިނޭންސް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

