މާލޭގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް، ކޮންޓްރޯލް ކުރުމަށް އިތުރަށް ކުރެވޭނެ އާ ކަމެއް ނެތް ކަމަށާއި، މި ކަމުގައި ”މެޖިކަލް ބުލެޓެއް“ ވެސް ނެތްއިރު އާއްމުންނަށް އޮތީ ލޮކްޑައުންއަށް ރަނގަޅަށް ބޯލެނބުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ
ރާއްޖޭގައި ކޮވިޑްގެ ހާލަތު ބަޔާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ކޮރޯނާ ވައިރަހަކީ މިއީ އެއްވެސް ފަރުވާއެއް އަދި ވެކްސިނެއް ވެސް ހޯދިފައިވާ ބައްޔެއް ނޫން ކަމަށެވެ. ކޮންމެ ރައްޔިތެއްގެ އަތް މަތީގައި ވެސް އޮތީ ތިމާ އަމިއްލައިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުންކަމުގައި ފާހަގަކުރައްވާ ޑރ. ނަޒްލާ ވިދާޅުވީ ބަލީގެ ކިރިޔާވެސް އަލާމާތެއް ހުރި މީހެއްނަމަ ވީހާވެސް އަވަހަށް ފްލޫ ކްލިނިކްއަށް ރިޕޯޓު ކުރުން މުހިންމު ކަމަށެވެ.
ބައްޔަށް ޕޮޒިޓިވް ވާ ބައެއް މީހުންގެ ކޮންޓެކްޓް ޓްރޭސިންއަށް ފާހަގަކުރެވިފައިވާ ބައެއްކަންތައް ނޫސްވެރިންނާއި ހިއްސާކުރައްވާ ޑރ. ނަޒްލާ ވިދާޅުވީ ބައެއް މީހުންނަކީ އެއީ ބަލީގެ އަލާމާތްތަކާއި އެކު ވެސް ވަޒީފާއަށް ރިޕޯޓުކޮށްފައިވާ މީހުން ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ، މިއަދު އޮފީސްތަކަށް ނިކުންނަނީ ލިމިޓްކޮށް ކޮންމެހެން ނިކުންނަން ޖެހޭ ހިދުމަތްތަކުގެ މަދު މުވައްޒަފުންނެއްކަން ފާހަގަކުރައްވާފައެވެ.
އެހެން ކަމުން، އެފަދަ ހުއްދައެއް އޮތް މީހެއްނަމަ ހާއްސަގޮތެއްގައި ބަލީގެ އަލާމާތްތަކާއި އެކީ ވަޒީފާއަށް ނުނިކުތުމަށް ޑރ. ނަޒްލާ ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި އެއީ ކިރިޔާވެސް ބަލީގެ އަލާމާތެއް ހުރިނަމަ މީހުންގެ ތެރެއަށް ގޮސްގެންވާނެ މީހެއް ނޫންކަމަށް ވިދާޅުވިއެވެ.
”ސަންގު“ އިން ކުރި ސުވާލުގެ ޖަވާބު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވެފައިވަނީ ބަލި ފެތުރުން ހުއްޓުވުމަށް މަސައްކަތްތަކެއް ކުރެވޭ ކަމަށެވެ. އެހެން ނަމަވެސް، މިއީ ކުއްލިގޮތަކަށް އަމިއްލައިން ނޯމަލްވާނެ ކަންތަކެއް ނޫންކަން ފާހަގަކުރެއްވިއެވެ.
”މި ކަމުގައި މެޖިކް ބުލެޓެއް ނެތް. ބަލި ކޮންޓްރޯލް ކުރަން ކުރެވޭނެ އިތުރު ކަމެއް ނެތް. މިކަމުގައި އޮންނަ ކަމަކީ މިހާރުވެސް އަޅަމުންދާ ފިޔަވަޅުތައް އަޅައި، ބަލި ޖެހިފަ ހުރި މީހަކު އަވަހަށް ދެނެގަނެ، އެމީހަކު އެކަހެރިކުރުން،“ ޑރ. ނަޒްލާ
އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް މީހެއްގެ ފަރާތުން ބަލީގެ އަލާމާތްތަކެއް ފެނުމާއި އެކު، މާލެ ލޮކްޑައުން ހާލަތަކަށް ގެނައި ކުއްލިގޮތަކަށެވެ. އެއީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހު މާލެއިން ގިނަ ބަޔަކު ފުރައިގެން ރަށްރަށް ދިޔައެވެ. އަދި ގިނަ މީހުން ދަތުރުފެށީ، މާލެއިން ވައިރަސް ފެނިފައިވާކަމަށް ހެލްތް ޕްރޮޓެލްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަ ކުރުމާއި އެކުއެވެ. އަދި ބައްޔަށް ޕޮޒިޓިވް ވި މީހާގެ ގިނަ ކޮންޓެކްޓުންތަކެއް ވެސް ރަށްތަކަށް ދިޔައެވެ.
މާލެ ލޮކްޑައުން ކުރިތާ ހަފްތާއެއް ވީ ނަމަވެސް، އަދި ފެންނަމުންދަނީ ބެކްލޮގް ކޭސްތައްކަމަށް އެޗްޕީއޭއިން ބުނެއެވެ. އެއީ، ބަލި ޖެހިފައި ހުންނަތާ ދުވަސްވެ އެހެން ނަމަވެސް ނުފެނި ހުރި ކޭސްތަކެވެ. މާލޭގައި ކޮރޯނާ ވައިރަސް އުޅޭތާ ދެ ތިން ހަފްތާ ވެދާނެކަމަށް އެޗްޕީއޭއިން ލަފާ ކުރެއެވެ. އެހެން ކަމުން، ލޮކްޑައުންގެ އަސަރު ފެންނަން ފަށަން އަދި އިތުރު ދެ ހަފްތާއެއް ނަގާނެ ކަމަށް ލަފާ ކުރެވެއެވެ. އަދި އޭގެ ކުރިން ޕީކެއް އަންނާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ލޮކްޑައުންއަށްފަހު އެކަކު އަނެކަކާއި ބައްދަލުވުމުގެ ފުރުސަތު ނޯންނާނެތީ، މީގެ ރަނގަޅު އަސަރު ފެންނަން ފަށަން ދުވަސްތަކެއް ވާނެކަމުގައި ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ. ބައެއް ފަރާތްތަކުން އަދިވެސް ޒަރޫރީ ބޭނުންތަކަށް މަގުތަކަށް ނިކުންނައިރު، އެ ހާއްސަ ހުއްދައިގެ ދަށުން ވެސް ރަނގަޅު ފިޔަވަޅުތައް އަމިއްލައިންވެސް އެޅުމަށް ޑރ. ނަޒްލާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

