މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ލެބޯޓަރީގައި ކޮވިޑް-19 އަށް ޓެސްޓުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަންފަށައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި، ހުކުރުވިލޭރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވަނީ، މި ކަމުގެ އުފާވެރި ޚަބަރު ދެއްވާފައެވެ.
ނަވީން ވިދާޅުވީ، ބުދަދުވަހުގެ ރެއިން ފެށިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ލެބޯޓަރީގައި ކޮވިޑް-19 އަށް ޓެސްޓުކުރެވޭނެ އިންތިޒާމު ޤާއިމުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ.
މީގެ އިތުރުން ނަވީން ވިދާޅުވީ، ޕޮލިސް ފޮރެންސިކް ލެބޯޓަރީގައި ޕީސީއާރު މެޝިނެއް ހުުރުމާއެކު، ވީހާވެސް އަވަހަކަށް މަސައްކަތްތައް ފެށުމުގެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށެވެ.
ނަވީން ވިދާޅުވީ، ޕޮލިސް ސަރވިސްގެ ފޮރެންސިކް ލެބޯޓަރީގައި ތިއްބަވާ ފޮރެންސިކް އެނަލިސްޓުންގެ ބޭނުންހިފައިގެން ސާމްޕަލްތައް ޓެސްޓް ކުރެވިދާނެކަމަށެވެ.
ނަވީންވަނީ، ވައިރަހަށް ޓެސްޓުކުރާ މީހުންގެ ސާމްޕަލުތަކުގެ ނަތީޖާ އަވަހަށް ހޯދަން ސަރުކާރުން ކުރަމުން އަންނަ ކމަސައްކަތްތަކަށް ކުރިއެރުމެއް ލިބޭނެކަމަށް ވިދާޅުވެފައެވެ.
ނަވީން މި ފަދައިން ވާހަކަދައްކަވާފައިވާއިރު، ކޮވިޑް-19 އިގެ ތަރުޖަމާނު މަބްރޫކް ވިދާޅުވިގޮތުގައި، ހުކުރުވިލޭރެއިން ފެށިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލިޖެންސްގައި ބޭނުންކުރާ ޕީސީއާރު މެޝިނެއް އައިޖީއެމްއެޗުގައި ބޭނުންކުރަން ފަށާނެއެވެ. މީގެ އިތުރުން، އިތުރު 5000 ޓެސްޓު ލިބިފައިވާކަމަށް ވެސް މަބްރޫކްވަނީ ވިދާޅުވެފައެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު 100 އަށްވުރެ އިތުރުވެފައިވާއިރު، މިހާތަނަށް 1675 ކޮންޓެކްޓް ވަނީ ހޯދިފައެވެ. ހަމަ އެހެންމެ، ކަރަންޓީނުގައި 1546 މީހުން ތިބިއިރު، 189 މީހަކުވަނީ އެކަހެރިކޮށްފައެވެ.

