ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި، ޔޫކޭއިން އެނބުރި ގައުމަށް އައި ކަރަންޓީން ފުރިހަަމަ ކުރި މީހެއް ހިމެނޭއިރު އޭނާއަށް ބަލި ޖެހިފައިވަނީ ޕޮޒިޓިވް ކޭސްއަކާއި ޑައިރެކްޓު ކޮންޓެކްޓު ވެގެން ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.
ބޭރުގެ އެކި ގައުމުތަކުން އަންނަ ދިވެހިން ވެސް 14 ދުވަހަށް ކަރަންޓީނު ކުރާއިރު، އެ މީހުންގެ ކަރަންޓީން މުއްދަތަށް ފަހު ބައްޔަށް ޓެސްޓުކުރާނެ އެވެ. އަދި ދޫކޮށްލާނީ އެ މީހެއްގެ ނަތީޖާތައް ލިބި ބައްޔަށް ނެގެޓިވްވުމުން ނެވެ. އަދި އޭގެ އިތުރުން ހުން އަދި ރޯގާގެ އަލާމާތެއް ހުރިތޯ ބެލުމަށް ”އެގްޒިޓް ސްކްރީނިން“ އެއް ވެސް ކުރާނެއެވެ. ކަރަންޓީންގެ 14 ދުވަސް ގުނަން ފަށަނީ އެ މީހަކު ކަރަންޓީން ފެސިލިޓީ އަކަށް ގެންދާ ދުވަހުގެ، ފަހު ދުވަހުން ފެށިގެންނެވެ.
ރާއްޖޭގައި ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު ވަނީ 100 އިން މައްޗަށް އަރާފައެވެ. އެގޮތުން، ބުރާސްފަތި ދުވަހު ބައްޔަށް 23 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. 14 މީހަކު ޕޮޒިޓިވްކަން ހާމަކޮށްފައި ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެއީ މުޅިންެވެސް ބަންގްލަދޭޝްގެ މީހުންނެވެ. އެ މީހުންނަކީ، އެއްތަނެއްގައި އެކީ އުޅެމުން އައި މީހުންނެވެ. ރާއްޖޭގެ ހާލަތު ބަޔާންކުރުމަށް ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތައް ކުރިޔަށްގެންދާއިރު، އެ ބައްދަލުވުންތަކުގައި އެންމެ ފަހުގެ ތަފްސީލުތައް ހާމަކުރެއެވެ.
ޕްރެސްގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ މެޑިކަލް އޮފިސަރ ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ބައްޔަށް ޕޮޒިޓިވް މީހަކީ ޔޫކޭއިން އައިސް ކަރަންޓީން މުއްދަތު ފުރިހަމަ ކުރި މީހެއް ކަމަށެވެ. އަދި އޭނާ ދޫކޮށްލުމުގެ ކުރިން ބައްޔަށް ދެ ޓެސްޓު ހަދާފައިވާނެ ކަމަށާއި، އެނާގެ ގައިގައި ބަލީގެ އެއްވެސް އަލާމާތެއް ނެތް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، އެ މީހާއަށް ބަލި ޖެހިފައިވަނީ ރާއްޖެއިން ކަމަށެވެ. މި މަހުގެ ހަތް ވަނަ ދުވަހު ކަރަންޓީނުން ދޫކޮށްލި އެ މީހާއަށް ބަލިޖެހިފައިވަނީ ބައްޔަށް ޕޮޒިޓިވް ވި އެހެން މީހަކާއި ޑައިރެކްޓު ކޮންޓެކްޓުވުމުން ކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ. އެ މީހާ އަކީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ޔޫކޭ އިން ރާއްޖެ އައި މީހެކެވެ. އަދި އޭނާގެ ފުރަތަމަ ޓެސްޓު 28 ވަނަ ދުވަހު ހެދިއެވެ. އޭގެ އިތުރުން ކަރަންޓީނުގެ 14 ދުވަހުގެ މުއްދަތު ހަމަ ކުރުމަށް ފަހު ދޫކޮށްލާފައިވަނީ ބައްޔަށް ޑަބަލް ނެގެޓިވްވުމުން، މި މަހުގެ ހަތް ވަނަ ދުވަހުއެވެ.
”އޭނާ އެންމެ ފުރަތަމަ ކޮންޓެކްޓް ޓްރޭސިންގގެ ތެރެއިން އައިޑެންޓިފައި ވީމަވެސް އަޅުގަނޑުމެން ޗެކް ކުރިން އަޅުގަނޑުމެންގެ ކޯޑްސްއިން ފެސިލިޓީއަށް ގެންގޮސްފައި ޓެސްޓު ކުރެވިފައި ތޯ ހުރީ، އޭނާގެ ހުރީ ދެ ފަހަރު ޓެސްޓު ކުރެވިފައި. ގެނައި އިރު އަދި ދޫކޮށްލުމުގެ ކުރިންވެސް އެބަ ހުރި ދެ ޓެސްޓުވެސް ނެގެޓިވް، އޭނާ މިވީ ޕޮޒިޓިވް ކޭސްއެއްގެ ވަރަށް ކްލޯސް ކޮންޓެކްޓަކަށް“ ޑރ. ނަޒްލާ
ޑރ. ނަޒްލާ ވިދާޅުވީ ޕޮޒިޓިވް ވި މީހާ، ބަަހައްޓާފައި އައިސޮލޭޝަންގައި ކަމަށާއި ސާމްޕަލް ނަގާފައިވަނީ ބަލީގެ އަލާމާތްތައް ފެނުމުން ކަމަށެވެ. އެގޮތުން އޭނާ ބައްޔަށް ޕޮޒިޓިވްވީ މިމަހުގެ 21 ވަނަ ދުވަހު ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާގެ ފަރާތުން އިތުރު މީހަކަށް ބަލިއަރާފައިވާކަމަށް ނުބެލެވޭކަމުގައި ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އޭނާ އަށް ބަލިޖެހުނީ ރާއްޖެއިން ޕޮޒިޓިވްވީ މީހަކާ ކޮންޓެކްޓު ވުމުން ކަމަށް ބެލެވޭ ކަމަށެވެ.
އެއް ދުވަސް ތެރޭ މާލޭގައި، ކޮރޯނާ ވައިރަސްއަށް 23 މީހުން ޕޮޒިޓިވްވެ، ރާއްޖެ އިން މިހާތަނަށް އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 108 އަށް އަރާފައެވެ. ޕޮޒިޓިވްވި 23 މީހުންގެ ތެރެއިން 14 މީހަކީ އެއް ތަނެއްގައި، އެއްކޮށް ދިރިއުޅެމުން އައި ބަންގްލާދޭޝް މީހުންނެވެ.

