ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގުއްދުވާގެ ހެޑްލީސް ވިއްކަން އުޅޭ މައްސަލައިގައި އެމްޓީޑީސީގެ ބޯޑުން އަަސާމީ އިސްތިއުފާ ދެއްވައިފި

އެމްޓީޑީސީގެ ބޯޑުން އިސްތިއުފާދިން އަސާމީ ރުޝްދީ --
ޝެއާރކޮށްލާ ކަހަލަދޯ؟

އަޔާޑާ ރިސޯޓު ހިންގަމުން އަންނަ ގދ. މަގުއްދުވާގެ ހެޑްލީސް، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އިން ނުއަގުގައި ވިއްކާލަން އުޅޭ ކަމަށް ބުނާ މައްސަލައިގައި ކުންފުނީގެ މެނޭޖްމަންޓުގެ މައްސަލަތަކެއް ފާހަަގަކޮށް ޑިރެކްޓަރުންގެ ބޯޑުން އަސާމީ ރުޝްދީ އިސްތިއުފާ ދެއްވައިފިއެވެ.

ބޯޑުން އިސްތިއުފާ ދެއްވައި އަސާމީ ފޮނުއްވި ސިޓިގައި ވަނީ އޭނާ އަކީ ކުންފުނީގެ އާންމު ހިއްސާދާރުންގެ މަަސްލަހަތު ހިމާޔަތްކުރަން ހޮވާފައިވާ މެމްބަރަކަށް ވާއިރު، އެ މަސްލަހަތާ ދެކޮޅަށް ކުންފުނިން ބައެއް ނިންމުންތައް ނިންމަމުންދާ ކަަމަށެވެ. އެހެންކަމުން، އެފަދަ ބޯޑެއްގައި ދެމިހުރުމަކީ އޭނާގެ ޒަމީރު ގަބޫލުކުރާ ކަމެއް ނޫން ކަމަށް އަސާމީ ވިދާޅުވެފައިވެއެވެ.

އެގޮތުން ކުންފުނީގެ މެނޭޖްމަންޓުން އަޔާޑާގެ މައްސަލައިގައި ބޯޑުން ނިންމި ނިންމުމާ އެއްގޮތަށް އަމަލުނުކުރާ ކަމަށާއި އެ މައްސަލަ ތަކުރާރުކޮށް އޭނާ އާއި ބޯޑުގެ އެހެން ޑިރެކްޓަރުން ވެސް ހުށަހަޅާފައިވާއިރު، އެކަމަށް އެދެވޭ ޖަވާބެއް ދީފައިނުވާ ކަމަށް އެ ސިޓީގައި ވެއެވެ.

އޭގެ އިތުރުން، ކުންފުނީގެ އިތުރު ހިއްސާ ވިއްކުމަށް ރައިޓްސް އިޝޫއަކަށް ދާން ބޯޑުން ނިންމާފައިވާ ކަމަށް ކުންފުނީގެ ބޯޑުން މީޑިއާ މެދުވެރިކޮށް ހާމަކޮށްފައިވަނީ މުޅިން ތެދު މައުލޫމާތެެއް ނޫން ކަމަށް ވެސް އަސާމީ ވިދާޅުވެފައިވެއެވެ. އަދި އެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދިން ހަަމައެކަނި އާންމު ހިއްސާދާރުންގެ ޑިރެކްޓަރަކީ އޭނާ ކަމަށް ވެސް ވިދާޅުވިއެވެ.

އެގޮތަށް ވޯޓު ދެއްވީ، އެ ނިންމުމަކީ ކުންފުނީގެ އާންމު ހިއްސާދާރުންގެ މަސްލަހަތަށް އުނިކަން އަންނަ ކަމަކަށް ވާތީ އާއި ކުންފުނި އުފެއްދި އަސްލު މަގުސަދު ކަމުގައިވާ ފަތުރުވެރިކަމުގެ ވަސީލަތްތައް އާންމު ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތުގައި އާންމު ރައްޔިތުންނަށް ވާސިލުކޮށްދިނުމުގެ ބަދަލުގައި، ހިއްސާދާރުންނަށް ލިބެންޖެހޭ މަންފާއާއި ކުރިއެރުން ގެއްލިދާ ފަދަ ނިންމުންތަކެއް ނިންމުމުގެ ވަސީލަތަކަށް ކުންފުނި ބަދަލުވެގެންދާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެން ތިއްބެވި އާންމު ހިއްސާދާރުންގެ މެމްބަރުން ވެސް ޝަރުތުތަކާއެކު އެކަމަށް ހުއްދަ ދިން ނަމަވެސް، އެކަމާ ގުޅިގެން ބޯޑުން އެދުނު ކަންކަމުގެ އަޕްޑޭޓު ނުދީ، އެއީ ބޯޑުން ހުއްދަ ދިން ކަމެއްގެ ގޮތުގައި މައުލޫމާތު އާންމުކުރުމަކީ ހިއްސާދާރުންނާއި އާންމު ރައްޔިތުންނާ މެދު ނުބައި ތަސައްވަރެއް އުފެދޭނެ ކަމެއް ކަމުގައި ދެކޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި، ކުންފުނީގެ ބޯޑަށް ހިއްސާދާރުންގެ ފަރާތުން ދީފައިވާ ބާރަކީ އަމާނާތެއް ކަމަށާއި ކޮންމެ ޑިރެކްޓަރެއްގެ ޒިންމާއަކީ ވަކި ފަރާތަކަށް ލިބޭނެ މަންފާއަކަށް ބެލުމެއް ނެތި، އެންމެހާ ހިއްސާދާރުންނަށް އިހުލާސްތެރިވެ، އެ މީހުންގެ މަސްލަހަތު އިސްކުރުން ކަމަށެވެ.

