ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑުއަޑީގެ އިތުރު މަޝްރޫއެއް: ފަހުމީ ވިދާޅުވީ 500 މީޓަރު އަޑީގައި ލޮނުފެން ތާޒާކުރާ ޕްލާންޓެއް ގާއިމްކުރާނެ ކަމަށް!

"އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ފަހުމީ ވާހަކަ ދައްކަވަނީ -- ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކަނޑުގެ 500 މީޓަރުގެ އަޑީގައި ލޮނުފެން ތާޒާކުރާ ޕްލާންޓެއް ގާއިމްކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)ގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދޭ ”އަހާށޭ ބުނާނަން“ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ފަހުމީ ވިދާޅުވީ ރާއްޖޭގެ ފެނުގެ ނިޒާމު ހަރުދަނާކޮށް އަތޮޅުތަކުގައި ހިދުމަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ ފެނުގެ ހިދުމަތް އިތުރަށް ތަރައްގީކުރުމަށް ޓަކައި ހިންގުމަށް ރާވާފައިވާ ބިޔަ މަޝްރޫއުތަކުގެ ތެރެއިން އެންމެ ހާއްސަ އެއް މަސައްކަތަކީ ކަނޑުގެ އަޑިން ފެން އުފެއްދުމުގެ މަޝްރޫއު ކަމަށް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ކަނޑުގެ 500 މީޓަރު އަޑީގައި ފެން ޕްލާންޓް ގާއިމުކޮށްގެން ފެން އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެ ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ނޯވޭގެ ތަޖުރިބާކާރު ކުންފުންޏަކާ ގުޅިގެން ކަމަށެވެ.

މިހާރު މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށް ފީސިބިލިޓީ ސްޓަޑީއާއި ޓެކްނިކަލް އަދި އެންވަޔަރަމަންޓަލް ދިރާސާތައް ކުރަމުންދާ ކަމަށާއި އެ ހުރިހާ މަރުހަލާއެއް ނިންމައި އަންނަ އަހަރުގެ މެދުތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ، ކަނޑު އަޑީގައި އެފަދަ ޕްލާންޓެއް ގާއިމްކުރުމުން ވަރަށް ބޮޑު ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން، އެނަރޖީ އެފިޝިއަންޓުވުމާއެކު ރިޖެކްޓު ވޯޓަރ ކަނޑަށް ދޫކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި 500 މީޓަރު އަޑިން ލިބޭ ލޮނަކީ ވަރަށް ސާފު ލޮނެއް ކަމަށާއި ބޯހޯލުން ނަގާ ލޮނަށްވުރެއް ސާފުވާނެ ކަމަށް ވިދާޅުވިއެވެ. އެ މަޝްރޫއުގެ ސަބަބުން ހަރަދުވެސް ކުޑަކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކަނޑު އަޑީގައި ފެން ޕްލާންޓެއް ގާއިމްކުރަން ސަރުކާރުން ނިންމާފައިވާއިރު، މި ސަރުކާރުން ތަރައްގީކުރަން ފެށި ރަސްމާލެ އާއި މާލެ ގުޅުވާލަން ކަނޑުއަޑީގައި ޓަނަލެއް އަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ވިދާޅުވެފައިވެއެވެ. އެ ޓަނަލް ވެގެންދާނީ ދުއްވާ އެއްޗެހިން ދާއިރު ކަނޑުއަޑީގެ ރީތި މަންޒަރު ފެންނަ، ދުނިޔޭގައި ފުރަތަމަ ފަހަރަށް ގާއިމްކުރާ އެފަދަ ޓަނަލްއަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ މަޝްރޫއުގެ ފީސިބިލިޓީ ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް، މިއަދާ ހަމައަށް ވެސް ޓަނަލްގެ މަޝްރޫއު އެއްވެސް ކުންފުންޏަކާ ހަވާލުކޮށްފައިނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: