ލެމްބޯގިނީ ކާރު އެކްސިޑެންޓްވި މައްސަލައިގައި ކާރު ދުއްވަންއިން ހަސަން ރިފާއުގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ބްރިޖު ހައިވޭގައި ހިނގައިދިޔަ ހާދިސާއާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލްނުވެ ގޮސް ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބުނީ އޮގަސްޓު 21 ވަނަ ދުވަހުގެ ހެނދުނު 08:42 ހާއިރު ކަމަށެވެ.
މި އެކްސިޑެންޓުގައި ހޮޅިދަނޑިތަކުގައި ޖެހި ކާރު ވަނީ ފުރޮޅާލައިފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން ފުލުހުން ބުނީ މި ހާދިސާ ހިނގި ވަގުތު ކާރުގައި ތިބީ، ކާރުދުއްވި މިޔްނިކް/ ބ.ކަމަދޫ، ހަސަން ރިފާއު (40އ) އާއި އަދި 13 އަހަރުގެ ކުޑަކުއްޖެއް ކަމަށެވެ.
ފުލުހުން ކުރިނަ ބުނެފައިވަނީ މި އެކްސިޑެންޓާއި ގުޅިގެން ހަސަން ރިފާއު އަށާއި ކުޑަކުއްޖާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި އެކްސިޑެންޓުގައި ކާރު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު، މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށްފަހު، ކާރުގެ ބައިތައް މިހާރު ވަނީ ވެރިފަރާތާ ހަވާލުކޮށްފައެވެ.
މި މައްސަލައިގައި ރިފާއުގެ ލައިސަންސް ހިފަހައްޓައިފައިއިރު ފުލުހުންގެ ތަހުގީގުވެސް ކުރިއަށް ދާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