އެ ނިންމުމާ މެދު އިއުތިޒާރުކުރާކަން ރަސްމީކޮށް ރެކޯޑުކުރުމުގެ ގޮތުން އިސްތިއުފާގެ ސިޓީ ހުށަހަޅުއްވައި، އަސާމީ ވިދާޅުވީ، ބޯޑުގައި އިތުރަށް މަޑުކުރުމަކީ އޭނާ ގަބޫލުނުކުރާ ނިންމުންތަކަށް ދެވޭ ރުހުމެއް ކަމުގައި ބެލެވިދާނެ ކަމަށެވެ. ހިއްސާދާރުން އެކަމާ ގުޅިގެން ސުވާލުކުރާ ހާލަތެއްގައި އޭނާގެ އިސްތިއުފާގެ ސިޓީއާއި ޔައުމިއްޔާ ދެއްކުމަށް ވެސް އެ ސިޓީގައި އެދިވަޑައިގަތެވެ.

އެމްޑީޑީސީއަކީ ސަރުކާރުގެ 47 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏަަކަށް ވާއިރު، ބާކީ 53 ޕަސެންޓު ހިއްސާ އަކީ އާންމުންނަށް ވިއްކާފައިވާ ހިއްސާއެވެ.

ތުރުކީވާލަަށް ނިސްބަތްވާ ކުންފުންޏެއް ކަމަށްވާ އަހްމެޓް އައިޑެނިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ސަބްލީސްކޮށްގެން އަޔާޑާ މޯލްޑިވްސްގެ ނަމުގައި ހިންގަމުން އަންނަ ރިސޯޓުން އެމްޓީޑީސީއަށް ސަބްލީސް ރެންޓުގެ ގޮތުގައި ދާއިމީ ގޮތެއްގައި އާމްދަނީ ލިބެމުންދެއެވެ. ނަމަވެސް، އެ ކުންފުނިން ސަބްލީސްގެ ގިނަ އަދަދެއްގެ ފައިސާ ނުދައްކައި ހުރި އިރު، އެ ކުންފުންޏަށް ރަށުގެ ހެޑްލީސް ނުއަގުގައި ވިއްކާލުމުގެ މުއާމަލާތެއް ހިނގާ ކަމަށް ދާދި ފަހުން ވަނީ އަޑު ފެތުރިފައެވެ.

މަގުއްދުވާގެ ސަބްލީސްގެ ގޮތުގައި ކޮންމެ ކުއާޓަރެއްގައި އެމްޓީޑީސީއަށް 1.2 މިލިއަން ޑޮލަރު ލިބޭއިރު، ތުރުކީގެ ކުންފުންޏަށް ރަށުގެ ހެޑްލީސް ވިއްކާލަން އުޅެނީ ވެސް ގާތްގަނޑަކަށް އެ އަގަށެވެ. އެހެންކަމުން، އެ ކުންފުނީގެ އާންމު ހިއްސާދާރުންގެ މެދުގައި އެކަމުގެ ކަންބޮޑުވުން އެބަ އޮތެވެ.

އެފަދަ އަޑުތަކެއް ފެތުރިފައި ވަނިކޮށް އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރގެ މަގާމުން އަހުމަދު ނިޔާޒު ވަކިކޮށް، އެ މަގާމަށް ހާރިސް މުހައްމަދު އައްޔަންކުރީ މިދިޔަ ޖުލައި މަހުގެ ފަހުކޮޅުއެވެ.

އެފަހުން އެމްޓީޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުނީގެ ބައެއް ހަރުމުދާ ނުއަގުގައި ވިއްކާލަން އުޅޭކަމަށް ބަޔާންކޮށް، މީޑިއާގެ އެކި ވަސީލަތްތަކުގައި ދައުރުވަމުންދާ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: