ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ މިންވަރު ގޯސްވެއްޖެ ޙާލަތެއްގައި، ގިނަ ބަޔަކު ވެންޓިލޭޓަރަށް ލާން ޖެހުނަސް ބޭނުންވާ ވަރަށް އޮކްސިޖަން ލިބެން ހުންނާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮވިޑް-19 ގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ ބޭނުންވާ ވަރަށް ރާއްޖޭގައި އޮކްސިޖަން އެބަހުރި ކަމަށެވެ. އަދި އޮކްސިޖަންގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން ރާއްޖޭން ބޭރުންވެސް ގެންނަމުންދާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ ބެކަޕެއްގެ ގޮތުގައި ގެނެވޭ އޮކްސިޖަން ހުންނާނެ ކަމަށާއި ރާއްޖޭގައި މިހާރު ވެސް ކުރިން ރިފިލް ކުރަމުން އައިގޮތަށް އެ މަސައްކަތްވެސް ކުރެވޭނެ ކަމަށެވެ. ނަމަވެސް ކުއްލި ހާލަތެއް އަންނަ ވަގުތެއްގައި ބޭނުންވާ ވަރަށް އޮކްސިޖަން ގެނެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތްތަކާއެކު ބޭނުންވާ ކަންކަމާއި ތަކެތީގެ ލިސްޓެއް ހެދިފައި އޮންނާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެގޮތަށް ތަކެތި ގެންނަންޖެހޭ ވަރު އެ ލިސްޓުގައި ހިމަނާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
”އަޅުގަނޑުމެން ތިކަމުގައި ވެންޓިލޭޓާސްއާ ވެސް އެކީގައި އޮންނަނީ ނޭޝަނަލް ރިކުވަޔަމަންޓް ލިސްޓެއް. އޭގެ މާނައަކީ ރާއްޖޭގައި މިހާރު އަޅުގަނޑުމެން ފުރަތަމަ ހެދިފައި ހުރި އަންދާޒާތަކާ އެކީގައި އަޅުގަނޑުމެން ބަލަނީ އެއަށް ކޭޓާ ކުރުމަށްޓަކައި މި ހެދޭ އެނދުތައް. އަދި އެ އެނދުތަކަށް ބޭނުންވާ ތަކެތި ހަމަކުރާ އިރުގައި، ޑިސްޕެންސް ކަހަލަ އެހެން ތަކެތި ވެސް ކިހާ އަދަދަކަށްތޯ ރާއްޖެއަށް ގެންނަން ޖެހެނީ“ މަބްރޫކް ވިދާޅުވިއެވެ.
ވެންޓިލޭޓަރަށް ލާންޖެހިއްޖެ ޙާލަތެއްގައި ބޭނުންކުރާ ވަރަށް އޮކްސިޖެން ހުރިކަމަށް ސަރުކާރުން ބުނެފައިވާއިރު، ވެންޓިލާޓަރު ގެނައުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ 200 ވެންޓިލޭޓަރު ހަމަ ކުރުން ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ކޮވިޑް 19ގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ގެންނަން މަސައްކަތްކުރާ ވެންޓިލޭޓަރުތަކަށް ޖުމްލަ 56.3 މިލިއަން ރުފިޔާ ޚަރަދުވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެގޮތުން 70 ވެންޓިލޭޓަރު ރާއްޖެ ގެނައުމުގެ މަގު މަތީގައިވާ ކަމަށް ސަރުކާރުން ބުނެފައިވަނީ މާޗު މަހުގެ 28 ވަނަ ދުވަހުއެވެ.
ރާއްޖެ ގެންނަން ވެންޓިލޭޓަރުތަކުގެ ތެރެއިން 1.3 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ގެންނަ ހަ ޕޯޓަބްލް ވެންޓިލޭޓަރު ގެންނަން ހަވާލުކުރީ ”ނާޑް“ ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. އަދި 20 އައިސީޔޫ ބެޑް ވެންޓިލޭޓަރު ގެންނަން ވެސް ”ނާޑް“ ކުންފުންޏާ ޙަވާލުކޮށްފައިވެއެވެ.
މީގެ އިތުރުން 14 މިލިއަން ރުފިޔާއަށް 50 ވެންޓިލޭޓަރު ގެންނަން ހަވާލުކުރީ ”މެޑްޓެކް“ ކުންފުންޏާ އެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ މެދުވެރިކޮށް ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކުރީ 75 ވެންޓިލޭޓަރެއް ހިމެނެއެވެ. މި ވެންޓިލޭޓަރުތަކަށް 34 މިލިއަން ރުފިޔާ ޚަރަދު ކުރެއެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ރާއްޖޭގައި އިތުރުވަމުން އަންނަ އިރު، މިހާރު މުޅި ރާއްޖޭގައި ބޭނުން ކުރެވެން ހުރީ 97 ވެންޓިލޭޓަރުގެ އިތުރުން ފަހުން ގެނައި 6 ޕޯޓަބަލް ވެންޓިލޭޓަރެވެ. 97 ހަތް ވެންޓިލޭޓަރަކީ ރާއްޖޭގެ އެކި ހިސާބުގައި ހުރި، އެކި ކަންކަމަށް ބޭނުންކުރާ ވެންޓިލޭޓަރެވެ.
ސަރުކާރުން 76 ވެންޓިލޭޓަރު ގެނައުމަށް، ”ނާޑް“ އަދި ”މެޑްޓެކް“ އާއި ޙަވާލުކޮށްފައިވީނަމަވެސް އޭގެ ތެރޭން މިހާތަނަށް ރާއްޖެ ގެނެވިފައިވަނީ އެންމެ 6 ޕޯޓަބަލް ވެންޓިލޭޓަރެވެ. މިމަހުގެ 19 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ބުނެފައިވަނީ ބާކީ ވެންޓިލޭޓަރުތައް މިމަހު 21، 22 އެ ހިސާބުގައި ލިބޭނެ ކަމަށެވެ.
ފެބްރުއަރީ މަހުގެ ފަހުކޮޅު ރާއްޖެ ގެނައުމަށް ހަވާލުކުރި ވެންޓިލޭޓަރުތައް ހޯދުމުގައި ސަރުކާރަށް ވަނީ ކޮރަޕްޝަނާ ގުޅޭގޮތުން އެކި ތުހުމަތުތައް ކޮށްފަ އެވެ. ނަމަވެސް ސަރުކާރުން އެވާހަކަތައް ދޮގުކުރެއެވެ.

