ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން މާބަނޑު މީހުން ޑޮކްޓަރަށް ދެއްކުމާއި ވިހެއުމުގައި އިންތިޒާމްތައް ހަމަޖެއްސުމަށް ޚާށްސަ ގައިޑްލައިންތަކެއް އައިޖީއެމްއެޗްގައި އެކުލަވާލައިފިއެވެ.
ހުކުރު ދުވަހުގެ ރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރު މުހައްމަދު އަސީލް ޖަލީލް ވިދާޅުވީ އޮންލައިންކޮށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމްތައް ހަމަޖެހިފައި ހުއްޓަސް، ބައެއް ހާލަތްތަކުގައި މާބަނޑު މީހުން ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ގެންދަން ޖެހޭތީ އެކަމަށެވެ. އެހެންވެ ޚާއްސަ އިންތިޒާމްތަކެއް މިހާރު ހަމަޖައްސާފައިވާ ކަމަށް އަސީލް ވިދާޅުވިއެވެ.
”މާބަނޑު މީހުން ފޯނު ކޮންސަލްޓޭޝަންއަކުން މުޅިން ފުރިހަމަ ވެގެން ނުދާނެ ހާލަތްތައް ހުންނާނެ. އެ ހާލަތްތަކުގައި ފޯނު ކޮންސަލްޓޭޝަން ތެރެއިން ސްކްރީން ކުރުމަށް ފަހު ބުދަ ދުވަހު ހެނދުނު 9 އާއި 12 އާ ދޭ ތެރޭގައި އަޅުގަނޑުމެން އެ ޕޭޝަންޓުން ގެނެވޭނެ. އެ ޕޭޝަންޓުން ބަލަމުން ދާއިރު، އަޅުގަނޑުމެން ދާނީ ސިއްހީ މިންގަނޑުގެ ތެރެއިން ޕީޕީއީ ބޭނުން ކުރެވިގެންދާނެ“ އަސީލް ވިދާޅުވި އެވެ.
އަސީލް ވިދާޅުވީ އަންނަ ޖުލައި މަހާ ހަމައަށް ވިހާ ހުރިހާ މާބަނޑު މީހުންގެ މައުލޫމާތު އެއްކޮށް، އެ މީހުން މިހާރު ދިރިއުޅޭ އުޅޭ ތަންތަނުގެ މައުލޫމާތު އައިޖީއެމްއެޗުން އެއްކޮށްފައިވާ ކަމަށެވެ. އެގޮތުން އިމަޖެންސީގައި މާބަނޑު މީހަކު ގެނައިނަމަވެސް، އެ މީހާއާ ބެހޭ މައުލޫމާތު ލިބޭނެ ގޮތަށް ރެކޯޑްތައް ބަލަހައްޓަމުންދާ ކަމަށް އަސީލް ވިދާޅުވި އެވެ.
އަސީލް ވިދާޅުވި ގޮތުގައި ކޮވިޑް-19 އަށް ޝައްކު ކުރެވޭ މާބަނޑު މީހުންނަށް ވަކިން ފަރުވާ ދެވޭ ގޮތަށް އަދި ވިހެއުމުގެ އިންތިޒާމް ހަމަޖައްސާފައިވެއެވެ.
ސަރުކާރުން ކަނޑައަޅާފައިވާ ކަރަންޓީން ނުވަތަ އައިސޮލޭޝަންގައި ތިބޭ މާބަނޑު މީހުންނަށް ފަސޭހަ އިން ޑޮކްޓަރުންގެ ލަފާ ހޯދޭނެ ގޮތަށް ޚާއްސަ ފޯނު ނަމްބަރުތަކެއްގެ ޚިދުމަތް ހަމަޖެހިފައިވާ ކަމަށާއި ކަރަންޓީން ފެސިލިޓީތަކުގައި އިސްކޮށް ތިބޭ ފަރާތްތަކުގެ ކިބައިން ވެސް އެފަދަ މައުލޫމާތުތައް ހޯދޭނެ ކަމަށް އަސީލް ވިދާޅުވިއެވެ.
ރާއްޖޭގައި އަހަރެއްގެ މައްޗަށް 6،900 އަށް ވުރެ ގިނަ މީހުން ވިހާއިރު، ކޮވިޑް-19 ގެ ނުރައްކާ ރާއްޖޭގައި މާބަނޑު މީހުންނަށް މިހާތަނަށް ކުރިމަތިވީ ވަރަށް މަދު ހާލަތްތަކެއްގައި ކަމަށެވެ.
ކޮވިޑް-19 އަށް ރާއްޖެ އިން މިހާތަނަށް 129 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރެއިން 18 މީހަކު މިހާތަނަށް ވަނީ ރަނގަޅުވެފަ އެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާބަނޑު މީހަކުވެސް ހިމެނެއެވެ. އަދި އޭނާގެ ޙާލު ރަނގަޅު ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

